ނުރައްކާތެރި ވައިހަރެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ސިއްހީ މާހިރުންދޭ ލަފައާ އެއްގޮތަށް އަމަލުކުރުމަކީ ލާޒިމުކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ކޮރޯނާވައިރަސް ފެތުރިދާނެތީ އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ. އެހެންކަމުން، މިއަދު މާލޭގައި ހުކުރެއް ނުކުރެއެވެ. މިއަދު މާލޭގައި ހުކުރު ނުކުރާތީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ލައިވްކުރީ ކ. ހިންމަފުށީގެ ޒިކުރާ މިސްކިތުގައި ކުރި ހުކުރު ނަމާދެވެ.
މިއަދުގެ ފުރަތަމަ ހުތުބާގެ މައިގަނޑު މައުޟޫއަކަށްވީ ސާފުތާހިރުކަމެވެ. އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީންކަން އެ ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ހިއްސީ ގޮތުންނާއި މައުނަވީ ގޮތުންވެސް ދީން ބާރު އަޅަނީ ސާފުތާހިރުވުމަށް ކަމަށާއި، ދީނުގެ ހުކުމްތަކާއި އަދުލުވެރި ހުކުމްތައް ބިނާވެގެން ވަނީވެސް ހިއްސީ އަދި މައުނަވީ ސާފުތާހިރުކަމުގެ މައްޗަށް ކަމަށް ހުތުބާގައި ބުންޏެވެ.
"އިސްލާމް ދީނުގައި ސާފުތާހިރުކަމުގެ މަންހަޖަކީ ވަރަށް ތަނަވަސް ވަރަށް ފުރިހަމަ މަންހަޖެކެވެ. އެކަން ކަނޑައަޅުއްވާފައި ވަނީ މުސްލިމުންނަށާއި މުޅި އިންސާނިއްޔަތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެއީ ފިތުރަތުގެ ނިޒާމެވެ،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ފިތުރަތުގެ ނިޒާމާ ފުށޫއަރާ ގޮތަށް އިންސާނުންގެ އަމަލުތައް ބެހެއްޓުމުގެ ސަބަބުން ނުރައްކާތެރި ވަބާތަކާއި ސިއްހީ ބޮޑެތި ނުރައްކާތައް ކުރިމަތިވެމުން އަންނަ ކަމަށެވެ.
ސިއްހީ ކަންތައްތަކާއި ސާފުތާހިރުކަމަށް އިހުމާލުވެވޭނެނަމަ ނުރައްކާތެރި ވަބާތައް އާންމުވެ ސިއްހީ އެތައް މައްސަލައެއް އުފެދޭނެކަމަށް މިއަދުގެ ދެވަނަ ހުތުބާގައި ބުނެފައިވެއެވެ. އަދި ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
"ތަފާތު ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭން ޖެހޭނެއެވެ. އެގޮތުން ތިމާގެ ނަފްސާއި ގޯތި ގެދޮރާއި، މިސްކިތްތަކާއި، މަދަރުސާތަކާއި، އޮފީސްތަކާއި މަދަރުސާތައް ސާފުތާހިރުކޮށް ބަލަހައްޓައި، ސާފުތާހިރުުކަމާ ފުށޫއަރާ އެންމެހާ އާދަތަކުން ދުރުހެލިވާން ޖެހެއެވެ. އަދި ބިދޭސީން ގެންގުޅޭ ފަރާތްތަކުންވެސް އެމީހުންގެ ބެލުމުގެ ދަށުގައި ތިބޭ ބިދޭސީންނަށްވެސް ސާފުތާހިރުވުމަށް ބާރުއަޅަން ޖެހެއެވެ."
ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ މި ދަނޑިވަޅުގައި ސިއްހީ މާހިރުންދޭ ލަފައާއި އިރުޝާދުތައް ބަލައިގަނެ، އެއަށް އަމަލު ކުރުމަކީ ލާޒިމު ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"ނުރައްކާތެރި ވައިހަރެއް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ސިއްހީ މާހިރުންދޭ ލަފައާއި އިރުޝާދުތައް ބަލައިގަނެ، އެއަށް އަމަލު ކުރުމަކީ ލާޒިމު ކަމެކެވެ،" ހުތުބާގައި ބުންޏެވެ.
އެގޮތުން ރައްޔިތުން ކަންބޮޑުވެ މާޔޫސްވާ ފަދަ ވާހަކަތައް ނުދެއްކުމާއި، ސާބިތުނުހިފޭ ދޮޮގު ހަބަރުތައް ނުފެތުރުމާއި، ތަންތަނަށް އެއްވެ ގައިގޯޅިވެ ނޫޅުމަށް ސިއްހީ މާހިރުން ކެނޑިނޭޅި ލަފާދެމުންދާކަން ހުތުބާގައި ފާހަގަކުރިއެވެ.