ކޭމްބްރިޖް މެއި/ޖޫން އިމްތިހާނު ކެންސަލްް ކޮށްފި

ކޮންމާ އަހަރެއްގެ މެއި/ޖޫން މަހު ބާއްވާ ކޭމްބުރިޖްގެ އިމްތިހާނުތައް މިއަހަރު ނުބާއްވަން ނިންމައި އެ އިމްތިހާނުތައް ކެންސަލް ކޮށްފި އެވެ.

އެ ޔުނިވާސިޓީ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސްކޫލު ތަކާއި ކޮލެޖް، ޔުނިވާސިޓީތައް ބަންދުކޮށްފައިވާ ކަމަށާއި އެކަމާ ގުޅުވައިގެން މިއަހަރުގެ މެއި/ޖޫންގައި ބާއްވާ ކޭމްބްރިޖު އައިޖީސީއެސްސީ، އޯލެވެލް، ކޭމްބްރިޖު އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނާއި އޭއައިއީސީ ޑިޕްލޮމާ އަދި ކޭމްބްރިޖު ޕްރީ ޔޫ އެގްޒެމިނޭޝަން ކެންސަލް ކޮށްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ބުރަ މަސައްކަތް ކުރާނެ ކަމަށާއި ސްކޫލުތަކާ ގުޅިގެން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ މަސައްކަތް އެ ޔުނިވާސިޓީ އިން ކުރާނެ ކަމަށެވެ.

ކުދިންގެ ފެންވަރާއި ހުނަރު ވަޒަންކޮށް، އެކުދިންނަށް ކޭމްބްރިޖު ޔުނިވާސިޓީގެ ސެޓްފިކެޓެއް ދޭނެ ކަމަށްވެސް ކޭމްބްރިޖު ޔުނިވާސިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޭމްބްރިޖުގެ މެއި ޖޫން އިމްތިހާނު ފަސް ކުރުމުން ރާއްޖޭގެ ދަރިވަރުންނަށް އެކަމުން މާބޮޑު އަސަރެއް ނުކުރާނެ އެވެ. ރާއްޖޭގައި އޯލެވެލް ހަދަނީ އޮކްޓޯބަރުގައި ނަމަވެސް މަދު ސްކޫލުތަކަކާއި އަމިއްލަ ޓިއުޝަން ސެންޓަރުތަކުން މެއި/ޖޫން އިމްތިހާނުގައި ބައިވެރިވެ އެވެ.

އެގޮތުން ހުޅުމާލޭގައި ހުންނަ، ބްރައިޓްވޭ ސްކޫލުގައި މެއި/ޖޫން އިމްތިހާން ހަދަ އެވެ. އެ ސްކޫލުން އިމްތިހާން ހަދަނީ އެންމެ ތިން ދަރިވަރުން ކަމަށް އެނގިފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ވެސް ބުނީ ކޭމްބުރިޖްގެ މޭ/ޖޫން އިމްތިހާނުގައި އިށީންނަނީ ރާއްޖެއިން ވަރަށް މަދު ދަރިވަރުން ކަމަށެވެ. އަދި އެ ސެންޓަރުތަކާ ވާހަކަ ދައްކައިގެން އެކަމުގައި ގޮތްތަކެއް ރޭވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ރަސްމީ މަންހަޖުގެ ދަށުން އޭލެވެލް ކިޔަވާ ދަރިވަރުން ހަދަނީ އެޑެކްސެލްގެ އިމްތިހާނެވެ. އެ އިމްތިހާނު ފަސްކުރުމާ ގުޅޭގޮތުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

އެ މިނިސްޓްރީ އިން ބުނީ މިއަހަރުގެ އޯލެވެލް އިމްތިހާނާއި ސްކޫލުތަކުގެ ޗުއްޓީވެސް ފަސްކޮށްފައި ނުވާކަމަށެވެ.

comment ކޮމެންޓް