އަތުލައިގަތް ޑްރަގް ނެޓްވޯކެއްގައި ހިމެނޭ 9 މީހުންގެ ފޮޓޯ، ވަނަވަރު އާންމުކޮށްފި

ހޯނޑެއްދޫ އިން ހައްޔަރުކުރި ނުވަ މީހުން -- ފޮޓޯ/ޕޮލިސް

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި ނުވަ މީހުންގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް މޯލްޑިވްސް ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ 10 ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، އެ ގެތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ފެނިފައިވާ ކަމަށެވެ.

ހޯނޑެއްދޫއިން އަތުލައިގެން މަސްތުވާތަކެތި -- ފޮޓޯ/ޕޮލިސް

އެ އޮޕަރޭޝަންގައި ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ވަނީ ހޯދައިފައެވެ.

ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ނުވަ މީހުން:

1. ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު (24އ) : ވައްކަމާއި ބިރުދެއްކުމުގެ ރެކޯޑު އޮވޭ

2. ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (50އ) : މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

3. ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ) : މާރާމާރީގެ ރެކޯޑެއް އޮވޭ

4. ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

5. ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ): މަސްތުވާތަކެއްޗާއި އަމުރަށްނުކިޔަމަންތެރިވުމުގެ ރެކޯޑު އޮވޭ

6. ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް (37އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

7. ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

8. ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު
ސިދުރަތު (27އ): ކުށުގެ ރެކޯޑެއް ނެތް

9. ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް (25އ): ކުށުގެ ރެކޯޑެއް ނެތް

ފުލުހުން ބުނީ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު ސިދުރަތާއި މުހައްމަދު ގިޔާސްއަކީ އެއްވެސް ކުށެއްގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ނޫން ކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރުކޮށް، މުހައްމަދު ސިދުރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބުރުއަރީ ފަސްވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

މުހައްމަދު ސިދުރަތުގެ އިތުރުން އެ މައްސަލާގައި ހައްޔަރު ކުރި
އެންމެން މިހާރުވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ނިންމާ ފެށޭ ހަފުތާތެރޭގައި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނެ ކަމަށެވެ.

comment ކޮމެންޓް