މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް، މަގުމަތީގައި ހަލާކުވެފައި ހުރި ޕެލެޓުތައް ނަގަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ކުލޮރިން އަޅައިގެން މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް އެ ކައުންސިލާއި ސިފައިން ގުޅިގެން ކުރަމުންދާއިރު، އަޑީގައި ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުރި ޕެލެޓުތަކާއި ހަލާކުވެފައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ޕެލެޓުތައް ނެގުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުގެ އިއުލާނުގައިވެއެވެ.
ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު، ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ތަންތަނަށް މީހުން އެއްވެ އުޅުން ހުއްޓުވުމަށް ކެފޭތަކާއި، ޕާކުތައް ފަދަ ތަންތަން ވަނީ ބަންދުކޮށްފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.
އޭގެ އިތުރުން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން ވަނީ މެދުކަނޑާލާފައެވެ.