ބ. އަތޮޅުގައި އެންދަމަން ފީނި މަސްވެރިއެއްގެ ހާލު ދެރަވެގެން އެ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ރ. ކިނޮޅަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު 'ސަން' އަށް ވިދާޅުވީ އެ މަސްވެރިޔާ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު މެންދުރު 1:30 އާއި2:00އާ ދެމެދު ކަމަށެވެ.
"ހޮސްޕިޓަލަށް ގެނައި އިރު އެއްވެސް ހަރަކާތެއް ނެތް. ތިނެއް ޖަހަން އުޅެނިކޮށް މަރުވެފައި ވަނީ،" ރަޝީދު ވިދާޅުވި އެވެ.
މަސްވެރިޔާގެ ހާލު ގޯސްވެފައިވަނީ، އެންދަމަން ފޭބި ފަހުން ކަމަށް ރަޝީދު ފާހަގަކުރެއްވި އެވެ. އަދި އަޑީގައި އޮވެފައި މައްޗަށް އަރައި 'ވަރަށް ބޮޑަށް މެޔަށް ތަދުވާ' ކަމަށް ބުނުމުން އެންމެ ކައިރީގައި ހުރި އޭދަފުށީ ހޮސްޕިޓަލަށް އެ މީހުން އައިސްފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
އެންދަމަން ފީނާ އަދި ޑައިވިން ކުރާ ބައެއް މަސްވެރިންގެ ހާލު މީގެ ކުރިން ވެސް ގޯސްވެގެން ވަނީ އެމަޖެންސީގައި ފަރުވާދީފަ އެވެ. އަދި ބައެއް މަސްވެރިން ދުނިޔެ ދޫކޮށް ވެސް ވަނީ ގޮސްފަ އެވެ.