15 ކިލޯ ބަރުވުމަށް ފަހު ކްރިތީ ހިކެން މަސައްކަތް ފަށައިފި

ކްރިތީ ސެނަން----

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ކްރިތީ ސެނަން ފިލްމު "މީމީ" ކުޅުމަށް އޭނާ ވަނީ 15 ކިލޯ ބަރުކޮށްފަ އެވެ.

މިހާރު މިވަނީ ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށް ނިމި ފިލްމުގެ މަސައްކަތް ވެސް ނިންމާލައިފަ އެވެ. ލުކާ ޗުއްޕީގެ ބަތަލާ ކްރިތީ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި އޭނާ ކުޅެނީ ސަރޮގޭޓް މަންމައެއްގެ ރޯލެވެ. ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރު ފިލްމާ ގުޅޭ ގޮތުން ކްރިތީ ބޭރުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ހިކިކޮށް ހުންނަ މީހަކު ކުއްލިއަކަށް އެހާ ބޮޑުތަން ބަރުވާންޖެހުމުން ބޮޑު އުނދަގުލެއްވި ކަމަށެވެ. ފަނަރަ ކިލޯ ބަރުވުމަށް ފަހު މިހާރު ކްރިތީ އަންނަނީ ލުއިވުމަށް މަސައްކަތްކުރަމުންނެވެ. ކްރިތީ ބުނީ ހިކިވުމަކީ ފަލަވުމަށް ވުރެ އުނދަގޫ ބުރަ މަސައްކަތެއްކަމަށެވެ. އަދި ހަޔާތުގެ ވެސް ފުރަތަމަ ފަހަރަށް އޭނާ ޑައެޓްކުރަން ޖެހުނީ މިފަހަރު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އަންނަ ޖުލައި މަހު ނެރޭ އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. މި ފިލްމުގައި ކްރިތީގެ އިތުރުން ޕަންކަޖް ތުރިޕަތީ އާއި ސާއީ ތަމްހާކަރް ހިމެނެ އެވެ.

comment ކޮމެންޓް