މެޑިސިން ކިޔަވާ ދަރިވަރުން ގެންނަނީ ތައްޔާރީ ހާލަތުގައި ތިބެން

ކޮވިޑް19 އާބެހޭގޮތުން ބާއްވަމުންދާ ސިލްސިލާ ބައްދަދުލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

ރާއްޖެއިން ބޭރުގައި ތިބި މެޑިކަލް ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ ކޮންމެ ހާލަތެއް ދިމާވިޔަސް، ތައްޔާރީ ހާލަތުގައި ތިބުމަށް ކަމަށް ކޮރޯނާ އާއި ގުޅިގެން ސަރުކާރުގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބޭރުގައި ތިބި މެޑިސިން ކިޔަވާކުދިންގެ ތެރެއިން ވޮލަންޓިއާ ކުރުމަށް ހެލްތު މިނިސްޓްރީ އިން އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުގައި، އެހާގިނަ ޑޮކްޓަރުން ބޭނުންވެގެން އުޅެނީ ކީއްވެގެންތޯ ގިނަބަޔަކު ސުވާލު އުފައްދާ ކަމަށެވެ.

"އަޅުގަނޑުމެން ބުނިން ރާއްޖޭގެ ހާލަތު، މިހާރު އަޅުގަނޑުމެންނަށޤ މިހާލަތުން އަރައިގަނެވޭނެ ކަމަށް ނިންމުމާ ކައިރިވެސް ނުވެޔޭ. ދެން ހަމަ އެއާއެކު އަޅުގަނޑުމެން ކިޔައިދިނިން 200 އައިސީޔޫ ފެސިލިޓީ އާއި 2000 އެނދު ރާއްޖޭގައި ކަރަންޓީނު ނުވަތަ އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި އުފައްދާ އެ ތަންތަނުގައި ސްޓާފުން ތިބެންޖެހޭ،" މަބްރޫކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓީނު އަދި އައިސޮލޭޝަން އަށް ރާއްޖޭގެ އެކި ރިސޯޓުތައް ނަގަމުންދާޢިރު، އެތަންތަނުގައި ޝިފްޓު ޑިއުޓީ އަށް މަސައްކަތް ކުރުމަށް ސްޓާފުން ބައިތިއްބަން ޖެހޭ ކަމަށެވެ.

"އެހެންވީމާ، މި ތައްޔާރުވަމުން ދަނީ ރާއްޖޭގައި ކޮންމެފަދަ ހާލަތެއް ދިމާވިނަމަވެސް، އެކަމަށް ބޭނުންވާނެ އަދަދަށް ޑޮކްޓަރުންނާއި ނަރުހުންނާއި ހެލްތު ޕްރޮފެޝަނަލުން ތިބޭނެ ކަހަލަގޮތަކަށް އެކަން ކުރުމަށް،" މަބްރޫކް ވިދާޅުވި އެވެ.

ކޮރޯނާ އާއި ގުޅިގެން ލަފާދޭ ކޮމެޓީގެ ލަފައާ އާއެކު ހިޔުމަން ރިސޯސް ގެޕް ފިލްކުރުމަށް ބޭނުންވާ ޑޮކްޓަރުން ހަމަކުރުމަކީ މުހިއްމު ކަމެއް ކަމަށް މަބުރޫކް ވިދާޅުވި އެވެ. އެކަމަށްޓަކާ ރާއްޖެއިން ބޭރުގައި ސްޕެޝަލައިޒް ވުމަށް ތިބި ޑޮކްޓަރުންނާއި މެޑިސިން ކިޔަވާ ދަރިވަރުންގެ އެހީ ހޯދުމަށް ވިސްނީ ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ނޭޕާލުގައި ތިބި 33 ޑޮކްޓަރަކު ސަރުކާރުގެ ހަރަދުގައި މިހާތަނަށް ރާއްޖެ އައިސްފައިވާ ކަމަށާއި އިތުރު 10 ފަރާތެއް އަމިއްލަ ހަރަދުގައި ރާއްޖެ އައިސްފައިވާ ކަމަށެވެ. މި ފަރާތްތައް ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރާނެ އެވެ.

މީގެކުރިން އައިޖީއެމްއެޗް އިން ވެސް ވަނީ ކޮރޯނާއާ ގުޅިގެން ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ސިއްހީ ޕްރޮފެޝަނަލުން މަސައްކަތަށް ނުކުތުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު ތިން މީހެއް ބަލިން ފަސޭހަވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް މި ހާލަތަކީ ލުއިކޮށް ދޫކޮށްލުމަކީ ކުރއެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ ބަލި ފެތުރިދާނެ ކަމަށް ސަމާލުވެތިބެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ވަގުތު ކަމަށް މަބްރޫކު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް