ވަޒީފާ ގެއްލޭ ފަންނާނުންނަށް ނެޓްފްލިކްސް އިން 100 މިލިއަން ޑޮލަރުގެ އެހީ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން، ފިލްމު އަދި ޓީވީ ޝޯތައް އުފެއްދުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ނެޓްފްލިކްސް އިން 100 މިލިއަން ޑޮލަރުގެ ފަންޑެއް ހުޅުވައިފި އެވެ.

ވައިރަސް ފެތުރެން ފެށުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ ފިލްމު ތަކާއި ޝޯތަކުގެ ޕްރޮޑަކްޝަންތައް ދަނީ ހުއްޓާލަމުންނެވެ. ނަތީޖާއެއްގެ ގޮތުން ސްކްރީންތަކުގެ ކުރިމަތީގައި އަދި ފަހަތުގައި މަސައްކަތްކުރާ އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. ނެޓްފްލިކްސް އިން ބޭނުންވަނީ އެފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.

"އަޅުގަނޑުމެން ގާއިމުކޮށްފައިވާ ފަންޑުގެ ބޮޑު ބައެއް ދާނީ ކޮވިޑް-19ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވާ ކާސްޓުންނާއި ކްރޫއަކަށް،" ނެޓްފްލިކްސްގެ ކޮންޓެންޓް އޮފިސާ ޓެޑް ސެރަންޑޯސް ވިދާޅުވިއެވެ.

ނެޓްފްލިކްސް އަކީ ދުނިޔޭގެ ގިނަ ގައުމުތަކާ ގުޅިގެން ކޮންޓެންޓު އުފައްދާ ޕްރޮޑަކްޝަނެކެވެ. އެގޮތުން އެމެރިކާ އާއި ދެކުނު ކޮރެއާގެ އިތުރުން ޖަރުމަނު އަދި ލެޓިން ލެޓިން އެމެރިކާ އަކީ ނެޓްފްލިކްސް އަށް އެންމެ ގިނަ ކޮންޓެންޓު އުފައްދާ ގައުތަކެވެ. އިންޑިއާއިންވެސް ދަނީ ތަފާތު ގިނަ ކޮންޓެންޓް ނެޓްފްލިކްސްއަށް އުފައްދަމުންނެވެ.

ފަންޑުތައް ކާސްޓުންނާއި ކްރޫއިންނަށް ފޯރުކޮށްދޭއިރު އެ ގައުމުތަކަށް ބޮޑު އިސްކަމެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވައިރަސްއާ ގުޅިގެން ދުނިޔޭގެ ބޮކްސް އޮފީސް ވަނީ މީގެ 20 އަހަރުގެ ތެރޭގައިވެސް ނުވެއްޓޭ ވަރަށް އަރިއަޅާލާފައެވެ. ނަމަވެސް ނެޓްފްލިކްސް އަކީ ގޭގައި އޮވެގެން އެތައް ހާސް ފިލްމުތަކާއި ޝޯތަކެއް ބެލޭ ޕްލެޓްފޯމެކެވެ. އެހެންކަމުން ސޯޝަލް ޑިސްޓެންސިން ވުމަށް ގޮވާލާ ދުވަސްވަރެއްގައި ނެޓްފްލިކްސްގެ ޑިމާންޑު ވާނީ އިތުރެވެ.

comment ކޮމެންޓް