ޑޮކްޓަރުންނަށްޓަކައިވެސް ގޭގައި މަޑުކޮށްލާ!

ގޭގައި ތިބުމަށް އެދި ގޮވާލާ މެސެޖަކާއެކު އައިޖީއެމްއެޗުގެ އިންޓާނުންތަކެއް: މިއީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުވެފައިވާ ޓްރެންޑެއް --- ފޮޓޯ : ޑރ. މުހައްމަދު އަލީ

ރާއްޖެއާއި ދުނިޔޭގެ ގިނަ ސަރަހައްދެއްގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އެންމެންވެސް ފުލް ގިއަރުގައި ރެއާ ދުވާލު ނިދުމެއް ނެތި މަސައްކަތްކުރަމުން ދަނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލުކުރުމުގެ މަސައްކަތެވެ. ނުރައްކަލުގެ ހާލަތަށް ބެލުމެއް ނެތި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްހީ ދާއިރާގައި ހިމެނޭ ހުރިހާ އެންމެންވެސް މަސައްކަތްކުރަމުންދާއިރު އެ ފަރާތްތަކުންގެ އޮތީ އެންމެ އާދޭހެކެވެ. އެއީ އެފަރާތުންގެ އެދުމުގެ މަތީން އެ ފަރާތްތަކައި ނަމަވެސް ގޭގައި މަޑުކުރުމެވެ.

ބޭރަށް ނިކުމެ އުޅުން މަދުކޮށް ސޯޝަލް ޑިސްޓެންސިންއަށް ބާރުއެޅުމަށްޓަކައި ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުމެ ނުއުޅުމަށް ދަނީ ފުލުހުންވެސް ބާރުއަޅަމުންނެވެ.

ނަމަވެސް ވައިރަސް ޖެހޭ މީހުންނާއި ބަލި މީހުންނާ އެންމެ ގާތުން މަސައްކަތް ކުރަން ޖެހޭ ބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކެވެ. އެގޮތުން މިހާރު ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ހެން އެދެމުން ދަނީ ގޭގައި މަޑުކުރުމަށެވެ.

"ވީ ސްޓޭ ހިއަރ ފޮ ޔޫ. ޕްލީޒް ސްޓޭ ހޯމް ފޮ އަސް"، މިހެން ލިޔެ އައިޖީއެމްއެޗުގައި މަސައްކަތްކުރާ އިންޓާނުންތަކެއް ވަނީ ދާދި ފަހުން ފޮޓޯއެއް ޕޯސްޓުކޮށްފައެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުންގެ އާދޭހަކީވެސް އެއީއެވެ.

އެއީ ރައްޔިތުންނަށްޓަކައި އެ ފަރާތްތަކުން މަސައްކަތަށް ނިކުމެ ތިބި ފަދައިން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްޓަކައި ނަމަވެސް ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށެވެ.

މިއީ މިހާރު ސޯޝަލް މީޑިއާގައި މަގުބޫލުވެފައިވާ ޓްރެންޑެކެވެ. މަސައްކަތުގެ މާހައުލުގައި ހުރެ ނަގާފައިވާ ފޮޓޯއެއްގެ ގޮތުގައި ގިނަ ބަޔަކު ޕޯސްޓުކުރާ މެސެޖުގައި ބުނަނީ އެކައްޗެކެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފު މިއަދު ވިދާޅުވީ ގޭގައި މަޑުކުރެވެން އޮތްނަމަ ވީހާވެސް ގިނަ އިރަކު ގޭގައި މަޑުކުރުމަށެވެ. އަދި ބޭރަށް ދާނަމަ ކޮންމެހެން ކުރަންޖެހޭ ކަމެއްގައި ނޫނީ ބޭރަށް ނުދިއުމަށާއި އެފަދަ ކަމަކަށްވެސް ވަކި މީހަކު ހަމަޖަައްސާފައި ހުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"ގޭގައި ކިތަންމެ ގިނަ ބަޔަކު އުޅުނު ނަމަވެސް، އިންފެކްޓްވެފައިވާ މީހަކާ ކޮންޓެކްޓް ނުވާ ނަމަ ރައްކާތެރިވާނެ. އަދި ކަންތައްތައް ކުރުމަށް ހާއްސަ މީހެއް ހަމަޖައްސާފައިވާނަމަ އެމީހަކު ރާއްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އެޅުން މުހިންމު،" ނިޔާފް ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑޮކްޓަރުންނާއި ނަރުހުން ދަނީ މެސެޖު ލިޔެ ފޮޓޯތައް ޕޯސްޓުކުރަމުންނެވެ. އަދި އެ މެސެޖުތަކަށް އާންމުންގެ ފަރާތުންވެސް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ. ދިވެހީންގެ ފަރާތްތަކުންވެސް އެ މެސެޖުތަކަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޑޮކްޓަރުންނާއި ނަރުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަރުހީބުކޮށްފައެވެ. އަދި އެފަރާތްތަކުން އެތައް ވަގުތެއް ހޭދަކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތަކަށް އާންމުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޑޮކްޓަރުންގެ މެސެޖުތަކަށް ރައްދު ދެމުން އާންމުންގެ ފަރާތްތަކުން ބުނަނީ ގޭގައި ތިބޭނެ ކަމަށެވެ.

ރާއްޖޭގައި ކޮރޯނާއިން ރައްކާތެރިވުމަށްޓަކައި ސޯޝަލް ޑިސްޓެންސިން އަށް ބާރު އަޅައި، ސަރުކާރު ވަނީ ބަންދުކޮށްފައެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރިއިރު އެ މުއްދަތަކީ ގޭގައި ތިބުމަށް އޮތް މުއްދަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު އިއްޔެ ވިދާޅުވީ އޮފީސްތައް ބަންދުވުމާ ގުޅިގެން ދަތުރުކުރާ މީހުންގެ އަދަދު ގިނަވަމުންދާ ކަމަަށެވެ. އަދި އެދަތުރުތައް މިވަގުތަށް މަޑު ޖައްސާލުން މުހިއްމުކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އެޑްވައިޒްއަކީ އެބޭފުޅަކު ހުންނެވި ތަނެއްގައި މަޑުކޮށްލައިގެން ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް. ގިނަ މީހުން ފުރަން ދިޔުމަކީވެސް ހަމަ މީހުން އެއްވުން. އެހެންވީމާ އެއްވާ ތަންތަން މަދުކޮށްލާ، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން މަޑުޖައްސާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް އަޅުގަނޑުމެން ދެކެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގިނަ ހިދުމަތްތަކެއް ހުއްޓަލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތައް ކަމަށްވާ ކެފޭތަކާއި ރެސްޓޯރެންޓްތަކަށްވެސް ދިޔުން ހުއްޓާލަން ސަރުކަރުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް