ލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ލަންކާ އެއާޕޯޓު --

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާގައި ހަލުވިކަމާ އެކު ކޮވިޑް19 ފެތުރެމުން އަންނާތީ އެގައުމުން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައި ވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން ލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ފާއިތުވި 14 ދުވަހުގެ ތެރޭގައި ލަންކާއަށް ދަތުރުކޮށްފައިވާ ފަރާތްތައް ވެސް ހިމެނެ އެވެ.

ލަންކާ އިން މީހުން އައުން މަނާކުރި ނަމަވެސް، އެގައުމުގައި ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުން ނަމަ އާދެވޭނެ ކަމަށް އެޑްވައިޒަރީގައި ބުނެފައިވެ އެވެ. އެކަމަކު އެ ފިޔަވަޅާ އެކު ލަންކާ އިން އަންނަ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރާނެ އެވެ.

ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ ހުރިހާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް މިހާރު ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް19 އާ ގުޅިގެން ލަންކާ އިން އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމަށް އެތެރެވުމަށް އެއްވެސް ބާވަތެއްގެ ވިސާއެއް ދޫނުކުރުން ހިމެނެ އެވެ.

އެހެން ނަމަވެސް މި މަހުގެ 14 އިން އަންނަ މަހުގެ 12އާ ދެތެރޭ އެ ގައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކޮށްދޭން ލަންކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ލަންކާ އިން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ އިރު، ވައިގެ މަގުން އެގައުމަށް މީހުން އެތެރެވުން އޮތީ މަނާކޮށްފަ އެވެ. ލަންކާ އިން 73 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފަ އެވެ.

މިހާތަނަށް ކޮވިޑް19 އާ ގުޅިގެން 11 ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އެއީ ޗައިނާ، އިޓަލީ، އިރާން، ސްޕެއިން، ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކާއި ފްރާންސްގެ ދެ ސަރަހައްދަކާއި ޖަރުމަނުގެ ތިން ސަރަހައްދަކާއި އިނގެރޭސިވިލާތް، މެލޭޝިޔާ، ބަންގްލަދޭޝް އަދި ލަންކާ އެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް