އިންޑިއާގެ ޖަނަތަ ކާފިއުއާ އެކު މަގުތައް ފަޅުވެއްޖެ

ޖަނަތަ ކާފިއު މިއަދު 14 ގަޑިއިރަށް ދެމިގެންދާނެ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (މާޗް 22): އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މިއަދު 14 ގަޑި އިރަށް އެގައުމުގެ އެންމެން އަމިއްލައަށް ކަރަންޓީނު ވުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އެދިލެއްވުމާ ގުޅިގެން މުޅި ގައުމުގެ މަގުތައް ފަޅުވެއްޖެ އެވެ.

ބޮޑުވަޒީރު މޯދީ އެދިލައްވާފައި ވަނީ "ޖަނަތަ ކާފިއު" ނުވަތަ ރައްޔިތުންގެ ކާފިއުގެ ދަށުން ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ފިޔަވާ އެންމެންވެސް މިއަދު ހެނދުނު 7:00އިން 21:00އަށް ގޭގައި މަޑު ކުރުމަށެވެ. އަދި މިއަދު 17:00ގައި އެންމެން ގޭގެ ދޮރު މައްޗަށް ނުވަތަ ބެލްކަނީތަކަށް ނުކުމެ، އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އަތް ޖެހުމަށްވެސް މޯދީ އެދިލައްވާފައިވެ އެވެ.

އިންޑިއާގައި ކާފިއުއަށް އަމަލު ކުރުމުގެ ގޮތުން ގިނަ ބަސްތަކާއި ރޭލުގެ ހިދުމަތް ވަނީ މެދުކަނޑާލާފަ -- ފޮޓޯ: ގެޓީ

"ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެންމެންވެސް މި ކާފިއުގައި ބައިވެރިވަމާ. އަޅުގަނޑުމެން މިހާރު އަޅާ ފިޔަވަޅުތަކުގެ ފައިދާ ކުރިއަށް އޮތް ތަނުގައި ފެންނާނެ،" މޯދީ ވިދާޅުވި އެވެ.

މިއަދު 14 ގަޑި އިރުވަންދެން އިންޑިއާގެ އެންމެންވެސް ގޭގައި ތިބުމަށް ބޮޑުވަޒީރު މޯދީ ވަނީ އެދިލައްވާފަ -- ފޮޓޯ: ހިންދޫ

އެ ކާފިއުގެ ދަށުން، ކާބޯތަކެއްޗާއި ބޭސް ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ނޫން އެހެން ތަކެތި ވިއްކާ ވިޔަފާރިތަކާއި ޒަރޫރީ ހިދުމަތް ދޭ ތަންތަން ނޫން އެހެން ތަންތަން ވަނީ ބަންދުކޮށްފަ އެވެ. އަދި ގިނަ ރޭލާއި ބަސް ދަތުރުތައް ހުއްޓާލާފައިވާ އިރު ބައެއް އެއާލައިންތައް ވަނީ މިއަދު އެތެރޭގެ ވައިގެ ދަތުރުތައް މަޑު ޖައްސާލާނެ ކަމަށް ނުވަތަ އެއްކޮށް ހުއްޓާލާނެ ކަމަށް ބުނެފަ އެވެ.

ކާފިއު ފެށި ފަހުން މުމްބާއީގެ ރާޖީވް ގާންދީ ސީ ލިންކުންވެސް ފެންނަނީ މަދު އުޅަނދުތަކެއް -- ފޮޓޯ: ހިންދޫ

އިންޑިއާގައި މިހާތަނަށް 324 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން ފަސް މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިއަދުން ފެށިގެން ހަފްތާއަކަށް އެގައުމަށް ވައިގެ މަގުން މީހުން އެތެރެވުން މަނާ ކުރުން ހިމެނެ އެވެ.

ޖަނަތަ ކާފިއުއާ ގުޅިގެން، ލަކްނޯގެ މަޝްހޫރު ރޫމީ ދަރުވާޒާ ކައިރި ފަޅުކޮށް -- ފޮޓޯ: އެންޑީޓީވީ

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު އާ ބާވަތުގެ ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 171 ގައުމަކަށް ފެތުރި، 307،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 13,049 މީހަކު މަރުވެފައިވާ އިރު 92،000އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް