މާލެ ދުށް ފަޅު ހުކުރެއް، މާޔޫސްކަމާއި މޮޅިވެރިކަން!

ފަޅުކޮށް އޮތް މިސްކިތެއްގެ ތެރޭގައި މީހަކު ނަމާދު ކުރަނީ -- ފޮޓޯ/ ސޯޝަލް މީޑިއާ

ހަށީގައި ވަރު ހުއްޓާ ހުކުރު ނަމާދެއް ދޫކޮށްލަން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށް ހުޅުމާލޭގައި ދިރިއުޅޭތާ 10 އަހަރުވެފައިވާ މުހައްމަދު އިދުރީސް (އަސްލު ނަމެއް ނޫން)، 51 އަހަރު ހިޔެއް ނުކުރެ އެވެ. އެކަމަކު، މިއަދު އިދުރީސްއަށްވެސް އެކަން ތަޖުރިބާ ކުރެވިއްޖެ އެވެ.

"50 އަހަރުވީ އިރު އަދި މިކަހަލަ ކަމަކާ ދިމައެއް ނުވޭ. ހިޔެއް ނުކުރަން ގައިގައި ވަރުހުއްޓާ ހުކުރު ނަމާދު ޖަމާއަތުގައި ބައިވެރި ނުވެ ޓީވީއިން ހުކުރު ބަލަން ޖެހޭނެ ކަމަކަށް. ގަސްތުގައި ބަލިވެގެން ވިޔަސް ހުކުރެއް އެޅި ހަނދާނެއް ނުވޭ،" އިދުރީސް "ސަން"އަށް ބުންޏެވެ.

މިއީ މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާވައިރަހުގެ ނުރައްކަލުގެ ރާޅުތައް މި އިސްލާމީ ގައުމުގެ ގޮނޑުދޮށަށްވެސް ބިންދާލާފައިވާ ވަރު ގިނަ ބަޔަކަށް އިހުސާސް ކުރެވުނު ދުވަހެކެވެ. އެ ވައިރަސް ފެތުރިޔަ ނުދިނުމަށް މާލޭ ސަރަހައްދުގައި މިއަދު ހުކުރު ނަމާދެއް ނުކުރެ އެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް އޮތީ ހުއްޓާލައިފަ އެވެ.

ޖޫން 10، 2016: ރޯދަ މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަަށް މީހުން ޖަމާވެފައި.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒަމާނުއްސުރެ ވެސް ދިވެހީންނާ ހުކުރު ނަމާދާ ހާއްސަ ގުޅުމެއް އޮވެ އެވެ. ހުދު ގަމީސް ލައ،ި ތާކިހާ އަޅައިގެން، އަތުގައި ހުރި އެންމެ މީރުވަސް ދުވާ ސެންޓު ޖަހައިގެން ހުކުރަށް ދިޔުމަކީ ދިވެހީންގެ އާދައެކެވެ. ހުކުރު ނަމާދަށް ފަހު އެކުވެރިންނާ ބައްދަލުވެ ސަލާންގަލާން ކުރުމާއި، ގެއަށްގޮސް އެންމެން އެކީގައި މެންދުރުގެ ކެއުމަށް އިންސާފު ކުރުމަކީވެސް ހުކުރާ ގުޅިފައިވާ ސަގާފަތްތަކެވެ.

ދިވެހީން މިއަދާ ހަމައަށް އެ ނޫން ގޮތެއް ނުދަނެ އެވެ. ނަމަވެސް، ކޮރޯނާވައިރަހުގެ ނުރައްކަލުން ސާލަމަތްވުމަށް އަޅަން މަޖުބޫރުވި ފިޔަވަޅާ އެކު އެ ނޫން ދުވަހެއް ދިވެހީންނަށް މިއަދު ފެނިއްޖެ އެވެ.

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހުކުރު ވަގުތުގައި ބައްޕައިންނާއި ބޭބެއިން ކުޑަދަރިންގެ އަތުގައި ހިފައިގެން ހުކުރަށްދާ ރީތި މަންޒަރެއް ނުފެނެ އެވެ. ހުކުރު ނަމާދު ގަޑީގައި މުސައްލަ އަޅައިގެން ސަފުހަދާ ފުރާލާފައި އޮންނަ މަޖީދީމަގުވެސް އޮތީ މުޅިން ފަޅަށެވެ.

ބައެއް މީހުން މެންދުރު ނަމާދުކޮށްލަން މިސްކިތަށް ދިޔަ އެވެ. އޭގެ ތެރޭގޭގައި ގިނައީ ބިދޭސީންނެވެ. ހުކުރު ނުކުރާކަން އެ މީހުންނަށް އެނގިފައި ނެތީ ކަމަށް ވެދާނެ އެވެ. ނޫނީ އެ މީހުން އުޅެން ޖެހޭ ތަންތަނުގެ ހާލު ހުރި ގޮތުން ނަމާދު ކުރާނެ މާހައުލެއް ނެތީ އެވެ.

އިދުރީސް ފަދައިން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޖެހުނީ ގޭގައި ތިބެގެން އެހެން މީހުން ހުކުރު ކުރާތަން ބަލާށެވެ. އަދި މެންދުރު ނަމާދުކޮށްގެން ފުއްދާލާށެވެ.

މި ފަޅުކަމުން ދިވެހިންގެ ހިތްތަކަށް ބޮޑު އަސަރެއް ކޮށްފި އެވެ. މިއީ ގްރޭޓާ މާލޭގައި ދިރިއުޅެމުން އަންނަ ގިނަ ދިވެހިންނަށް، އައީ ހިތާމައިން ފުރިގެންވި ހުކުރެކެވެ.

ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުން މީހުން ފައިބަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީހަކު ސޯޝަލް މީޑިއާގައި ބުނީ، ހުކުރު ނަމާދާ ނުލައި ހުކުރު ދުވަސްހެން ހީވެސް ނުވާ ކަމަށެވެ. އެހެން މީހަކު ބުނީ އޭނާގެ ހަނދާނުގައި މިއީ މާލޭގައި ހުކުރު ނުކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ހުކުރު ނަމާދަށް ފަހު އާންމުކޮށް އޮންނަ މެންދުރުގެ ހާއްސަ ކެއުން ނެތުމުގެ ފަޅުކަންވެސް އިހުސާސްކުރެވޭ ކަމަށް ބައެއް މީހުން ބުންޏެވެ.

އެހެން ނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ މި ފިޔަވަޅު އެޅުމުގެ ފަހަތުގައިވާ ސަބަބެވެ. ނުރައްކާތެރި ބަލިމަޑުކަމެއް މުޅި ދުނިޔޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، މާލެ ފަދަ ބައިބޯ ތަނަކަށް އެ ބަލި ފެތުރިއްޖެނަމަ އޭގެ ސަބަބުން ނުކުންނާނެ ނުރައްކަލާއި ތުރާތަކުން އެއްކިބާވުމަށް ދުރާލާ ތައްޔާރުވުމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލި ފެތުރުނު ގޮތްތަކަށް ބަލާއިރު، ކޮރޯނާވައިރަސް ހުރިކަން ނޭނގި މީހަކަށް މިސްކިތުގައި އޮތް ދީނީ ދަރުހަކަށް ދިއުމުން އެތައް ބަޔަކަށް އެ ބަލި ފެތުރުމުގެ ހާދިސާއެއް މެލޭޝިއާގައި ވަނީ ހިނގާފަ އެވެ. ގިނަ ބަޔަކަށް ބަލިމަޑުކަމެއް ފެތުރުމުގެ ޖާގަ ކުޑަކުރުމަށްޓަކައި ރާއްޖެ ނޫނަސް އެތައް އިސްލާމީ ގައުމެއްގައި ވަނީ މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ފަދަ ކަންކަން މެދުކަނޑާލާފަ އެވެ. މި ހާލަތުގައި މުޅި މުޖުތަމައުގެ ސަލާމަތަށްޓަައި ރައްކާވެތިބިއްޔާ ދަތުރެވެ.

comment ކޮމެންޓް