ކޮރޯނާވައިރަސް: އިރާނުން އިތުރު 127 މީހަކު މަރުވެއްޖެ

އީރާނުގައި ބަޔަކު މާސްކު އަޅައިގެން -- ފޮޓޯ: ރޮއިޓާސް

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން އިރާނުން އިތުރު 127 މީހުން މަރުވެއްޖެެއެވެ.

އެއާއެކު ކޮރޯނާ ޖެހިގެން އިރާނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،812 އަށް އަރައިފައެވެ. މިހާތަނަށް އިރާނުގެ 23،049 މީހުންނަށް ވަނީ ޖެހިފައެވެ.

ބަލި ފެތުރުނުއިރު އިރާނުން އެކި ސަރަހައްދުތައް ބަންދުކުރުން ފަދަ ކަންކަން ކުރީކޮޅު ކޮށްފައިނުވާތީ އެކަމަށް ވަރަށް ބޮޑަށް ވަނީ ފާޑުކިޔުންތައްވެސް އަމާޒުވެފައެވެ.

އޭގެ އިތުރުން އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންވެސް ކޮރޯނާއާ ދެކޮޅަށް ހަނގުރާމަކުރުމުގައި އިރާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެެވެ.

ކޮރޯނާ ޖެހިގެން އިރާނުގެ ސަރުކާރުގެ އިސްވެރިންތަކެއްވެސް ވަނީ އަަވަހާރަވެފައެވެ.

ކޮރޯނާ ޖެހިފައިވާ މީހަކު ސީރިއާއިންވެސް ވަނީ ފެނިފައެވެ. އެކަމާ ގުޅިގެން އެގައުމުގެ ސަރުކާރުން އެކި ސަރަހައްދުތައް ބަންދުކުރުން ފަދަ ކަންތައްތަކެއް ކޮށްފާނެތީ ސީރިއާގެ ގިނަ ބަޔަކު މިހާރު ވަނީ ތަކެތި ގަތުމަށްޓަކައި ބާޒާރަށް ޖަމާވެފައެވެ. މިހާރުވެސް ބައެއް ސަރަހައްދުތައް ސީރިއާގެ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.

އޭގެ އިތުރުން ސީރިއާއާއި ޖޯޑަން އަދި ލުބްނާންގެ ބޯޑަރު ސަރަހައްދުތައް ވަނީ ބަންދުކޮށްފައެވެ. އަދި ސީރިއާއަށް އުދުހޭ ކޮމާޝިއަލް ފްލައިޓްތައްވެސް ވަނީ ހުއްޓާލައިފައެވެ.

ކޮރޯނާވައިރަސް މުޅި ދުނިޔޭގެ 350،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 15،000 އަށް ވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހި، މަރުވެފައެވެ.

comment ކޮމެންޓް