ފެލައިނީއަށް ބަލި ޖެހުނުކަމަށް ބެލެވެނީ ޗައިނާއިން، ކޮންޓެކްޓު ޓްރޭސިން ފަށައިފި

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މަރުއޯން ފެލައިނީ ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، އޭނާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮރޯނާވައިރަސް އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން މިކަމަށް ހާއްސަކޮށްފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ، ފެލައިނީ ބައްޔަށް ޕޮޒިޓިވް ވެފައިިވާތީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ފެލައިނީ ރާއްޖެ އައީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށާއި، އޭނާ ރާއްޖެއިން ފުރީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ޗުއްޓީ ހޭދަކޮށްފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށުގައި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން ފުރައިގެން ފެލައިނީ ގޮސްފައި ވަނީ ޗައިނާ އަށެވެ. އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން އެނގުނީ 20 ވަނަ ދުވަހު ޗައިނާގައި ހުއްޓަ އެވެ.

"އެހެންވީމަ އަޅުގަނޑުމެން ބަލައިލާފިއްޔާ އޭނާއަށް ބަލި ޖެހުނު އެންމެ އަވަސް ދުވަހަކަށް 14 ދުވަހުގެ މުއްދަތު ބެލީމާ ޖެހިފަ އޮވެދާނެ ކަމަށް ބެލެވިފައި ވަނީ ހަ ވަނަ ދުވަސް. އަޅުގަނޑުމެންނަށް ލަފާކުރެވެނީ އޭނާއަށް ބަލިޖެހުނީ ރާއްޖެއިން ދަތުރުކޮށް ދިޔަފަހުން ޗައިނާއިން ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއިި، ފެލައިނީ އާ "ކްލޯޒް ކޮންޓެކްޓު" ވި މީހަކު އެކަހެރިކޮށްފައިިވާ ކަމަށެވެ.

ޗައިނާގެ ސުޕަ ލީގަށް މިހާރު ކުޅޭ ފެލައިނީ ވައިރަސް އަށް ޕޮޒިޓިވްވި ކަން އެނގިފައިވަނީ އޭނާ ޗައިނާގެ އިރުމަތީ ޕްރޮވިންސް އެއް ކަމަށްވާ ޝެންޑޮންގް ވެރި ރަށް ސިނާން އަށް ދިޔުމުންނެވެ. ރޭލުން އޭނާ ސިނާން އަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

comment ކޮމެންޓް