ނޭޕާލްގައި ފިޔަވަޅުތައް ވަރުގަދަކޮށްފި، ފޮރިން މިނިސްޓްރީއިން އެދެނީ ދިވެހީން ސަމާލުވުމަށް

ނޭޕާލްގެ ރައްޔިތުންތަކެއް މަގުމަތީގައި މާސްކު އަޅައިގެން: އެގައުމުގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި -- ފޮޓޯ/ އޭއެންއައި ނިއުސް

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނޭޕާލްގައި ފެތުރިޔަނުދިނުމަށް އެގައުމުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާތީ އެގައުމުގައި އުޅޭ ދިވެހީން އެކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

ނޭޕާލްއިން މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވީ އެންމެ މީހެކެވެ. އެހެން ނަމަވެސް، ވައިރަސް އާންމުންގެ ތެރޭގައި ފެތުރިޔަނުދިނުމަށް އެގައުމުގެ ސަރުކާރުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ނޭޕާލް ސަރުކާރުން ސަލާމަތީ ގޮތުން އަޅާފައިވާ ފަސް ފިޔަވަޅެއް މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ފާހަގަކުރިއެވެ.

  • 22 މާރިޗު 2020 އިން 31 މާރިޗު 2020އަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަގްވާމީ ކޮމާޝަލް އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުން.
  • ނޭޕާލްގެ ސަރުކާރުގެ ގެޒެޓްގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތައް ބަންދުކުރުން.
  • ދީނީ، އިޖްތިމާއީ އަދި ސަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މަނާކުރުން.
  • ހުރިހާ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔެވުން މެދުކަނޑާލައި، އެ ތަންތަން 12 އޭޕްރިލް 2020 ގެ ނިޔަލަށް ބަންދުކުރުން.
  • 23 މާރިޗު 2020 އިން ފެށިގެން ނޭޕާލްގައި އެއްގަމުމަގުން ކުރާ ދިގު ދަތުރުތައް ހުއްޓާލުން.

"ވީމާ، މި ދުވަސްތަކުގެ ތެރޭގައި ނޭޕާލްގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ. މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ނޭޕާލްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރަމެވެ." ފޮރިން މިނިސްޓްރީއިން މިއަދު ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ވަނީ ނޭޕާލްއިން ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ނޭޕާލްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ޕާކިސްތާންގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އެދިފައެވެ.

ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ ފޮރިން މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ރާއްޖޭގައިވެސް ވައިރަސް ފެނުމާ ގުޅިގެން ވައިރަސް ފެތުރިޔަނުދިނުމަށް ސަލާމަތީ ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސަރުކާރު މި ހަފްތާ ނިމެންދެން ސަރުކާރު ވަނީ ބަންދުކޮށްފައެވެ.

އޭގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތެއް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން މިއަދު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް