އިޖުތިމާއީ ގައިދުރުކަން: ލަންކާ ނަމޫނާއަކަށް!

ލަންކާއިން ވަނީ އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމުގައި ނަމޫނާއެއް ދައްކާފައި -- ފޮޓޯ: ޓުވިޓާ

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ހަވީރުން މިއަދު ހެނދުނާ ހަމަޔަށް އެގައުމުގައި އޮތީ ކާފިއު ހިންގައިފަ އެވެ. އަދި މިއަދު އެ ފިޔަވަޅުތައް ލުއި ކުރީ އަނެއްކާ ވެސް ދުވަސްތަކަކަށް ކާފިއު ހިންގާނެ ކަމަށް ބުނެފަ އެވެ. އެއާއެކު ލަންކާގެ ރައްޔިތުން ގެއަށް ބޭނުންވާ ތަކެތި ގަންނަން އަވަސްވެގަތް ނަމަވެސް، ފިހާރަތައް ކައިރިން ފެނިގެން ދިޔައީ ނަމޫނާ މަންޒަރެކެވެ.

މިހާތަނަށް 87 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ލަންކާގައި ކާފިއު އިއުލާން ކުރީ ހުކުރު ދުވަހުގެ 16:00އިން ފެށިގެން މިއަދު ހެނދުނު 6:00އަށެވެ. އެހެން ނަމަވެސް ކޮލަމްބޯ އާއި ޕުއްތަލަމް ހިމެނޭ ގޮތަށް އަށް ޑިސްޓްރިކްޓެއްގެ ކާފިއު މާދަމާ ހެނދުނު ހަޔެކާ ހަމަޔަށް ވަނީ އިތުރުކޮށްފަ އެވެ. އަދި އެ ސަރަހައްދުތަކުގައި މާދަމާ 12:00އިން ފެށިގެން އަންނަ ހުކުރު ދުވަހާ ހަމަޔަށް އަނެއްކާ ވެސް ކާފިއު ހިންގާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

އެ އަށް ޑިސްޓްރިކްޓު ނޫން އެހެން ސަރަހައްދުތަކުގައި މިއަދު މެންދުރު 14:00ގައި އަނެއްކާ ވެސް ކާފިއު ހިންގަން ވަނީ ނިންމާފަ އެވެ. އަދި އެ ސަރަހައްދުތަކުގައި ދެން ކާފިއު އުވާލާނީ ބުރާސްފަތި ދުވަހު ހެނދުނު ކަމަށް ރައީސް ގޯޓާބަޔާ ރާޖަޕަކްސަ ވިދާޅުވި އެވެ.

ލަންކާގެ ނޫރަލިޔާގައި މިއަދު ހެނދުނު ފިހާރައެއް ކައިރީ އޮތް ކިޔޫއެއް --

ލަންކާގައި އެންމެންވެސް ގޭގައި ތިބުމަށް އިލްތިމާސްކޮށް ކާފިއު އިއުލާން ކުރި ނަމަވެސް އެކި ވަގުތުތަކުގައި ކާފިއު އުވާލަނީ މީހުން ގެއަށް ބޭނުންވާ ތަކެތި ގަތުމަށާއި ކޮންމެހެން ބޭނުންވާ ހިދުމަތްތައް ހޯދުމަށް ފުރުސަތު ދިނުމަށެވެ.

އެވަގުތުކޮޅުގައި ބޭރަށް ގޮސް އުޅޭ އިރު އަމަލު ކުރަން ޖެހޭ ގޮތުގެ އިރުޝާދުތައް ލަންކާ ސަރުކާރުން ވަނީ ދީފަ އެވެ. އޭގެ ތެރޭގައި މާސްކު އަޅައިގެން ބޭރަށް ދިޔުމަށާއި ކިޔޫގައި ތިބޭ އިރު ކޮންމެ މީހަކު ވެސް އެއް މީޓަރު ދުރުގައި ތިބުމަށް އެންގުން ހިމެނެ އެވެ.

މިއަދު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ ލަންކާގައި އެ އިރުޝާދުތަކަށް މީހުން އަމަލު ކުރި ކަމަށް ބުނެ އުފާފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވެސް ހިމެނެ އެވެ.

"ރައްޔިތުން ގާނޫނަށް ތަބާވެ، އިޖުތިމާއީ ގައިދުރުކަން ދަމަހައްޓާ މަންޒަރު ފެންނަ ގިނަ ފޮޓޯތަކެއް މިއަދު ހެނދުނުން ފެށިގެން ދަނީ ލިބެމުން. ކޮވިޑް19އާ ދެކޮޅަށް ކުރާ މި ހަނގުރާމައިގައި އެންމެން ވެސް އަދާ ކުރަމުންދާ ދައުރަށް އަޅުގަނޑު ޝުކުރު އަދާ ކުރަން،" މަހިންދަގެ ޓުވީޓުގައިވެ އެވެ.

މީގެ އިތުރުން ލަންކާގައި ހަރަކާތްތެރިވާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ބްރާންޗުން ވެސް ވަނީ ފިހާރަތައް ކައިރީ ކިޔޫގައި ޖެހިފައި ތިބި މީހުން އަމަލު ކުރަމުންދާ ގޮތް ރަނގަޅުކަން ފާހަގަ ކޮށްފަ އެވެ.

ލަންކާގެ ބައެއް ވިޔަފާރިތަކުން ވެސް ވަނީ ތަކެތި ގަންނަން ދާ މީހުން ތޮއް ނުޖެހޭނެކަން ޔަގީން ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ކޮންމެ މީހަކަށް ވެސް ދުވާލަކަށް ތަކެތި ގަނެވޭ މިންވަރާއި ފިހާރައިގައި ހޭދަ ކުރެވޭނެ ވަގުތު ކަނޑައަޅާ، ފިހާރަ ތެރޭ އެއް ފަހަރާ ތިބެވޭނެ މީހުންގެ އަދަދު ވެސް ވަނީ ބައެއް ވިޔަފާރިތަކުން ކަނޑައަޅާފަ އެވެ.

އެހެން ނަމަވެސް ޓުވިޓާގައި ބައެއް ފަރާތްތަކުން ވަނީ ކިޔޫ ހަދާފައި ތިބި މީހުން ފުރަތަމަ އެކަކު އަނެކަކުގެ މެދުގައި ދުރުމިން ބެހެއްޓި ނަމަވެސް، ފިހާރަތައް ބަންދު ކުރާ ވަގުތާ ކައިރިވުމުން ކިޔޫތައް ތޮއްޖެހެން ފެށިކަން ފާހަގަކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާއިން ފެންނަ ގޮތާ ހިލާފަށް، ބައެއް ވިޔަފާރިތައް ކައިރީ އެއްވެސް ތަރުތީބެއް ނެތި މީހުން އެއްވި ކަމަށް ވެސް ބުނެފަ އެވެ.

ލަންކާގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، މި ހަފްތާގައި އެންމެން ގޭގައި ތިބެގެން މަސައްކަތް ކުރަން އެންގުން ހިމެނެ އެވެ. އަދި އެގައުމަށް ވައިގެ މަގުންނާއި ކަނޑު މަގުން މީހުން އެތެރެވުން މުއްދަތެއް ނެތް ގޮތަށް މަނާކުރުން ހިމެނެ އެވެ.

comment ކޮމެންޓް