ލަންކާގައި މިއަދު ހަވީރުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނަށް ކާފިއު ހިންގަނީ

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ ---

ކޮލޮމްބޯ (މާޗް 20): ސްރީލަންކާގައި މިއަދު ހަވީރު 6:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 06:00 ގެ ނިޔަލަށް ކާފިއު ހިންގަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ލަންކާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކާފިއު ހިންގަން ނިންމާފައިވާ އިރު އެގައުމުގައި މިހާތަނަށް 60 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބަލި ރަނގަޅުވެފައިވާ ރިޕޯޓުތަކުގައިވެއެވެ.

ލަންކާއިން ވަނީ ބުދަ ދުވަހުން ފެށިގެން ބައެއް ސަރަހައްދުތަކުގައި އެކި ވަގުތުތަކުގައި ކާފިއު ހިންގަން ފަށާފަ އެވެ. އޭގެ ތެރޭގައި ޕުއްތަލަމް އާއި ޗިލޯގެ ބައެއް ސަރަހައްދުތަކާއި ނެގަމްބޯގެ އިތުރުން ކޮލޮމްބޯގެ އުތުރުގައި އޮންނަ ކޮއްޗިކަޑޭ ހިމެނެއެވެ.

ލަންކާގެ ކާފިއުއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް އަޖިތު ރޮހާނާ އިއްޔެ ވަނީ ކާފިއު ހިންގާ ސަރަހައްދުތަކުގައި މީހުން ގޭގެއަށް ގޮސް، އެއްވެ ނޫޅުމަށް އެދިވަޑައިގެންފައެވެ. އަދި ކާފިއު ހިންގަނީ މީހުން ގޭގައި ތިބުމަށާއި އަމިއްލައަށް ކަރަންޓީނުވުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށް ވިދާޅުވއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހީން އެގައުމުގެ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ލަންކާގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، މިއަދުން ފެށިގެން ހަފްތާއެއް ވަންދެން އެންމެން ގޭގައި ތިބެގެން މަސައްކަތް ކުރަން އެންގުން ހިމެނެ އެވެ. އަދި އަންނަ ބުދަ ދުވަހާ ހަމަޔަށް އެގައުމުގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓުތައް ވަނީ ހާއްސަ ހާލަތްތަކުގައި ފިޔަވާ އެހެން ހާލަތްތަކުގައި ބޭނުން ނުކުރާ ގޮތަށް ބަންދުކޮށްފަ އެވެ.

ދުނިޔޭގައި މިހާތަނަށް 244،000އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 10,030 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް