ކޮރޯނާއާ ދެކޮޅަށް ކުރާ މަސައްކަތަށް ވޮލަންޓިއަރުން ހޯދަނީ

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖޭގައި، ކޮވިޑް-19 ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ވޮލެންޓިއަރުން ހޯދަން އިއުލާނުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަަރަށް ވޮލެންޓިއަރުން ހޯދަން އެ އެޖެންސީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އިއުލާނުކޮށްފައެވެ. އަދި އާންމުނަށް މެސެޖުގެ ޒަރީއާއިންވެސް ވޮލެންޓިއަރުން ހޯދަން އިއުލާނުކޮށްފައެވެ.

ވޮލަންޓިއަރަކަށް ވާން ނަން ނޯޓު ކުރަން ހުޅުވާލާފައި ވަނީ ހެލްތު މިނިސްޓްރީގެ އޮންލައިން ފޯމަކުންނެވެ. އެ ފޯމު ފުރާލުމަށް ފަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ވޮލެންޓިއަރުން މެނޭޖުކުރުމާ ބެހޭ ބައިގެ ނަމްބަރު 3333405އިން ގުޅަންދެން މަޑުކުރަން އެ ފޯމުގައި އެދިފައިވެއެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަަސައްކަތަށް ވޮލަންޓިއަރުން ހޯދަން އިއުލާނުކޮށްފައިވާއިރު، އެ މަސައްކަތަށް ރާއްޖެއިން ބޭރުގައި ތިބި 51 ދިވެހި ޑޮކްޓަރަކު އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާއަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފައެވެ.

އެހެންނަމަވެސް، މިފަހުން ރާއްޖެ އައި ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ މަރުއާން ފެލެއިނީ އަނބުރާ ޗައިނާއަށް ދިޔަ ފަހުން އޭނާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އޭނާއާ ކޮންޓެކްޓުވި ދެ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނާތީ ޓެސްޓު ދަނީީ ކުރަމުންނެވެ. އަދި އެ ދެ މީހުން މާލޭގައި ދިރިއުޅޭ ދެ ގެ ވަނީ މޮނިޓަރިންއަށް ގެނެސްފައެވެ.

comment ކޮމެންޓް