ކުޑަކުދިން ސްކްރީންތަކާ ދުރުކުރޭ!

ކުޑަ ކުއްޖަކު ޓީވީ ބަލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލްތައް ބަންދުވެ ހުރިހާ ކުދިން މި ތިބެނީ ގޭގައެވެ. ފޮތްތަކާއި ތަންކޮޅެއް ދުރުން އަބަދުވެސް ކޮންމެވެސް ގޭމެއްގައި، ނުވަތަ ޔޫޓިއުބްގައި ވަގުތު ހޭދަކުރާ ކުދިން ވަރަށް ގިނަވެއްޖެއެވެ. ސިއްހީ ގޮތުންނާއި، ތައުލީމީ ގޮތުން އަދި ނަފްސާނީ ގޮތުންވެސް މިއީ ކުދިންނަށް ވަރަށް ބޮޑެތި ނޭދެވޭ ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ.

ކިހާ ގެއްލުން ހުރި ކަމެއް؟

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރެއްކަމުގައިވާ ޑރ.އަހްމަދު ފައިސަލް ވިދާޅުވާގޮތުގައި ޓީވީ، އައިޕެޑް ފަދަ ތަކެތި މާ ގިނައިން ކުދިންނަށް ދެއްކުމަކީ އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް އެކުދިންނަށް ކުރިމަތިވާ ކަމެކެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ.ފައިސަލް --- ފޮޓޯ އެޗްޕީޢޭ

މިގޮތުން ފުރަތަމަ ކަމަކަށް މުވާސަލާތު ކުރުމަކީ ދެފަރާތެއްގެ ދެމެދުގައި ހިނގާ "2 ވޭ" ޕްރޮސެސްއެއްކަމަށް ފާހަގަކޮށް ޑރ.ފައިސަލް ވިދާޅުވީ ސްކްރީން ޓައިމްގައި އެ ޕްރޮސެސް ބަދަލުވަނީ ވަން ވޭ އަށް ކަމަށެވެ. އެހެންކަމުން ކުދިންނަށް އެހެން މީހުންނާއި މުއާމަލާތު ކުރެވޭ ވަގުތު މަދުވެ، ޅައުމުރުގައި ވާހަކަދެއްކުމުގެ ސްޕީޑް ދަށްވެއެވެ. އަދި އޭގެ ސަބަބުން ނަފްސާނީ ގެއްލުންތަކެއްވެސް ކުދިންނަށް ކުރިމަތިވެއެވެ.

އެމެރިކާގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ވަނީ 2016 ވަނަ އަހަރު އެގައުމުގެ އެޑޮލޮސަންޓް ބްރެއިން ކޮގްނިޓިވް ޑިވޮލޮޕްމަންޓް (އޭބީސީޑީ)ގެ ނަމުގައި މިކަމާއި ބެހޭގޮތުން ތަފްސީލީ ދިރާސާއެއްކޮށްފައެވެ. އެގައުމުގެ 11،000 ކުދިން ބައިވެރިކޮށްގެން ހެދި މި ދިރާސާއިން ދައްކާގޮތުން އުމުރުން 9 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ދުވާލަކު 7 ގަޑިއިރަށްވުރެ ގިނައިރު، ޓީވީ އައިޕެޑް ލެޕްޓޮޕް ފަދަ ތަކެއްޗަށް ބަލައި އަދި ބޭނުންކުރާ ކުދިންގެ ސިކުނޑީގެ އެމްއާރްއައި އިން ވަނީ އާންމު އެހެންކުދިންނާއި ހިލާފަށް ބޮޑެތި ތަފާތުތަކެއް ފާހަގަވެފައެވެ. އަދި ދެގަޑިއިރަށްވުރެ ގިނައިން ކޮންމެ ދުވަހަކު ސްކްރީންޓައިމްގައި ހޭދަކުރާ ކުދިންގެ ވިސްނުމާއި ބަސްމޮށުންތެރިކަން އެނޫން ކުދިންނަށްވުރެ ދަށްކަންވެސް އެ ދިރާސާއިން ފާހަގަކުރެވުނެވެ.

އިތުރު ބައެއް އެހެން ކަންކަމަށް ބަލާއިރު ޑރ. ފައިސަލް ވިދާޅުވާގޮތުގައި ސްކްރީން ޓައިމް މާ ގިނަވެއްޖެނަމަ މާ ބޮޑަށް ރުޅިގަދަވުމާއި ކުދިންގެ ނިދުމަށްވެސް އަސަރުކުރުވައެވެ. ނިދުމުގެ ގަޑިއިރުތަކެއް ކުރިން ކުދިން ފޯނު، ޓީވީ ނުވަތަ ކޮމްޕިއުޓާ ސްކްރީނަށް ބަލާކަމުގައިވަނީނަމަ އެ ސްކްރީންތަކުގެ ބްލޫ ލައިޓްގެ ސަބަބުން މެލަޓޯނިންގެ ލެވެލް ދަށްކޮށްލައި އަދި ނިދި ފިލުވާލައެވެ.

ހަމައެއާއެކު، ކުދިންގެ ހަރަކާތްތެރިކަން މަދުވެ، އޮބޭސިޓީ ނުވަތަ ފަލަބައްޔަށް މަގުފަހިކުރުވުމުގައިވެސް ސްކްރީންޓައިމްގެ ދައުރު ބޮޑެވެ.

ކައުންސިލިން ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް އިޖްތިމާއީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ 3 ކުދިންގެ މަންމައެއް ކަމުގައިވާ ހައްވާ ލީޝާ ވިދާޅުވާ ގޮތުގައި ސްކްރީން ދައްކައިގެން ހައްލާލުމާއި، ކާންދިނުމާއި މިކަހަލަ ކަންތައްތަކަކީ ނޭނގި ތިބެވެސް ސްކްރީންއަށް ކުދިން ބަރޯސާވެ ދެވިހިފުމަށް މަގުފަހިކުރުވާ ކަންތައްތަކެވެ.

"ގިނަ ފަހަރަށް މައިންބަފައިން ގޭގައި ނުވަތަ ވަޒީފާގެ ކަންކަމުގައި ޝާމިލްވެ އުޅޭ ގަޑިތަކުގައި ޓީވީ ނުވަތަ ޓެބްލެޓް ކުދިންނަށް ދެވޭ. ނުވަތަ ތަންތަނަށް ގޮސް ކިއުއެއްގައި މަޑުކޮށްލާ ވަގުތު، މިސާލަކަށް އެއާޕޯޓެއްގައި ނުވަތަ ކެފޭއަކަށްގޮސް އޯޑަރު ކުރި އެއްޗެއް އަންނަންދެން. މިވަގުތުތަކަކީ އަސްލު އިޖްތިމާއީ ކަންތައްތަކެއް ދަސްވާނެ ވަގުތުތަކެއް. މީހުންނަށް އިހްތިރާމްކޮށް މުއާމަލާތު ކުރުމާއި، ކެތްތެރިވުމާއި އަދި މީހުންގެ މިޒާޖު ދަސްވުންފަދަ ކަންކަން" ލީޝާ ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތުތަކުގައިވެސް ސްކްރީންޓައިމް އިސްކުރެވުމުން ކުދިން އެ މަހުރޫމު ވެގެންދަނީ އިޖްތިމާއީ އެތަކެއް މުހިންމު ސިފަތަކާއި އާދަތަކުންނެވެ.

ހައްވާ ލީޝާ --- ފޮޓޯ: ހުސެއިން ޝަޔާހް/ސަން

ސްކްރީން ޓައިމްގެ ބަދަލުގައި ދެން ކީއްކުރާނީ؟

ހަނދާނުގައި ބަހައްޓަންވީ އެއްކަމަކީ ފޯނެއް، ލެޕްޓޮޕެއް، އައިޕެޑެއް ނުވަތަ ޓީވީ ނުބެލުމަކީ ކުއްޖާ ފޫހިވެގެންގޮސް ކުރާނެ ކަމެއް ނެތިގެން އުޅެންވީ ސަބަބެއް ނޫންކަމެވެ. ކޮންމެ ކުއްޖެއްގެވެސް ޝައުގާއި ހުނަރުތައް ބޭނުންކޮށްގެން ތަފާތު އާ ކަންކަން ތައާރަފްކޮށް ދަސްކޮށްދޭން ވީއެވެ. އެހުނަރުތައް އިތުރަށް ތަރައްގީކުރަންވީ އެވެ.

ލީޝް ވިދާޅުވާގޮތުން ސްކްރީން ޓައިމްގެ ބަދަލުގައި ކުދިންގެ ހުނަރުތައް އިތުރުކުރުމަށް ތަފާތު ކުޅިވަރުތަކެއް ގޭގެ ތެރޭގައި ވެސް ތައާރަފް ކުރެވިދާނެ އެވެ.

  • ލެގޯ : ކުދިންގެ ވިސްނުމުގެ ގާބިލްކަން އިތުރުކޮށްދޭ
  • މެސީ ޕްލޭ: ކުދިންގެ މޮޓޯ ސްކިލްސް އިތުރުކޮށް އަތާއި ލޮލުގެ ކޯޑިނޭޝަން އިތުރުކޮށްދޭ
  • ހޯމް ސައިންސް: ގޭގައި ކުރާ މަސައްކަތްތަކުގައި ބައިވެރިކުރުން. ކުދިންގެ މެދުގައި ޒިންމާ ނެގުމުގެ ގާބިލްކަން އިތުރުކޮށް އާއިލީ ގުޅުން ވަރުގަދަ ކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ރަނގަޅު ކޮށްދޭ
  • ވާހަކަ ފޮތްކިޔުން: ބަސްމޮށުންތެރިކަން އިތުރުކޮށް ޚިޔާލުތައް ތަނަވަސްކޮށްދޭ
  • ހުސްވަގުތުކޮޅެއް: އެކުދިން ޝައުގުވެރިވާ ކަމެއް ކުރުމަށް
  • ޕްރިޓެންޑް ޕްލޭ: ކުދިންގެ ހިޔާލުތަކާއި އުފެއްދުންތެރިކަން ތަނަވަސްކޮށްދޭ
  • ކުދިންނާއި ވީހާވެސް ގިނައިން މުއާމަލާތު ކުރުން: އެ އުމުރުފުރައާއި ގުޅޭހެން އެކި މައުލޫމާތުދީ މުޖްތަމައަށް ހޭލުންތެރި ކުދިންނަށް ވުމަށް މަގުފަހިކޮށްދޭ

ކޮންމެ މަންމައަކާއި ބައްޕައެއްގެ އުންމީދަކީވެސް ކުޑަ ދަރިފުޅަނީ ވިސްނުންތޫނު ހެޔޮަލަފާ ރިވެތި އަހުލާގެއްގެ ވެރި ކުއްޖަކަށް ހެދުންކަމުގައިވާއިރު، ސްކްރީން ޓައިމް މާ ގިނައިން ދިނުމަކީ މިކަމަށް އެޅޭ އެންމެ ބޮޑު އެއް ހުރަހެވެ. އަދިވެސް ވަގުތު އެބައޮތެވެ. ތަފާތު ހަރަކާތެއް ދަރިފުޅަށް ތައާރަފްކުރަމާ ހެއްޔެވެ.

comment ކޮމެންޓް