ޕަޕެޓުން އައްޔަން ކުރާ ކަމަށް ބުނެ ފުވާދު ތައުފީގުގެ ފާޑުކިޔުން ސަރުކާރަށް!

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުވާދު ތައުފީގު --- ސަންފޮޓީޯ/ ފަޔާޒު މޫސާ

މިނިވަން މުއައްސަސާތަކަށް ޕަޕެޓުން އައްޔަން ކުރާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުވާދު ތައުފީގު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮށްފައި ހުރި ޓުވީޓްތަކަށް ރައްދު ދެއްވަމުން ފުވާދު ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ޕަޕެޓުން ލާން ލީޑަރުން ބޭނުންވާ ކަމަށެވެ. ނަމަވެސް ފުވާދު އެހެން ވިދާޅުވެފައި ވަނީ ކާކަށް ނިސްބަތްކޮށް ކަމެއް އެ ޓްވީޓުން އެެނގޭކަށް ނެތެވެ.

މީހަކު ރައީސް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހެޅިތާ ނުވަމަސް ދުވަސް ވެގެން ދިޔައިރު އެކަމާ ބެހޭ ގޮތުން އެއިން އިދާރާއަކުން ޖަވާބެއް ނުދީގެން އޭނާ ކޮށްފައިވާ ޓުވީޓަކަށް ވެސް ފުވާދު ވަނީ ރައްދު ދެއްވާފަ އެވެ. ފުވާދުު ވިދާޅުވެފައި ވަނީ ރައްޔިތުން ސަރުކާރާއި އޭސީސީއާ މެދު ކުރި އުންމީދަކީ އެއީ ނޫން ކަމަށެވެ.

"ރައްޔިތުން އެމްޑީޕީއަށް ވޯޓުލީ އިންސާފުގެ އުންމީދުގައި. ތެދުވެރިކަމާއި އިހުލާސްތެރިކަން އަދި ކޮރަޕްޝަނަށް ޒީރޯޓޯލަރެންސް އޮންނާނެ ކަމުގެ އުންމީދުގައި. އެކަމަކު 16 މަސް ފާއިތުވެގެން މިދިޔައީ އެއިން އެއްވެސް ކަމެއް ކާމިޔާބު ނުވެ،" ފުވާދު ވިދާޅުވި އެވެ.

އެ ފާޑުކިޔުންތަކަށް ފަހު، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ކަމަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އިންތިހާބު ކުރުމަށް ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ބޭއްވި ވޯޓުގައި ވެސް ފުއާދު ބައިވެރިވެފައެއް ނުވެ އެވެ.

ސަރުކާރަށް ފުވާދުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވާއިރު، އޭނާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރީ ވެސް މިސަރުކާރުންނެވެ.

comment ކޮމެންޓް