ކޮވިޑް19 އާ ގުޅިގެން "މިނިއަންސް 2" ފަސްކޮށްފި

މިނިއަންސް ފިލްމުގެ މަންޒަރެއް---

ޔުނިވާސަލް އާއި އެނިމޭޝަން ސްޓޫޑިއޯ އިން ގެނެސްދޭ "މިނިއަންސް2" ރިލީޒްކުރުން ފަސްކޮށްފިއެވެ.

މިހާރު ދުނިޔޭގައި ހަލަބޮލިކަމާއެކު ފެތުރެެމުންދާ ކޮވިޑް19 އާ ގުޅިގެން އެ ފިލްމު ރިލީޒްކުރުން ފަސްކުރިއިރު މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހުއެވެ. މުއްދަތެއް ނެތް ގޮތަށް ފިލްމު ރިލީޒްކުރުން ވަނީ ފަސްކޮށްފައެވެ.

މި ފިލްމަކީ ކައިލް ބަލްދާ ޑައިރެކްޓްކުރާ ފިލްމެކެވެ. 2015 ވަނަ އަހަރު ނުކުތް މިނިއަންސް އަށް ވަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މި ފިލްމަކީ 2015 ވަނަ އަހަރު ނުކުތް މިނިއަންސްގެ ސީކުއަލްއެކެވެ.

އެ ކެރެކްޓާތަކަށް އަޑުއަޅައިދީފައިވާ ބައެއް ތަރިންގެ ތެރޭގައި ޕިއެރޭ ކޮފިން، ސްޓީވް ކާރެލް، ރުސެލް ބްރޭންޑް އަދި ޖޫލީ އެންޑްރިއުސް ހިމެނެއެވެ.

"މިނިއަންސް" އަށް ދުނިޔޭގެ އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމުތަކުގެ ލިސްޓުން ދެ ވަނަ ލިބިފައި ވަނީ ޗައިނާގައި އެޅުވި ފުރަތަމަ ދުވަހު އެ ފިލްމަށް ލިބުނު 20.1 މިލިއަން އެމެރިކާ ޑޮލަރުގެ ފައިދާއާ އެކުގަ އެވެ.

comment ކޮމެންޓް