މައިމޫނާ އެދިވަޑައިގަންނަވަނީ ރައްޔިތުން ކެތްތެރިވުމަށް

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު: މި ދަނޑިވަޅުގައި ކެތްތެރިވުމަށް އެކަމަނާ ވަނީ އިލްތިމާސް ކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ބަލިމަޑުކަމުން ދިވެހިން ސަލަމާތުގެ އައްސޭރިއަކަށް ދިއުމަށް ސަރުކާރުން އަންގާ އެންގުންތަކަށް ކެތްތެރިކަމާއެކު ބޯލެނބުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެދިވަޑައިގެންފިއެވެ.

ރާއްޖެއިން ކޮރޯނާވައިރަސް ފެނުމާއެކު ރާއްޖޭގައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައެވެ. ކުއްލި ނުރައްކާ އިއުލާނުކޮށްފައިވާ ދަނޑިވަޅުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ބޮޑެތި ބާރުތަކެއް ލިބިފައިވެއެވެ.

މިހާތަނަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުތަކުގެ ދަށުން މާލެ ސަރަހައްދުގެ އާންމު ތަންތަނާއި މައިޒާންތަކާއި ކެފޭ ރެސްޓޯރަންޓުގެ އިތުރުން މާލެއާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު އެސްޓެބްލިޝްމަންޓުތަކަށް ފަތުރުވެރިން ގެނައުންވެސް ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ. މީގެ އިތުރުން ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށާ ދެމެދު މީހުން ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ކޮރޯނާއާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒް ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހާއްސަ އިލްތިމާސެއް ހިއްސާކޮށްދެއްވާފައެވެ.

"ޑިރެކްޓަރ ޖެނެރަލް ވިދާޅުވީ އަމިއްލައަށް އައިސޮލޭޝަނުގައި ހުންނަން ޖެހުނީމަ ނުވަތަ ކަރަންޓީނު ފެސިލިޓީއަކަށް ދާން ޖެހުނީމަ އެކަމުންވާ ދަތި އަޅުގަނޑުމެންނަށް އެނގެއޭ. އަދި އަމިއްލައަށް ދިމާވާ ދަތިތަކަށް ކެތްތެރިވުމަށް އިލްތިމާސްކުރައްވައި ޑިރެކްޓަރ ޖެނެރަލް ވާހަކަދެއްކެވި،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ދިމާވާ ދަތިތަކަކީ މުސްތަގުބަލަށްޓަކައި ކުރަންޖެހޭ މުހިންމު ކަންކަން ކަމަށާއި އަދި މިވަގުތު ކެތްތެރިކަމާއެކު މަސައްކަތްކޮށްދިނުމަށާއި އެއްބާރުލުން ދިނުމަށް ޑިރެކްޓަރ ޖެނެރަލް މައިމޫނާ އެދިވަޑައިގަންނަވާ ކަމަށެވެ.

"އަދި އެޗްޕީއޭ އިން ކުރަމުންދާ މަސައްކަތައް [އެއްބާރުލުން ދެއްވުމަށާއި] އަދި އެކި ކަންކަމުގައި އެކި ބޭފުޅުންނަށް އިރުޝާދު އަރަވުމުން އެބަދޭ އެޗްޕީއޭ އޭގެ ފަރާތުން. މިކަންކަމަށް ލިބެމުންދާ އެއްބާރުލުމަށް [މައިމޫނާ] ޝުކުރު ދަންނަވާ،" މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން މިވަގުތު އަޅަމުން ގެންދާ ފިޔަވަޅުތަކުގައި އެބޭފުޅުންނާއި އެކުގައި މަސައްކަތްކުރުމަށް އެހީތެރިވުމަށްވެސް މައިމޫނާ އިލްތިމާސްކުރެއްވިކަމަށް މަބްރޫކް ވިދާޅުވިއެވެ.. އޭގެ މާނައަކީ ކަންކަންވީމަ ރިޕޯޓްކޮށްދިނުމާއި އެބޭފުޅުން އެދޭ ކަންތައްތައް އެދޭ ގޮތައް ކޮށްދީ މިކަން ސީރިއަސް ކަމެއް ކަމަށް ދެނެގެން މަސައްކަތްކޮށްދިނުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. އަދި ބައެއް ފަރާތްތައް ގޭގައި މަޑުކުރަން ވެސް ވަނީ އަންގާފަ އެވެ. އެ ފަރާތްތަކުން ބޭރަށް ނުކުމޭތޯ އަންނަނީ މޮނިޓަރ ކުރަމުންނެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ 76 ވަނަ މާއްދާގައި ވާގޮތުން އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށާއި އޭނާގެ ދަށުން މައްސަކަތް ކުރާ މުވައްޒަފުންނަށް ކޯޓު އަމުރަކާ ނުލައި މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ނުވަތަ އާންމު ތަނަކަށް ވަނުމުގެ ހުއްދަ ލިބިގެންވެ އެވެ. އަދި އެ ތަނަކުން އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަކުރުމަށްޓަކައި، ނުވަތަ ކޮންޓްރޯލްކުރުމަށްޓަކައި، ނުވަތަ ނައްތާލުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެ އެވެ.

comment ކޮމެންޓް