އިންތިހާއަށް ލޯބިވީމޭ... - 12

ޔަޝްފާ ޙުސައިންގެ އިންތިހާއަށް ލޯބިވީމޭ.... -

ކޮޓަރިއަށް ފުރަތަމަ ވަނީ މިޝަލް އެވެ. ޒެންހާ ވަނީ މިޝަލްގެ ފަހަތުންނެވެ. ތުވާލި ހިފައިގެން މިޝަލް ގޮސް ފާޚާނާއަށް ވަންނަންދެން ބަލަން ޒެންހާ ހުއްޓެވެ. ދެން އެ ނަޒަރު ހުއްޓުނީ އަތުގައި އޮތް ދަބަހަށެވެ. އެއިން އޭނަ ނެގީ ހުދުކުލައިގެ ސިޓީ އުރަ އެކެވެ. ސިޓީއުރަ ގެންގޮސް މޭގައި ޖައްސައިލިއިރު، ޒެންހާގެ ދެ ލޯ ވަނީ ފެންކަޅި ވެފަ އެވެ.

********

މިޝަލް ފާޚާނާއަށް ވަދެ، ފެންވަރާލައިގެން ނުކުތްއިރު، ޒެންހާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އޭނަ ލޯގަނޑުގެ ކުރިމަތީގައި ހުއްޓިފައި، ބަލައިލީ ދެ ލޯ މަރާލައިގެން އޮތް ޒެންހާ އަށެވެ. މުޅި ދުވަހު ޒެންހާ ހުރީ އެއްޗެއް ނުކައި ކަން ހަނދާންވުމުން، މިޝަލް ކަންބޮޑުވި އެވެ.

"ކާ އެއްޗަކަށް އޯޑަރ ކުރަން މިއުޅެނީ... ޒެންހާ ބޭނުމީ ކޯއްޗެއް؟..." މިޝަލް ވާހަކަ ދެއްކީ ފޯނުގެ އަތްގަނޑު ނަގަމުންނެވެ.

"ކާހިތެއް ނެތް..." ޒެންހާގެ ޖަވާބު އަޑު އިވުމުން މިޝަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ.

ޒެންހާއަށް ކޮންމެވެސް ކަމެއް ވެއްޖެ ކަން މިޝަލްއަށް ކަށަވަރުވި އެވެ. އެއީ މީގެ ކުރިން ޒެންހާ އޭނަ އާ ވާހަކަ ދެއްކި ގޮތެއް ނޫނެވެ. ލޯ ހުޅުވައި ބައި ވެސް ނުލުމުން މިޝަލްގެ ހިތަށް އުނދަގޫ ވިއެވެ.

އެކި ފިކުރުތަކުގައި ޒެންހާއަށް ބަލަހައްޓައިގެން މިޝަލް އިރުކޮޅަކު ހުއްޓެވެ. އޭނަ ދޫކޮށްލީ ފުން ނޭވާ އެކެވެ. މިޝަލް ހީކުރީ އޭނަ ލަސްވުމުން ޒެންހާ ހިތްހަމަނުޖެހުނީ ކަމަށެވެ. އެކަމުގައި އަމިއްލަ ކުށް އޮތްކަން ހިތަށް ވިސްނައިދެމުން މިޝަލް އޭނާގެ ނަފުޞު ހަމައަކަށް އެޅުވި އެވެ.

"ކާހިތް ނެތަސް ކާންވާނީ... ދުވާލު ހަތަރުދަމު ނުކައި ހުންނާކަށް ނުވާނެ.. އަހަރެން އެބަ އަންނަން އެއްޗެއް ހިފައިގެން... ނުނިދާތި..." ދޮރާއި ދިމާއަށް ހިނގައިގަންނަމުން މިޝަލް އަމުރު ކުރި އެވެ.

މިޝަލް ދިޔުމުން ޒެންހާ ތެދުވި އެވެ. މިޝަލްއަށް ފޮރުވައިގެން ގެންގުޅުނު ސިޓީ އުރަ، އޭނަ ނެގީ ބާލީސް ދަށުންނެވެ. ސިޓީ އުރައަށް ބަލަހައްޓައިގެން އިން ޒެންހާގެ ދެ ލޯ ފެންކަޅި ވިއެވެ. އެ ހިތުގައި އުފެދުނީ ދިލަ ރިހުމެކެވެ. ޒެންހާ ހިންދިރުވައިލި އެވެ. އެތެރޭގައި ހުރި އެއްޗެހިތައް އޭނަ އޮއްސައިލީ އެނދު މައްޗަށެވެ.

********

މިޝަލް އެހާ އަވަސްކޮށްލައިގެން އައިއިރު، ޒެންހާ އޮތީ ނިދާފަ އެވެ. އޭނައަށް ބަލައިލެވުނީ އަތުގައި އޮތް ކޮތަޅު ތަކަށެވެ. ހަދަންވީ ގޮތެއް ނޭނގިފައި، ޒެންހާއަށް ބަލަހައްޓައިގެން މިޝަލް އިރުކޮޅަކު ހުއްޓެވެ. އޭނަ ކަންބޮޑުވީ ޒެންހާ ނުކައި ނިދުމުންނެވެ. ޒެންހާއަށް ގޮވަން އުޅެފައި ވެސް، މިޝަލް އެ ޚިޔާލު ދޫކޮށްލި އެވެ. ގެނައި ކޮތަޅުތައް މޭޒު މަތީގައި ބަހައްޓާފައި އޭނަ ގޮސް ސޯފާގައި އޮށޯވެލީ އިތުރު ގޮތެއް ނެތްކަން އެނގުމުންނެވެ. ޒެންހާ ނުކައި އޮއްވައި ކާން އޭނަގެ ހިތް އެއްބަހެއް ނުވި އެވެ.

ނިދަން އުޅެއުޅެ، މިޝަލްގެ ލޮލަކަށް ނިންޖެއް ނައެވެ. އެކި ފިކުރުތަކުން އެ ހިތަށް އުނދަގޫ ކުރަނީ އެވެ. ހީވަނީ ނޭވާ ލާން އުނދަގޫ ވާ ހެންނެވެ. ހަތަރު ފަރާތުން އައިސް މުޅި މީހާ ބެދޭހެން ހީވެ، އޭނަ އެންމެފަހުން ތެދުވި އެވެ.

********

ކޮޓަރި ކުޑަދޮރު ކައިރީގައި ދެޖީބަށް އަތް ޖަހާލައިގެން ހުރީ ފިރެހެނެކެވެ. އެ މީހަކު ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފަ އެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުގެ ތެރެއިން ވަދެގެން އައި ވައިރޯޅި ތަކާއިއެކު ދޮރު ފޮތިގަނޑު ވިހުރިލަ އެވެ. އެނދުގެ އެއް އަރިމަތީގައި ބަހައްޓާފައިވާ މޭޒު މަތީގައި އޮތް ފޯނު ރިންގްވާން ފެށި އެވެ. ފޯނަށް ބަލައިލުމާއިއެކު، އެ މީހެއްގެ މޫނުމަތިން ފެނުނީ ފޫހި ކަމެވެ.

ދެވަނަ ފަހަރަށް ފޯނު ރިންގްވާން ފެށުމާއިއެކު އެ މީހަކު ފޯނު ނަގައި ކަންފަތުގައި ޖައްސައިލި އެވެ. އިވުނު އަޑު ގަދަ ކަމުން، ފުރަތަމަ އެ މީހަކަށް ޖެހުނީ، ފޯނު ކަންފަތާއި ދުރުކޮށްލާށެވެ.

"ހުރިހާ ކަމެއް ދިޔައީ އަހަރެން ބޭނުންވި ގޮތަށްތަ؟..." އެ މީހާ ސުވާލު ކުރި އަޑު އިވުނެވެ.

އެ ސުވާލަށް ޖަވާބު ދޭނެ ފުރުޞަތެއް ނުދީ ދެން ވެސް ވާހަކަ ދައްކަން ފެށީ، އެ މީހެކެވެ.

"ހުރިހާ އެއްޗެއް ޒެންހާގެ އަތަށް އެރިކަން ޔަޤީން ކުރިން ދޯ؟... އެއްވެސް މީހަކަށް ޝައްކު ވެއްޖެއްޔާ، އަހަރެމެންގެ މުޅި ޕްލޭން ޚަރާބުވާނެ އިނގޭ... ޔަޤީން ދޯ މީހަކަށް ނުފެންނަ ކަން؟..." އެއް ފައްޗަކަށް ހުރިހާ ސުވާލެއް އަމުނައިލި އިރު، އެ މީހެއްގެ ކެތްތެރިކަން ކުޑަވެފައި ވިއެވެ.

********

އެއްޗެހި ބަދަލު ކޮށްލައިގެން މިޝަލް އޭނާގެ ކޮޓަރިން ނުކުތެވެ. އޭނައަށް ނުކުމެވުނީ ވިކްޔަންގެ ކުރި މައްޗަށެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރި ވިކްޔަންއަށް މިޝަލް ފެނުމާއިއެކު، ފޯނު ތިރިކޮށްލައިފި އެވެ. ފޯނުގެ ސްކްރީނަށް އަވަސް ނަޒަރެއް ދީފައި އޭނަ ފޯނު ލީ ޖީބަށެވެ. ދެ މީހުން ވެސް އެކަކު އަނެކަކަށް ބަލައިލާފައި ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. ލިފްޓުގެ ތެރެއަށް ވަދެފައި އެންމެ ފުރަތަމަ ވާހަކަ ދައްކަން ފެށީ މިޝަލް އެވެ.

"މިދަނީ ތިރީގަ އިންނަ ކެފޭ އަށް..." މިޝަލް ވާހަކަ ދެއްކީ ލިފްޓްގެ ދޮރު ލެއްޕުމުންނެވެ.

"އަހަރެން ވެސް ނިދި ނައިސްގެން މިއުޅެނީ... ކޮފީ އެއް ރަނގަޅުވާނެ އެއްނު މިގަޑީ..." ވިކްޔަން ބުންޏެވެ.

މިޝަލް ބޯ ޖަހާލި އެވެ. ދެ މީހުން ގޮސް ކެފޭއަށް ވަންއިރު، ވޭޓަރު ފިޔަވައި، އެ ތަނުގައި އިތުރު މީހަކު ނެތެވެ. މުޅި ތަން އޮތީ ހިމޭން ވެފަ އެވެ. ކޮފީ އެއް ގެންނަން ބުނެފައި ދެމީހުން ވެސް ގޮސް އިށީނީ އެންމެ ހިތްފަސޭހަ ސަރަހައްދުގައި ހުރި މޭޒުގެ ކައިރީގަ އެވެ. ދައްކާނެ ވާހަކަ އެއް ނޭނގިފައި ދެ މީހުން އިރުކޮޅަކު ތިއްބެވެ. ވޭޓަރު އައިސް ދެ ކޮފީ ތަށި ބަހައްޓާފައި ދިޔުމުން، އިސްވެ ވާހަކަ ދައްކަން ފެށީ ވިކްޔަން އެވެ.

"ވައިފް އޯކޭތަ؟..." ވިކްޔަންގެ ސުވާލާއިއެކު، މިޝަލްއަށް ސިހުމެއް ލިބުނެވެ.

މިޝަލް ވިކްޔަންއަށް ބަލައިލި ގޮތުން، ކުރެވުނު ސުވާލުގެ މޮޔަކަން އޭނައަށް ވިސްނުނެވެ. އޭނައަށް ކަނދުރާގެ މަތީގައި އަތް ކާއްތައި ލެވުނީ، އެކަމާ ކަންބޮޑުވީ ވަރުންނެވެ.

"ސޮރީ އެއީ އަސްލު..." ވިކްޔަން އެއްޗެއް ބުނަން އުޅުނެވެ.

މިޝަލް ވާހަކަ ދައްކަން ފެށުމުން އޭނަ މަޑުކޮށްލި އެވެ.

"ނޫނޭ އެއީ މައްސަލަ އެއް ނޫން... ޒެންހާ އެއްޗެއް ބުނީތަ؟..." މިޝަލް ލުއި ހިނިގަނޑެއް ޖަހާލަމުން ވާހަކަ ދެއްކި ނަމަވެސް، އޭނަ އިނީ ހާސްވެފަ އެވެ.

މިޝަލް ހީކުރީ އޭނަގެ ވާހަކަ ޒެންހާ ވިކްޔަންގެ ކައިރީގައި ދެއްކީ ކަމަށެވެ. އޭނައަށް ވިކްޔަން އާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވީ އެހެންވެ އެވެ.

"ނޫނޭ... އެއްޗެކޭ ބުނީކީ ނޫން..." ލުއި ހިނިގަނޑެއް ޖަހާލަމުން، ވިކްޔަން އަވަސް އަވަހަށް ބުންޏެވެ.

"ހޮސްޕިޓަލު ކައިރީ އެކަނި ހުއްޓާ ފެނުނީ... ދެން، އެކަނި ގެއަށް ފޮނުވާލާކަށް ނުކެރޭނެތާ އެގަޑިއަކު... އެހެންވެ، އެ ޓެކްސީގަ އަހަރެން ވެސް މިކޮޅަށް އައީ... އެތެރެއަށް ވަންނާށޭ ކިޔާކިޔާ ވެސް ނުވަނޭ.. އިރުކޮޅެއް ފަހުން ވެސް އަހަރެން ނުކުތްއިރު ހަމަ އެތާ ސިޑި މަތީ އިން... އޭރު އިނީ ކޮންމެވެސް އެއްޗެއް ހިފައިގެން... ލިޔުންތަކެއް ހެން ހީވަނީ... ރޯން އިނީމަ އެއްޗެއް އަހާލާކަށް ވެސް ނުކެރުނު..." ކޮފީ ތަށިން އެތިފޮދެއް ބޯލަމުން ވިކްޔަން ބުންޏެވެ.

މިޝަލްގެ މޫނު މައްޗަށް އަރާ ފޭބި ކުލަވަރު ވިކްޔަންއަށް ރީތިކޮށް ފެނުނެވެ. އެ ވާހަކަ ބުނުމާއިއެކު، މިޝަލްގެ މޫނުމަތިން ހައިރާން ކަމާއި އެއްވަރަށް ކަންބޮޑު ވުމުގެ ޢަޞަރު ވެސް ފެނިގެން ދިޔަ އެވެ. ކަންތައްތައް ރަނގަޅު ނޫންކަން ވިކްޔަންގެ ވިސްނުން ތޫނު ސިކުނޑިން ދެނެގަތެވެ.

"ލިޔުންތަކެކޭ؟..." އެއްޗެއް ޔަޤީންކޮށްލާ ފަދަ ގޮތަކަށް މިޝަލް އަހާލި އެވެ.

މިޝަލްއަށް ހިން ދިރުވައި ލެވުނެވެ. އެ ހަނދާނަށް އައީ ރިސޯޓުގައި ހުއްޓައި ޒެންހާގެ ރިޕޯޓްތައް ގެއްލުނު ދުވަހު ކަންތައް ވީގޮތެވެ. އަވަސް އަވަހަށް ކޮފީތަށި ބޮއެ ހުސްކޮށްލައިގެން އޭނަ ތެދުވި އެވެ. މޭޒުމަތީގައި އޮތް ބިލުގެ މަތީގައި ފައިސާގެ ނޫޓެއް ބާއްވާފައި އޭނަ ދިޔައީ، ވިކްޔަން އާއި ރޭގަނޑުގެ ސަލާން ކޮށްފަ އެވެ.

މިޝަލް ދިޔަ ދިމާއަށް ބަލަހައްޓައިގެން، ވިކްޔަން އިނެވެ. އެކި ފިކުރު ތަކުގައި، އޭނަ އެތައް އިރަކު އެތަނުގައި އިނެވެ. އެ ހުރިހާ ކަމެއްގެ ސަބަބުން، ޒެންހާގެ ދިރިއުޅުމުގެ ކަންކަން ހޯދުމަށް އެ ހިތުގައި އުފެދުނު ޝައުޤުވެރިކަން އިންތިހާއަށް ބޮޑު ވިއެވެ.

********

މިޝަލް ގޮސް ކޮޓަރިއަށް ވަންއިރު ފުންކޮށް ނޭވާ ލެވެނީ އެވެ. އޭނަ އެހާ ވަރަށް ހާސްވަނީ ކީއްވެ ކަމެއް ޙުދު އޭނައަކަށް ވެސް ނުވިސްނުނެވެ. ނިދާފައި އޮތް ޒެންހާ އާއި ދިމާއަށް މިޝަލް ބަލައިލީ ތަފާތު ނަޒަރަކުންނެވެ.

"ޒެންހާ... ކޮން ކަމެއް ތި ސިއްރު ކުރަނީ؟..." މިޝަލް ހިތާއި ހިތުން ސުވާލު ކުރި އެވެ.

މިޝަލް ކަރު ކެހިލި އެވެ. މުށިތަކުގެ މައްޗަށް އެއްޗެއް ވައްޓައި ވެސް ލިއެވެ. އޭނަ ބޭނުންވީ ޒެންހާ ނިދާފައި އޮތްކަން ކަށަވަރު ކުރުމަށެވެ. ޒެންހާ އޮތީ ގަދަ ނިދީގަ އެވެ. އެ އަޑުތައް އިވުމުން އެ ހަށިގަނޑު ގުޑައި ވެސް ނުލި އެވެ.

މިޝަލް ފަހަރަކު ތަނެއް ބަލަމުން ދިޔަ އެވެ. ވިކްޔަން ބުނި ލިޔުންތައް ހޯދުމަށް އޭނަ ހުރީ ކެތްތެރިކަން ކުޑަ ވެފަ އެވެ. އަބަދުމެ ހިނިތުންވެގެން ހުންނަ ޒެންހާއަށް އެއައި ބޮޑު ބަދަލުގެ ސިއްރަކީ އެ ލިޔުންތައް ކަމުގައި ވާނަމަ، އޭނަ އެ އެއްޗެއް ނުހޯދަންވީ ކީއްވެ ހެއްޔެވެ؟

ޒެންހާގެ ދަބަހާއި ވަތްގަނޑުގެ އިތުރުން، ފޮށި ވެސް މިޝަލް ބެލި އެވެ. އެއްވެސް ތަނަކުން އެ ބުނާ ލިޔުންތަކެއް ނުފެނުނެވެ. މިޝަލް މާޔޫސް ވެގެން އެ މަސައްކަތް ހުއްޓާލި އެވެ. އޭނަ ގޮސް ހުއްޓިލީ ޒެންހާގެ ކައިރީގަ އެވެ. އެ މޫނަށް އޭނަ ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އެ ބެލުމުގައިވީ ހަމްދަރުދީ އެވެ. އަޅާލުމާއި އޯގާތެރި ކަމެވެ.

ޒެންހާގެ އޮމާން މޫނުގައި ފިރުމާލަން މިޝަލްގެ ހިތް އެދުނީ ކީއްވެ ކަމެއް އޭނައަކަށް ނޭނގުނެވެ. ޒެންހާގެ ކައިރީގައި އޭނަ އިށީނެވެ. އެނދަށް ގުޑުމެއް ވެސް ނާރާނެހައި މަޑުމަޑުންނެވެ. އެ ކޯތާފަތުގައި އަތް ޖައްސައިލުމަށް އޭނަ އަތް އުފުލައިލި އެވެ. ބާލީސް ދަށުގައި އޮތް ސިޓީ އުރައިން ބައެއް އެ ލޮލުގައި އަޅައިގަތީ އޭނަ ޒެންހާ އާއި ދިމާއަށް ގުދުވެލި ތަނާ އެވެ.

މިޝަލް ކުއްލިއަކަށް ޒެންހާ އާއި ދުރަށް ޖެހިލި އެވެ. ޒެންހާއަށް އަވަސް ނަޒަރެއް ދީފައި، އަނެއްކާ ވެސް އެ ސިޓީ އުރައަށް އޭނަ ބަލައިލި އެވެ. އެ ދެ ލޯ ވިދައިގަތެވެ. ނިދީގައި ޒެންހާ ފުރޮޅި ލުމާއިއެކު، މިޝަލް ބޭނުންވި ފުރުޞަތު ފަހިވި އެވެ. އޭނަ މަޑުމަޑުން ސިޓީއުރައިގެ ކަނުގައި ހިފައި ދަމައިލުމުން ދާދި ފަސޭހައިން، އެ ނެގިއްޖެ އެވެ.

ސިޓީއުރަ ހިފައިގެން މިޝަލް ވަނީ ފާޚާނާ އަށެވެ. އުރައިގެ ތެރޭގައިވާ އެއްޗެހިތައް ނެގުމުގެ ތެރޭގައި އެއިން ވެއްޓުނީ ތަސްވީރެކެވެ. އެ އޮތީ މިޝަލްގެ ފައި ކައިރީގައި ބަންޑުންނެވެ. މިޝަލް ގުދުވެ އެ ތަސްވީރު ނެގި އެވެ. އަނެއް ފަރާތަށް އަނބުރައި ބަލައިލުމާއިއެކު، އޭނަގެ ދެލޯ ބޮޑުވި އެވެ.

އެއީ މިޝަލް އާއި އީމާގެ ތަސްވީރެކެވެ. ގައިގޯޅިކޮށް ދެ މީހުން ތިއްބައި ނަގާފައިވާ އެ ތަސްވީރަކީ، އޭނަ އާއި ޒެންހާގެ ކައިވެނީގެ ދުވަހުގައި ނަގާފައިވާ ތަސްވީރެކެވެ.

މިޝަލްގެ ނިތްކުރިމަތިން ދާ ހިއްލާލި އެވެ. އޭނަ އަވަހަށް ސިޓީ އުރައިގައި، ދެން ހުރި އެއްޗެހި ނަގައި ފަހަރަކު އެއްޗެއް ބަލަން ފެށިއެވެ. އޭގައި އޮތީ ގެއްލުނު ޑޮކްޓަރުގެ ލިޔުންތަކުގެ ނަކަލަކާއި، މިޝަލް އާއި އީމާގެ އިތުރު ތަސްވީރު ތަކެކެވެ. އެކި ގޮތްގޮތަށް ނަގާފައިވާ އެ ތަސްވީރުތަކުން އެ މީހަކު ޒެންހާއަށް އަންގައިދޭން އެ އުޅެނީ ކޮން ކަމެއްކަން އޭނައަށް އެނގޭކަށް ގިނަ އިރެއް ނުނެގި އެވެ.

މިޝަލްގެ ނޭވާ އަވަސްވި އެވެ. ދެ އަތް މުށްކެވުނެވެ. ރުޅި އައިސް ދެބުމަ ގޮށްޖެހިގެން ދިޔަ އެވެ. އަތުގެ ތެރޭގައި ކަރުދާސްތައް ބޮނޑިވާން ފެށި އެވެ.

އެވަރުގެ ކަމެއް ކުރާނީ ކާކު ބާއޭ އޭނަގެ ހިތަށް އެރި އެވެ. މިޝަލް ބޭނުންވީ ބާރަށް ހަޅޭއްލަވައި ގަންނާށެވެ. އޭނަ ދެ ތުންފަތް ފިތައިލީ އަޑު ބޭރުވެދާނެތީ އެވެ. އޭނައަށް ކުރެވުނު ކަމަކީ ފާރުގައި ގޮށްމުށުން ޖެހުމެވެ. ހިތް ފުރެންދެން ޖެހި އިރު ވެސް އެ ހިތަކަށް ފިނި ކަމެއް ނުލިބުނެވެ. އޭނަ ބޭނުންވީ އަތުގައި އޮތް ކަރުދާސްތައް އިރައި ކުދިކުދި ކޮށްލާށެވެ.

********

ހެނދުނު ހޭލެވުމާއިއެކު، ޒެންހާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނަ ފުރަތަމަ ވެސް ބަލައިލީ ބާލީސް ދަށުގައި ސިޓީއުރަ އޮތްތޯ އެވެ. އޭނައަށް ފުން ނޭވާ އެއް ދޫކޮށްލެވުނީ ސިޓީއުރަ ހަމަ އެތަނުގައި އޮތުމުންނެވެ. އޭނަ ދެން ބަލައިލީ ސޯފާގައި ނިދާފައި އޮތް މިޝަލް އަށެވެ. އުނދަގޫ ގޮތަކަށް ނިދިފައި އޮތް މިޝަލް ފެނުމުން، ޒެންހާގެ މޫނުގެ މަތީގެ ކުލަވަރު ބަދަލުވާން ނެގީ ހިނދުކޮޅެކެވެ.

ޒެންހާ ތައްޔާރުވެލައިގެން ނުކުތީ ބޭރަށެވެ. އޭނަ ބޭނުންވީ ވީ އެންމެ އަވަހަކަށް މާލެ ދާށެވެ. ޖެހިފައިވާ ބަލީގެ ހިތާމައަށްވުރެ، މިޝަލް އާއި އީމާގެ ގުޅުން އެނގުމުން އެ ހިތަށް ކުރި ޢަޞަރު ބޮޑެވެ.

އިމާރާތުން ބޭރަށް ނުކުމެފައި ޒެންހާ ދޫކޮށްލީ ފުން ނޭވާ އެކެވެ. ހިނގާލާނެ ވަރުވެސް އެ ހަށިގަނޑުގައި ނެތެވެ. ދެލޯ ވަނީ ރަތްވެ، ދުޅަވެފަ އެވެ. ހުޅުވައިގެން ހުންނަން ވެސް އޭނަ އަކަށް ފަސޭހައެއް ނުވި އެވެ. ޒެންހާ ދެކޮޅު ބަލައިލި އެވެ. އޭނަ ބޭނުންވިފަދަ މަންޒިލަކަށް ފެނުނީ ގޯތި ތެރޭގައި ހައްދާފައިވާ ފެހިކަން ގަދަ ގަސްތައް ހުރި ސަރަހައްދެވެ. ގަސްތަކުގެ ހިޔަލުގައި ވިނަ ހައްދާފައި ވާއިރު، އިށީނދެވޭނޭހެން ގޮނޑި އާއި މޭޒު ބަހައްޓާފައި ހުއްޓެވެ.

ކެފޭގައި އިން ވިކްޔަންއަށް ޒެންހާ ފެނުމާއިއެކު ހިނިތުންވެލައިފި އެވެ. އޭނަ އަވަހަށް ބިލް ދައްކާފައި ނުކުތީ ދެ ކޮފީ ހިފައިގެންނެވެ. އޭރު ޒެންހާ އިނީ ގޮނޑީގަ އެވެ. ކުރިމަތީގައި ހުރި މޭޒުގައި ދެ އުޅަނބޮށި ވިއްދައި، ދެ އަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލައިގެންނެވެ.

"ގުޑް މޯނިން ޕެރޮޓް..." ފަހަތުން ވިކްޔަންގެ އަޑު އިވުމުން ޒެންހާ ސިހުނެވެ.

(ނުނިމޭ)

comment ކޮމެންޓް