ސިންގަޕޯ އެއާލައިންސްގެ 96 ޕަސެންޓް ފްލައިޓު ގްރައުންޑުކޮށްފި

ސިންގަޕޯ އެއާލައިންސްއިން ރާއްޖެއަށް ޑްރީމްލައިނާގައި ދަތުރުތައް ފެށުން -- ފޮޓޯ/ އެމްއޭސީއެލް

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާލައިންތަކުގެ ތެރޭ ހިމެނޭ ސިންގަޕޯ އެއާލައިނުގެ ދަތުރުތައް 96 ޕަސެންޓު މަދުކޮށް، ބޯޓުތައް ގްރައުންޑް ކޮށްފި އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ވައިގެ ދަތުރުތަކަށް އޮންނަ ޑިމާންޑު ދަށްވެ އެއާލައިންތަކަށް ދަނީ ގެއްލުމާ ކުރިމަތިވަމުންނެވެ.

ސިންގަޕޯ އެއާލައިންސުން މިއަދު ބުނީ ކޮރޯނާވައިރަހާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ވަރުގަދަ ކުރުމަށް ސަރުކާރުތަކުން އަޅާފައިވާ ފިޔަވަޅުތަކާއެކު އެ އެއާލައިނުގެ ދަތުރުތައްވެސް ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ.

ސިންގަޕޯ އެއާލައިންސް އަދި އެ އެއާލައިނުން ހިންގާ ސިލްކް އެއާގެ 147 ފްލައިޓުގެ ތެރެއިން 138 ފްލައިޓު ގްރައުންޑު ކުރަން ވަނީ ނިންމައިފަ އެވެ. އަދި ސިންގަޕޯ އެއާލައިންސްގެ ބަޖެޓް އެއާލައިން، ސްކޫޓްގެ ދެ ފްލައިޓު ފިޔަވާ އެހެން ހުރިހާ ފްލައިޓެއް ގްރައުންޑް ކުރަން ނިންމާފައިވާ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

"އާންމު ޝެޑިއުލަށް ދަތުރު ފެށޭނީ ކޮން އިރަކު ކަމެއް ބުނާކަށް ނޭނގޭ. ކޮރޯނާ އާއެކު އޭވިއޭޝަން ދާއިރާގެ ޑިމާންޑު ދަށްވެ ސިންގަޕޯ އެއާލައިންސްގެ ރެވެނިއު ދަށްވެއްޖެ،" އެ އެއާލައިނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސިންގަޕޯ އެއާލައިންސްއިން ވަނީ އެ އެއާލައިންގެ ލިކުއިިޓީ ދެމެހެއްޓުމަށާއި ކޭޝްފްލޯ ރަނގަޅު ކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޮޕަރޭޝަން ކޮސްޓް މަދުކޮށް ހިންގުމުގެ ހަރަދު ކުޑަކުރުމަކީ އޭގެ ދަށުން އެޅި ފިޔަވަޅެކެވެ.

މީގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ މުސާރައިން 15 ޕަސެންޓު އުނިކޮށްފައިވާއިރު، މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެެހެން އަމަލު ކުރާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް