ޔޫކޭގެ ޕަބްތަކާއި ރެސްޓޯރެންޓްތައްވެސް ބަންދުކުރަނީ

އިނގިރޭސި ބޮޑޫވަޒީރު ބޮރިސް ޖޯންސަން-- ފޮޓޯ: އޭއެފްޕީ

އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ އެބަލި ހުއްޓުވަން ޕަބްތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތައްވެސް ބަންދުކޮށްފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެތަންތައް ބަންދުކުރަން ނިންމިކަން އިއުލާންކޮށްފައެވެ.

އެމަނިކުފާނު ވިދާޅުވީ އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވޭނީ އެންމެން ގުޅިގެން ކަމަށާއި އަދި މިއީ ސައިންޓިފިކްގޮތުން ވިސްނުމަށްފަހު ނިންމި ނިންމުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ނިންމުން ނިންމިނަމަވެސް އިނގިރޭސިވިލާތުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކުން "ޓޭކްއަވޭ" ގެ ހިދުމަތް ދޭނެއެވެ.

މީހުން އެއްވުން ހުއްޓުވަން އެޅި ފިޔަވަޅުތައް ކޮންމެ މަހަކު ބަލައި ރިވިއުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ އިނގިރޭސިވިލާތުގައި މީހުން ބޭރަށް ނުކުމެ އުޅުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން އެގައުމުގެ އަންޑަގްރައުންޑް ސްޓޭޝަންތަކުގައި ކުރާ ދަތުރުތަކުގެ 70 ޕަސެންޓް އިއްޔެ ވަނީ މަދުވެފައެވެ. އޭގެ އިތުރުން ބަސް ދަތުރުގެ ހިދުމަތްވެސް 40 ޕަސެންޓް ވަނީ މަދުވެފައެވެ.

comment ކޮމެންޓް