އާސަންދައިގެ ދަށުން އިންޑިއާގައި ތިބި މީހުންގެ ހަރަދުތައް ބަލަހައްޓަނީ

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އަވަށްޓެރި އިންޑިއާއަށް ގޮސްތިބި ދިވެހިންނަށް އަނބުރާ ރާއްޖެ އާދެވެންދެން އެ މީހުންގެ ހަރަދުތައް އާސަންދައިގެ ދަށުން ބަލަހައްޓަން ނިންމައިފި އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެގައުމުން އަޅާ ފިޔަވަޅުތަކުގެ ދަށުން މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް، އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ބައިނަލްއަގުވާމީ ފްލައިޓްތައް ޖެއްސުން ވަނީ މަނާކޮށްފަ އެވެ. އެކަމާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އިންޑިއާއަށް ކުރަމުން ދިޔަ ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އިންޑިއާށް ވައިގެ މަގުން ދަތުރުތައް ކުރުން ހުއްޓާލައިރު، އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރަން އެ ގައުމުގައި ވަރަށް ގިނަ ދިވެހިން ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ބޭސްފަރުވާގެ މުއްދަތު ނިމި، ރާއްޖެ އަންނަން ވެފައި ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މީހުން ރާއްޖެ އާދެވެން ދެން އެ މީހުންގެ ތިބުމާއި ކެއުމުގެ ހަރަދުތައް އާސަންދައިން ހަމަޖައްސައިދޭން ނިންމާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކި ބޭނުންތަކަށް އިންޑިއާއަށް ދިޔުމަށް ފަހު، އަނބުރާ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސޭތޯ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު 283 އަށް އަރާފައިވާ އިރު، އެ ގައުމުގެ އެތެރޭގައި ކުރާ ބަސްދަތުރުތަކާއި، ރޭލާއި މެޓްރޯ ދަތުރުތައް ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. އަދި ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ އާންމުން ބޭރަށް ނުނިކުތުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮރޯނާވައިރަސް ޖެހިގެން އިންޑިއާއިން މިހާތަނަށް، އިންޑިއާއިން ވަނީ ފަސް މީހަކު މަރުވެފަ އެވެ.

comment ކޮމެންޓް