ކުރީގެ ނައިބު ރައީސް ޖިހާދުވެސް ކަރަންޓީނުކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ކޮރޯނާވައިރަސް، ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހަކު ކަރަންޓީނު ކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުވެސް ކަރަންޓީނު ކޮށްފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކަރަންޓީނު ކޮށްފައި ވަނީ މަލަހިނި ކުޑަބަނޑޮހުގައި ގާއިމް ކޮށްފައިވާ ކަރަންޓީނު ފެސިލިޓީގަ އެވެ. ޖިހާދު ކަރަންޓީނު ކޮށްފައި ވަނީ ތައިލެންޑަށް ދަތުރު ކުރުމަށް ފަހު ރާއްޖެ އައުމުން ރޭގެ ވަގުތެއްގަ އެވެ.

އިއްޔެ އާއި ރޭ ރާއްޖެއިން ބޭރުން ރާއްޖެ އައި ގިނަ ބަޔަކު ވަނީ ކަރަންޓީނު ކޮށްފަ އެވެ.

އެޗްޕީއޭއިން ނިންމާފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނު ކުރުމަށެވެ.

ޓޫރިޒަމް ދާއިރާ ގެ 11 ފެސިލިޓީ އެއް ކަރަންޓީނު ބޭނުމަށް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި 2288 އެނދު ހަމަޖެހިފައިވާ ކަމަށެވެ. އެއީ 1158 ކޮޓަރި އެވެ.

ރިސޯޓް ހަދަން ދޫކޮށްފައިވާ ވިލިވަރުގެ އިތުރުން ކަރަންޓީނު ފެސިލިޓީތައް ގާއިމްކޮށްފައިވާ ރިސޯޓްތަކަކީ؛

  • ބިޔާދޫ ރިސޯޓް
  • ފަން އައިލެންޑް ރިސޯޓް
  • ހޮލިޑޭ އައިލެންޑް ރިސޯޓް
  • މަލަހިނި ކުޑަބަނޑޮސް
  • ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)
  • ވަރު ބައި އެޓްމޮސްފިއަ
  • އެނބޫދޫ ވިލެޖް
  • ވެލިދޫ އައިލެންޑް ރިސޯޓް
  • ދިއްގިރި ރިސޯޓް
  • ރޯޔަލް އައިލެންޑް

މިނިސްޓަރު އަލީ ވަހީދު "ސަން" އަށް ވިދާޅުވީ، ކަރަންޓީނު ކުރުމަށް 2،000 އަށް ވުރެ ގިނަ އެނދު ހަމަޖެހުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިކަމުގައި ޓޫރިޒަމް ދާއިރާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް