އެމްޓީސީސީއިން ވިލިމާލޭ ދަތުރު ކާޑު ހިލޭކޮށްފި

ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ އާއި ވިލިމާލޭގެ ފެރީގެ ހިދުމަތް ފޯރުކޮށްދޭ އެމްޓީސީސީއިން ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު މިއަދުން ފެށިގެން ހިލޭ ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.

އެމްޓީސީސީއިން މިއަދު ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ފައިސާ ގެންގުޅޭ މިންވަރު މަދުކުރުމަށް ޓަކައި އެއްފަހަރު ބޭނުންކުރާ ފެރީ ޓިކެޓް ޓޯކެންތައް ބޭނުންކުރުން މަދުކުރުމަށް މަސައްކަތްކުރާ ކަމަށެވެ.

އެގޮތުން އެއްފަހަރު ބޭނުންކުރާ ޓޯކެންތައް މަދުކޮށް، ވިލިމާލޭ ރައްޔިތުންނަށް ދަތުރު ކާޑު މިއަދުން ފެށީގެން ހިލޭ ވާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ. އަދި ކާޑު ހިލޭކޮށް ބޭނުންކުރާނެ މުއްދަތެއް އެމްޓީސީސީއިން ހާމަކޮށްފައެއް ނުވެ އެވެ.

މާލެ އާއި ވިލިމާލޭ ފެރީގެ ދަތުރުކުރާ ފަރާތްތަކުންނަށް ދެގޮތަކަށް ޓިކެޓު ނެގޭނެ އެވެ. އެއީ އެއްފަހަރު ބޭނުންކުރާ ޓޯކެން އާއި މަހަކު އެއްފަހަރު އާކުރާ ކާޑެކެވެ.

ވިލިމާލޭގައި އުޅޭ ރައްޔިތުން ގިނަ ފަހަރަށް ބޭނުންކުރާނީ ކޮންމެ މަހަކު އެއްފަހަރު އާކުރަން ޖެހޭ ނުވަތަ ޓޮޮޕްއަޕް ކުރަން ޖެހޭ ކާޑެކެވެ. އެއްފަހަރު ބޭނުންކުރާ ޓޯކެންތައް ވިލިމާލޭ ރައްޔިތުން ގިނަ ފަހަރަށް ބޭނުންކުރާނީ ކާޑު ދުވަސް ހަމަވެ، އާ ކާޑެއް ހެދުމަށް ވަގުތު ނުވަތަ ފައިސާ ނެތް ދަނޑިވަޅެއްގަ އެވެ. ނަމަވެސް ސިންގަލް ޓޯކެން ގިނައިން ބޭނުންކުރާނީ ވިލިމާލޭއަށް މަދު މަދުން ދާ މީހުންނެވެ.

comment ކޮމެންޓް