މޮސްކޯގައި އަމިއްލައަށް އެކަހެރިވާން ދެކޮޅު ހަދާ މީހުން 5 އަހަރަށް ޖަލަށް ލަނީ

ރަޝިއާގައި 306 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ -- ފޮޓޯ: އަންދަލޫ އޭޖެންސީ

މޮސްކޯ (މާޗް 21): ދުނިޔޭގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކަށް ދަތުރު ކުރުމަށް ފަހު ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދާ މީހުން އަމިއްލައަށް އެކަހެރިވާން ދެކޮޅު ހަދާ ނަމަ އެމީހުން ފަސް އަހަރުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް މޮސްކޯއިން ބުނެފި އެވެ.

މޮސްކޯ ސަރުކާރުން އިއުލާން ކުރި ގޮތުގައި ޗައިނާ، ދެކުނު ކޮރެއާ، އީރާން، ފްރާންސް، ޖަރުމަނު، އިޓަލީ އަދި ސްޕެއިންއަށް ދަތުރު ކުރުމަށް ފަހު، ވައިރަހުގެ އަލާމާތްތަކާއެކު އެނބުރި މޮސްކޯއަށް ދާ މީހުން ދެ ހަފްތާއަށް އަމިއްލައަށް އެކަހެރިވާން ޖެހޭނެ އެވެ. އަދި އެކަހެރިވާން ދެކޮޅު ހަދާ މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށާއި އޭގެ ތެރޭގައި ގިނަވެގެން ފަސް އަހަރަށް ޖަލަށް ލުން ހިމެނިދާނެ ކަމަށް މޮސްކޯ ހެލްތު ޑިޕާޓްމެންޓުން ބުންޏެވެ.

މީގެ އިތުރުން އަމިއްލައަށް އެކަހެރިވާ މީހުން ސީސީޓީވީ މެދުވެރިކޮށް މޮނިޓާ ކުރާނެ ކަމަށާއި އެމީހުންނަށް ބައެއް ހާލަތްތަކުގައި ބޭރަށް ދެވޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ހާލަތްތަކުގައި ދާން ޖެހޭނީ މާސްކު އަޅައިގެން، މަގުމަތީގައި މީހުން އެންމެ މަދު ވަގުތެއް ބަލާފައި ކަމަށް ހެލްތު ޑިޕާޓްމެންޓުން ބުންޏެވެ.

މޮސްކޯއިން އެފަދައިން އިއުލާން ކުރި ފަހުން ރަޝިއާއިން ވަނީ ބޭރު މީހުންނަށް އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ. ނަމަވެސް ބޭރު ގައުމުތަކުގައި ތިބެފައި އެގައުމަށް ދާ ރަޝިއާގެ ރައްޔިތުންނަށާއި ޑިޕްލޮމެޓުންނަށާއި އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންނަށް އަދިވެސް ބޯޑަރުން އެތެރޭވެވޭނެ އެވެ. ނަމަވެސް އެ އެންމެންވެސް ރަޝިއާއަށް ވަނުމަށް ފަހު 14 ދުވަހަށް އަމިއްލައަށް އެކަހެރިވާން ޖެހޭނެ އެވެ.

ރަޝިއާގައި މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 306 މީހުންނެވެ. އަދި އޭގެ ސަބަބުން މަރުވެފައި ވަނީ އެންމެ މީހެކެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި އެގައުމުން ދުރާލާ ފިޔަވަޅު އަޅާފައިވާތީ އެގައުމުގައި ވައިރަސް ބޮޑަށް ފެތުރުން ވަނީ ހުއްޓުވިފަ އެވެ.

ރަޝިއާއިން ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ވައިރަސް ފުރަތަމަ ފެނުނު ޗައިނާއާ އެގައުމާ ދެމެދު އޮންނަ ބޯޑަރު ޖެނުއަރީ މަހު ބަންދު ކުރުމާއި ގިނަ އަދަދެއްގެ މީހުން ވައިރަހަށް ޓެސްޓު ކުރުން ހިމެނެ އެވެ. އެގޮތުން އިއްޔެ ރަޝިއާއިން ވަނީ އެގައުމުން މިހާތަނަށް 156،000އަށް ވުރެ ގިނަ ޓެސްޓުތައް ހަދާފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް