ޕީޕީއެމުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މާދަމާ ބާއްވަނީ

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން: އެ ޕާޓީން އިސް ނަގައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބޭއްވުމަށް ވަނީ ނިންމާފައި --- ފައިލް ފޮޓޯ: ޕީޕީއެމް

ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ލޭ ލިބުން ދަތިވެފައިވާތީވެ، ތެލްސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމަށް ކޭމްޕޭއް ބޭއްވުމަށް އިދިކޮޅު ޕީޕީއެމުން ނިންމައިފި އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް ތެލެސީމިއާ ސެންޓަރުން ވަނީ އެދިފަ އެވެ.

އެކަމާ ގުޅިގެން، ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، އެ ޕާޓީން އިސް ނަގައިގެން ތެލްސީމިއާ ކުދިންނަށް ލޭ ހޯދައިދިނުމަށް މާދަމާ ޕްރޮގްރާމެއް ހިންގަން ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން އެ ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުން މާދަމާ މެންދުރުފަހު 2:30 އަށް ތެލްސީމިއާ ސެންޓަރަށް ވަޑައިގެން އެ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ލޭ ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

"މާދަމާ އެ ގަޑިއަށް އަޅުގަނޑުމެންގެ ލީޑާޝިޕްގެ ބޭފުޅުންނާއި ކައުންސިލްގެ ވަރަށް ގިނަ މެންބަރުން ވެސް ތެލްސީމިއާ ސެންޓަރަށް ވަޑައިގެން ލޭ ދިނުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުން،" ހީނާ ވިދާޅުވި އެވެ.

ތެލްސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ގޮތުން ޕީޕީއެމް އިން އިސްނަގައިގެން މާދަމާ މާލޭގައި އެ ހަރަކާތް ފެށި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅު ތެރޭގައި ވެސް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމަތަކެއް ހިންގުމަށް ހަމަޖެހިފައިވާކަން ހީނާ ފާހަގަކުރެއްވި އެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ. ސަރުކާރު ބަންދު ކުރުމާ ގުޅިގެން ހަފްތާ ބަންދުގައި މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތް ނުދޭގޮތަށް ކުރިން އޮތީ ނިންމައިފައެވެ.

ނަމަވެސް ލޭ ލިބުން ދަތިވުމާ ގުޅިގެން، ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް އެމްބީއެސްގެ އޮފީސް މިއަދު ވަނީ ހުޅުވައިފައެވެ. އަދި މާދަމާ ވެސް ހެނދުނު 10:00 ޖަހާއިރު ބްލަޑް ބޭންކް ހުޅުވާނެ އެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް، ޒަރޫރީ ކަމެއްގައި ނޫނީ ބޭރަށް ނުދިއުމަށާއި، އާންމުން ތަންތަނަށް އެއްވެ ނޫޅުމަށް ސިއްހީ މާހިރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

އެހެންކަމުން އެމްބީއެސް އިން މިއަދު ލޭ ހަދިޔާކުރާ ފަރާތްތަކަށް އެ ސެންޓަރު ހުޅުވީ، "ސޯޝަލް ޑިސްޓޭންސިން"އަށް އިސްކަންދީ، އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.

comment ކޮމެންޓް