ބިދޭސީންގެ ބައެއް ހިދުމަތްތައް ބަންދު ތެރޭވެސް ލިބޭނެ

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރު ބަންދުކޮށްފައި ހުރި ނަމަވެސް، ބިދޭސީންގެ ވޯކް ވިސާގެ ހިދުމަތްތައް ދޭ އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ބައެއް ހިދުމަތްތައް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ވަނި މިިދޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާއަކަށް ސަރުކާރު ބަންދުކުރުމަށް ނިންމާފަ އެެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ސަރުކާރު ބަންދުވުމާ ގުޅިގެން އެކްސްޕެޓް ސިސްޓަމްގެ ހިދުމަތްއްވެސް މެދުކަނޑާލެވިފައިވާ ކަމަށެވެ.

ނަމަވެސް މި މުއްދަތުގައި ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ރާއްޖޭގައި މަސައްކަތް ކުރުމުމުގެ ހުއްދަ ހަމަވެއްޖެނަމަ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތް ވެސް ދޭނެ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.

އެ ހިދުމަތްތައް ލިބޭނީ، މިއަދުން ފެށީގެން އަންނަ ބުރާސްފަތިދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށްގެން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ. އެ ވަގުތުތަކުގައި އޮންލައިންކޮށް، "ކޯޓާ އެކްސްޓެންޝަން" އަދި "އެމްޕްލޯއިމަންޓް އެޕްރޫވަލް އެކްސްޓެންޝަން" އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ބަޔާނުގައި ބުންނެވެ.

އެކްޕެޓް ސިސްޓަމްއަކީ ބޭރުގެ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ސިސްޓަމެކެވެ.

comment ކޮމެންޓް