މާލެއާއި ހުޅުމާލޭގެ މަގުތަކަށް ކްލޮރިން ޖަހައި ޑިސްއިންފެކްޓު ކުރަނީ

މާޗް 20، 2020: މާލޭގެ މަގެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިފައިންނާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ މަގުތަކަށް ކްލޮރިން ބޭނުންކޮށްގެން ޑިސްއިންފެކްޓުކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ކުލޮރިން ބޭނުންކޮށްގެން މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް އެ ކައުންސިލާއި ސިފައިން ގުޅިގެން ކުރަން ނިންމާފައިވާ ކަމަށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑާސެކެޓްރީ އަދި ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، އެ މަސައްކަތް މާލޭގައި ފެށިގެންދާނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލޭގެ މަގުތައް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"ހަމަ އެގޮތަށް ހުޅުމާލެ ޑިސްއިންފެކްޓުކުރުމުގެ މަސައްކަތެއް އެޗްޑީސީގެ ފަރާތުން ހިންގަން ހަމަޖެހިފައިވޭ،" މަބްރޫކު ވިދާޅުވިއެވެ.

މަގުތައް ޑިސްއިންފެކްޓު ކުރުމަކީ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ކޮރޯނާވައިރަސް ފެތުރިޔަނުދިނުމަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ކޮށްފައިވާ ކަމެކެވެ. އެގޮތުން އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާންގައިވެސް މަގުތައް ޑިސްއިންފެކްޓުކޮށްފައިވެއެވެ. އަދި މިހާރު ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ މަގުތައްވެސް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ޑިސްއިންފެކްޓު ކުރަމުންނެވެ.

ކޮރޯނާވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު، ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ތަންތަނަށް މީހުން އެއްވެ އުޅުން ހުއްޓުވުމަށް ކެފޭތަކާއި، ޕާކުތައް ފަދަ ތަންތަން ވަނީ ބަންދުކޮށްފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.އޭގެ އިތުރުން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓވް 13 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ބަލިން ފަސޭހަވެސް ވެފައެވެ.

comment ކޮމެންޓް