ވޯކް ވިސާ ނެތް ބިދޭސީން ސަރުކާރުގެ އެހީގައި ގައުމަށް ފޮނުވައިދެނީ

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ފައްތަން އިކޮނޮމިކް މިނިސްޓްރީއިން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ވިސާއާއި ޓްރެވެލް ޑޮކިއުމަންޓް ނެތް ބިދޭސީން، ސަރުކާރުގެ ހަރަދުގައި އެ ފަރާތްތަކުންގެ ގައުމުތަކަށް ފޮނުވައިދިނުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން މިއަދު ބުނެފައިވަނީ ރާއްޖެއިން އަނބުރާ އެބައެއްގެ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ ތެރެއިން ސައްހަ ޓްރެވެލް ޑޮކިއުމެންޓް ނެތް ފަރާތްތަކަށް، އެ ގައުމެއްގެ އެމްބަސީ ނުވަތަ ހައި ކޮމިޝަނާ ގުޅިގެން ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެ ބިދޭސީންގެ ގައުމަށް އަނބުރާ ދިޔުމަށް ހޭދަވާނެ ހަރަދުތަކުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ޓްރެވެލް ޑޮކިއުމެންޓް އިޝޫކުރަން ބޭނުންވާ ފަރާތްތަކުން ނަމާއި އައިޑެންޓިފިކޭޝަން ނަމްބަރު ނުވަތަ ޕާސްޕޯޓު ނަމްބަރު ޖެހުމަށްފަހު 7205648 އަށް މެސެޖުކުރުމަށެވެ. އެގޮތުން އެ މަސައްކަތްކުރުމަށް ބޭނުންވާނީ ހަމައެކަނި ޓެކްސްޓް މެސެޖެއް ކުރަން ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ލިޔެކިޔުންތައް ހަމަކުރުމަށްޓަކައި މިނިސްޓްރީއިން އެ ފަރާތްތަކަށް ގުޅާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އެ ކަމުގައި އޮފީސް ބޭރަށް އެއް ނުވުމަށްވެސް މިނިސްޓްރީއިން އިލްތިމާސްކޮށްފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ވިސާ އާއި އިތުރު ލިޔެކިޔުން ނެތް ވަރަށް ގިނަ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް އެ ބައެއްގެ ގައުމަށް އަނބުރާ ދިޔުމުގެ ފުރުސަތު ފަހި ކޮށްދިނުމަށްޓަކައި އެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް