އިތުރު 51 ދިވެހި ޑޮކަޓަރުން އަންގާރަ ދުވަހު ރާއްޖެ އަންނަނީ

މާރިޗް 16، 2020: ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

ކޮރޯނާވައިރަހުން ރާއްޖެއަށް ދިމާވެދާނެ ސިއްހީ ނުރައްކާތެރި ހާލަތަކުން އަރައިގަތުމަށް ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވަމުން އަންނަ އިތުރު 51 ދިވެހި ޑޮކްޓަރުން އަންގާރަ ދުވަހު ގައުމަށް އެނބުރި އައުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާއާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ އަދި ކޮރޯނާއާ ބެހޭ މައުލޫމާތު ދެއްވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮރޯނާގެ ހާލަތުގައި ރާއްޖެ އައުމަށް އެދޭ ފަރާތްތަކުން ރެޖިސްޓާވުމަށް ހުޅުވާލި ފުރުސަތުގައި ނޭޕާލުން ރާއްޖެ އައުމަށް 51 ޑޮކްޓަރަކު ރެޖިސްޓްރީވި ކަމަށެވެ. އަދި އެމީހުން އަންނަ އަންގާރަދުވަހު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނޭޕާލުގައި ތިބި 33 ޑޮކްޓަރަކު ސަރުކާރުގެ ހަރަދުގައި މިހާތަނަށް ރާއްޖެ އައިސްފައިވާކަމަށް މަބްރޫކް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އިތުރު 10 ފަރާތެއް އަމިއްލަ ހަރަދުގައި ރާއްޖެ އައިސްފައިވާއިރު އެ ފަރާތްތައް ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރާނެކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މީގެކުރިން އައިޖީއެމްއެޗްއިންވެސް ވަނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ސިއްހީ ޕްރޮފެޝަނަލުންނަށް މަސައްކަތަށް ނުކުތުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ މަސައްކަތަށް ވީހާވެސް ގިނަ ސިއްހީ ހިދުމަތްތެރިން ނުކުތުމަށް ސަރުކާރުންނާއި، ޑޮކްޓަރުންނާ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވިއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފައެވެ.

comment ކޮމެންޓް