ފްލައިޓްތައް 67 ޕަސެންޓް މަދުވެ އެއާޕޯޓް ފަޅުވެފައި

މާޗް 23، 2020: ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ ސަބަބުން ރާއްޖޭގޭގައި ވެސް ވައިގެ އުދުހުންތަ މަޑު ޖެހި، ވެލާނާ އެއާޕޯޓްގައި ޕާކް ކޮއްފައި އޮފީ މޯލްޑިވިއަން ފްލައިޓް އެކަނި -- ސަން ފޮޓޯ. ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރަނީ އޭވިއޭޝަން ދާއިރާއަށެވެ. ދަތުރު ކުރާ މީހުންގެ އަދަދު ބޮޑުތަނުން މަދުވެ، އެއާލައިންތަކަށް ގެއްލުމާ ކުރިމަތިވަމުންދާއިރު، ބޮޑެތި އެއާލައިންތައް ހިމެނޭގޮތަށް، އެއާލައިންތަކުން ދަނީ ދަތުރުރުތައް މަދުކޮށް ފްލައިޓުތައް ގްރައުންޑް ކުރަމުންނެވެ.

ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތަކުންވެސް، ދަތުރުތައް ހުއްޓާލާފައިވާއިރު، އާންމުކޮށް އެއާޕޯޓަށް ބާރުބޮޑު އާދިއްތަ ދުވަސް މިހާރު ވަނީ ފަޅު ދުވަހަކަށް ވެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖުކޮށް އާދިއްތަ ދުވަހަކު ރާއްޖެއަށް 48 އިންޓަނޭޝަނަލް ފްލައިޓު އޮޕަރޭޓު ކުރެ އެވެ. ޑޮމެސްޓިކް ދަތުރުތައް އުޅެނީ 50 އިން މަތީގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ފަޅަށްބ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ކޮރޯނާއާއެކު ގައުމުތަކުން އަދި އެއާލައިންތަކުން އަޅާފައިވާ ފިޔަވަޅުތަކާއެކު މިއަދަދު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. ސުޕަސަންޑޭގެ ގޮތުގައި ބަލާ އާދިއްތަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ފެނުނީ ފަޅަށެވެ.

އެމްއޭސީއެލް އިން ހިއްސާކުރި މައުލޫމާތަށްބަލާއިރު އިއްޔެ ރާއްޖެއަށް އޮޕަރޭޓުކޮށްފައިވަނީ، އެންމެ 16 އިންޓަނޭޝަނަލް ފްލައިޓެވެ. އެއީ 67 ޕަސެންޓް ދަށް އަދަދެކެވެ. ޑޮމެސްޓިކް ދަތުރުތަކުގެ އަދަދު ވަނީ 25 އަށް ވެއްޓިފަ އެވެ. އެއީ، ކުރިއާ އަޅާބަލާއިރު 50 ޕަސެންޓުގެ ވެއްޓުމެކެވެ.

މި އަހަރުގެ ޖެނުއަރީ ފަސްވަނަ ދުވަހަކީ ވީއައިއޭ އިން އާ ރެކޯޑެއް ގާއިމް ކުރި ދުވަހެކެވެ. އެ އާދިއްތަ ދުވަހު 252 ރަންވޭ މޫމަންޓްސް ވަނީ ރެކޯޑު ކުރެވިފަ އެވެ.

އެވްރެޖުކޮށް ރާއްޖެއަށް 5،000 އެއްހާ ފަތުރުވެރިން އައި ނަމަވެސް، މި އަދަދު މިހާރު ވަނީ 200 އަށް ދަށްވެފަ އެވެ. މަދު އަދަދެއްގެ ގައުމުތަކުން ރާއްޖެއަށް އަދިވެސް ފަތުރުވެރިން އަންނަމުންދާއިރު، ބައެއް ރިސޯޓުތައް ވަނީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ފަޅަށް: --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ދަތުރުކުރި ބައެއް އެއާލައިންތަކުން މިއަދުން ފެށިގެން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލާއިރު، އަންނަ މަހުގެ ނިޔަލަށް ދަތުރުތައް ހުއްޓާލާފައި ބާއްވާނެ އެވެ.

އެމްއޭސީއެލް އިން ބުނީ މި އަހަރުގެ ފެބްރުއަރީ މަހު ވީއައިއޭ އަށް އޮަޕަރޭޓުކުރި ފްލައިޓުތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް މަދުވެފައިވާ ކަމަށެވެ.

ކޮރޯނާވައިރަހާ އެކު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެމްއޭސީއެލްގެ އާމްދަނީ ވެސް ބޮޑުތަނުން ދަށަށް ދާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް