މާލެ ސިޓީ ޑިސްއިންފެކްޓު ކުރަން ފަށައިފި

މާލެ ސިޓީ ޑިސްއިންފެކްޓުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އެމްއެންޑީއެފް

މާލޭ ސިޓީ ކައުންސިލާއި ސިފައިން ގުޅިގެން މާލެ ސިޓީ ޑިސްއިންފެކްޓުކޮށް ސާފުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފި އެވެ.

އެެމްއެންޑީއެފްގެ އިންފޮމޭޝަންސް އިބްރާހީމް އާޒިމް ވިދާޅުވީ މިއަދު ހެނދުނު 08:45 ހާއިރު މާލެ ސިޓީ ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މާލެ ސިޓީ އާއި ހުޅުމާލެ ވެސް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

މިހާރު މާލެ ސިޓީ ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ހުޅުމާލެ ސާފުކުރުމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. ހުޅުމާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

މާލެ ސިޓީ ޑިސްއިންފެކްޓުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން: އަމީނީ މަގު ސާފުކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

މަގުތައް ޑިސްއިންފެކްޓު ކުރުމަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކޮރޯނާވައިރަސް ފެތުރިޔަނުދިނުމަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ކޮށްފައިވާ ކަމެކެވެ. އެގޮތުން އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާންގައި ވެސް މަގުތައް ޑިސްއިންފެކްޓުކޮށްފައިވެ އެވެ.

ކޮރޯނާވައިރަސް ރާއްޖެއިން ވެސް ފެނިފައިވާ އިރު، ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓވް 13 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ބަލިން ފަސޭހަ ވެފަ އެވެ.

comment ކޮމެންޓް