އޮލިމްޕްކްސް ބޭއްވުމާ މެދު ގޮތެއް ނިންމާނީ ހަތަރު ހަފްތާ ފަހުން

ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ އޮލިމްޕިކް ގޭމްސްގެ ޕޯސްޓަރެއް ---

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ދުނިޔޭޭގެ ބޮޑެތި ކުޅިވަރު އިވެންޓުތައް ކެންސަލުކޮށްލި ނަމަވެސް މިއަހަރުގެ އޮލިމްޕިކްސް ކެންސަލު ނުކުރާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަން ހަތަރު ހަފްތާ މަޑު ކުރާނެ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އިން ބުނެފިއެވެ.

މިއަހަރުގެ އޮލިމްޕިކްސް ނުވަތަ ޓޯކިޔޯ 2020 ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 24 އިން ފެށިގެން އޯގަސްޓު 9 ގެ ނިޔަލަށެވެ.

އޮލިމްޕިކްސް މުބާރާތް ރާވާފައި އޮތް ގޮތަށް ކުރިއަށް ގެންދާނެކަމަށް މުބާރާތުގެ ހޯސްޓް ގައުމު ޖަޕާނުން ވަނީ މީގެކުރީންވެސް ބުނެފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ކުރީންވެސް ނިންމާފައިވާ ތާރީހާ އެއްގޮތަށް އޮލިމްޕިކްސް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެކުރީން އޮލިމްޕިކް ކޮމިޓީއިންވެސް ބުނަމުން ދިޔައީ ޓޯކިޔޯ 2020 ގޭމްސް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އާންމުންނާއި އެތުލީޓުންގެ އިތުރުން އެކި ޖަމިއްޔާތަކުގެ ފަރާތުން މުބާރާތް ލަސްކުރުމަށް ގޮވަމުންދާތީ ކޮމިޓީއިންވެސް ވަނީ ފިޔަވަޅު އެޅުމާ މެދު ވިސްނުންތަކެއް ގެންގުޅެން ފަށާފައެވެ.

މުބާރާތް ފަސް ކުރުމުގެ އިތުރުން ކުރެވިދާނެ ކަންތައްތަކާ މެދު ވިސްނުމުގެ މަސައްކަތް މިހާރުވެސް ރާވަމުންދާ ކަމަށް އެ ކޮމިޓީއިން ބުންޏެވެ. އެގޮތުން އެއް ގޮތަކީ ބަންދު ސްޓޭޑިއަމްގައި އޮލިމްޕިކްސް ކުރިއަށް ގެންދިޔުމެވެ. އަދި އެންމެ ގޯސް ހާލަތެއްގައި މިއަހަރުގެ އޮލިމްޕިކްސް އެއްކޮށް ކެންސަލުކޮށްލުންވެސް ސްޓްރެޓެޖީތެރޭގައި ހިމެނޭ ކަމަށް އައިއޯސީއިން ބުނެއެވެ.

އޮލިމްޕިކްސް 2020 ނުވަތަ ޓޯކިއޯ ގޭމްސްއަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވާ އަގަކީ 1.35 ޓްރިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 12.3 ބިލިއަން ޑޮލަރެވެ.

comment ކޮމެންޓް