ސީޕީ އައްޔަންކުރުމުގެ ހުރިހާ ބާރެއް ރައީސަށް ދޭން ގޮވާލައިފި

ރައީސް ސޯލިހު ސީޕީ ހަމީދާ ސަލާމް ކުރައްވަނީ -- ފޮޓޯ: ޕޮލިސް

ކޮމިޝަނާ އޮފް ޕޮލިސް އައްޔަންކޮށް ވަކިކުރާ އުސޫލަށް ބަދަލު ގެނެސް، ހުރިހާ ބާރެއް ރައީސަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފި އެވެ.

މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.

އެ ބިލުގައި ބުނެފައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް އައްޔަންކުރާނީ ފުލުހުންގެ ޕްރޮމޯޝަން ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސް ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު --- ފޮޓޯ/ މަޖިލިސް

ބިލަށް ބަހުސް ކުރައްވަމުން، ބިލު ހުށަހެޅުއްވި މެމްބަރު، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮންނަ ބޯޑަކުން ފުލުސް އޮފީހުގެ އެންމެ އިސްވެރިޔަކަށް ހުންނަ ކޮމިޝަނާ އޮފް ޕޮލިސް އައްޔަންކުރުމަށް އިންޓަވިއުކުރުމާއި އަދި ވަނަވަރު ހޯދުމާއި، އެކަންކަން ކުރުމުގެ ބަދަލުގައި އެއީ ރައީސްގެ އަތްމަތީގައި އޮންނަ ކަމެއް ގޮތަށް ހަމަޖެހިގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހަސަން ލަތީފުގެ ވާހަކައަށް ތާއީދުކުރައްވައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ވެރިކަންކުރާ ފަރާތަށް ފުލުހުންގެ ބާރު ނެތިގެންދިޔައިމާ ވެގެންދާ ގޮތް ރާއްޖޭގެ ތާރީހުން ފެންނަން އޮތް ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

ހަމައެއާއެކު ކޮމިޝަނާ އޮފް ޕޮލިހަކީ ތާއަބަދަށް ފުލުހުންގެ ތެރޭގައި، ފުލުހުން ރުއްސަން މަސައްކަތްކުރާ ފަރާަތަކަށް ވުމުން، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ހަގީގީ މާނައިގައި ނުދެވޭ ކަމަށެވެ.

ސީޕީގެ ވަޒީފާއާއި މަގާމު ބިނާވަނީ ފުލުހުން އޭނާއާ ދޭތެރޭ ދެކޭގޮތަށް ކަމުގައި ވާނަމަ، ރައްޔިތުންނަށް ނުވަތަ ސަރުކާރު ނުވަތަ ދައުލަތް ހިފަހައްޓަން ވެސް ފުލުހުންނަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

"އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް އައްޔަންކުރެވޭ ގޮތަށް އޮތުމަކީ ވަރަށް މުހިންމު ކަމެއް،" އީވާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ ޕްރޮމޯޝަން ބޯޑަކުން ވަޒަންކޮށްގެން، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ރައީސަށް ކޮމިޝަނަރު އައްޔަންކުރެވޭ ގޮތަށް އޮތުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް --- ފޮޓޯ/ މަޖިލިސް

"އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަކަށް އޮންނަންވާނެ ފުރިހަމަ ބާރާއި އިހްތިޔާރު އެއިރެއްގައި ހުންނަ ޕޮލިސް ކޮމިޝަނަރެއް އައްޔަންކުރެވުމުގެ،" މީކާއީލް ވިދާޅުވި އެވެ.

އެމްޑީޕީ މެމްބަރުންގެ ވާހަކަތަކާ ގުޅިގެން މީގެކުރިން ޕޮލިސް ކޮމިޝަނަރުކަން ކުރައްވާފައިވާ، ތިމަރަފުށި ދާއިރާގެ މެމްމަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް ފުލުހުންނަށް އަމުރުކުރަން ނުވަތަ ފުލުހުންގެ އެންމެ އިސް މަގާމަކަށް މީހަކު ހަމަޖައްސަނީ އެއިރެއްގައި އޮންނަ ނިޒާމެއްގެ ތެރެއިން ވެރިކަމުގައި ހުންނަވާ މީހަކު އަންގަވާ ގޮތެއްގެ މަތިން ކަމަށެވެ.

"އަދި ހަމަ މި ބިލުގައި ހުށަހަޅާފައި ވެސް އޮތީ އެގޮތަށް. އެހެންވީމާ، ތަފާތުވަނީ ކޮންކަމެއްކަން އަޅުގަނޑަކަށް މި ބިލަކުން އަދި ސާފެއް ނުވޭ،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ފުލުހުންގެ ތެރޭގައި، ފުލުހުންގެ ބަޖެޓުގެ ކަންތައްތައް ކަނޑައެޅުމާއި އިސް މަގާމުތަކަށް މީހުން ކަނޑައެޅުމުގައި ވެސް ޕޮލިސް ބޯޑެއް ނުވަތަ ޕޮލިސް އޮތޯރިޓީއެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްގެ ވާހަކައާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ ރިޔާޒަކީ ހަތެއް ފެބުރުއަރީގެ ބަޣާވާތުގެ އެންމެ ކުރީގައި ހުންނެވިި އެކަކު ކަމަށާއި، މަޖިލީހުގައި ވާހަކަ ދައްކަވަނީ ބިލު ރަނގަޅަށް ވިދާޅުނުވެ ކަމަށެވެ.

މެމްބަރު ވަހީދުގެ އިތުރުން ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ރިޔާޒް ބަހުސް ކުރައްވަނީ ބިލު ރަނގަޅަށް ވިދާޅުނުވެ ކަމަށް ވިދާޅުވެ، ރިޔާޒަށް ފާޑުވިދާޅުވެފައެވެ.

ރިޔާޒް ވިދާޅުވީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބިލް ވިދާޅުވެފައިވާނެ ކަމަށާއި، ސުވާލުކުރައްވަނީ ކަންކަން ސާފުނުވާތީ ކަމަށެވެ.

ސީޕީ އައްޔަންކުރުމުގެ ހުރިހާ ބާރެއް ރައީސަށް ދިނުމާ ދެކޮޅަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް ޝިޔާަމް ވިދާޅުވީ އެކަމުގެ ހުރިހާ ބާރެއް ރައީސަށް ދިނުމަކީ މުޅި ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް ސިޔާސީވެގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ބިލުގައި އެބަ އޮވޭ، އެގްޒެކެޓިވް ސާވިސްގެ މަގާމުތަކެއް އުފައްދާ ވާހަކަ. މި މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު މި އޮންނަނީ، ސީދާ ޕޮލިސް ކޮމިޝަނަރަށް. ޕޮލިސް ކޮމިޝަނަރު މި އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ. އެހެންކަމުން، މުޅި ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް ސިޔާސީވެގެން އެބަދޭ،" ޝިޔާމް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ތަޅުމުގައި އޮތް ފުލުހުންގެ ހިދުމަތުގެ ބިލަކީ "ބިރުހުރި" ބިލެއްގެ ގޮތުގައި ޝިޔާމް ވަނީ ސިފަކުރައްވައިފައެވެ. އަދި މި ބިލު އަނބުރާ ގެންދަން ވެސް ޝިޔާމް ގޮވާލެއްވި އެވެ.

އޮކްޓޯބަރ 7، 2019: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ބިލަށް ބަހުސްކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ސީޕީ އައްޔަންކުރުމުގެ ބާރު ރައީސަށް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި އަދި ރާއްޖޭގެ ސިޔާސީ
މަޝްރަހު މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު ވެސް އަޅުގަނޑު ދެކޭގޮތުގައި ކޮމިޝަނާ އޮފް ޕޮލިސް އައްޔަންކުރައްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބިލުގައި ރައީސަށް ވަކި ހާއްސަ އިމްތިޔާޒްތަކެއް ދީފައި ނެތް ނަމަވެސް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ރައީސް
ބޭނުންވާ ސިޔާސަތުތައް ރަނގަޅަށް ކުރިއަށް ގެންދެވޭނީ، ސީޕީ އައްޔަންކުރުމުގައި ރައީސްގެ ކޮންޓްރޯލެއް އޮވެގެން ކަމަށެވެ.

comment ކޮމެންޓް