ޓާކިޝްއެއާލައިނުން ފަސް މަންޒިލެއް ފިޔަވާ، އެހެން ދަތުރުތައް ހުއްޓާލަނީ

ތުރުކީގެ ޓާކިޝް އެއާލައިންސް އިން ދުނިޔޭގެ ފަސް މަންޒިލަކަށް ކުރާ ދަތުރުތައް ފިޔަވާ، އެހެން ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނީ ހޮންކޮންގް، މޮސްކޯ، އިތިއޮޕިއާ، އަދި އެމެރިކާގެެ ވޮޝިންޓަން އާއި ނިއުޔޯކަށް ކުރާ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ އޭވިއޭޝަން ދާއިރާ އަށެވެ. ގިނަ އެއާލައިންތަކަކުން ދަތުރުތައް މަދުކޮށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، މި ބަލިމަޑުކަން ދެމިގެންދާނަމަ އިންޑަސްޓްރީ ބޭންކްރަޕްޓު ވެދާނެކަމުގެ ބިރު އެބައޮތެވެ.

ޓާކިޝް އެއާވޭސްގެ ޗެއާމަން ވިދާޅުވީ އެ އެއާލައިނުން ދަތުރުކުރާ 107 މަންޒިލެއްގެ އެއާ ސްޕޭސް ބަންދުކޮށްފައިވާތީ، ދަތުރުތައް ހުއްޓާލާފައިވާ ކަމަށާއި އެއާލައިނުން އަމިއްލަ އަށް 60 މަންޒިލެއްގެ ދަތުރުތައް ހުއްޓާލާފައިވާ ކަމަށެވެ.

ޓާކިޝް އެއާލައިނުން ބުނީ ކޮރޯނާ އާއި ގުޅިގެން އުމުރުން 65 އަހަރުން މަތީގެ ފަސިންޖަރުން އުފުލުން މެދުކަނޑާލާފައިވާާ ކަމަށެވެ. އެއާލައިނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފަސިންޖާ ފްލައިޓުތައް ކާގޯ ފްލައިޓުތަކަށް ބަދަލުކުރަން ނިންމާފައިވާކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މިމަހުގެ 20 ގެ ކުރިން ޓާކިޝް އެއާލައިނުގެ ޓިކެޓު ގަނެފައިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލާ ދަތުރުކުރާ ދުވަސް ބަދަލު ކުރެވޭނެ ކަމަށާއި މިއަހަރުގެ ކޮންމެ ހިސާބަކަށްވެސް ދަތުރު ފަސް ކުރެވިދާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

ހަރަދު ކުޑަކުރުމަށް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ ވިސްނުން ނުގެންގުޅޭކަމަށް ޓާކިޝް އެއާލައިންސް އިން ވަނީ ބުނެފައެވެ.

ޓާކިޝް އެއާލައިންސް އިން ރާއްޖެއަށް ދުވާލަކު އެއް ދަތުރު ބާއްވަމުން ދިޔަ ނަމަވެސް އަންނަ އޭޕްރީލް 16 ގެ ނިޔަލަށް ދަތުރުތައް ހުއްޓާލަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް