ދިއްލީ ގޭންގް ރޭޕްގައި ބައިވެރިވި ހަތަރު މީހުން ދަންޖައްސައިފި

ދިއްލީ ގޭންގް ރޭޕްގައި ބައިވެރިވި މީހުން ވަނީ މިއަދު ދަން ޖައްސާފަ -- ފޮޓޯ: ދިއްލީ ޕޮލިސް

ދިއްލީ (މާޗް 20): އިންޑިއާގެ ދިއްލީގައި 2012 ވަނަ އަހަރު އަންހެނަކު އަނިޔާވެރި ގޮތަކަށް ރޭޕްކޮށް މަރާލުމުގައި ބައިވެރިވި ހަތަރު މީހަކު މިއަދު ހެނދުނު ދަންޖައްސައި މަރާލައިފިއެވެ.

ދެހާސް ތޭރަވަނަ އަހަރު މަރަން ހުކުމް ކުރި ޕަވަން ގުޕްތާއާއި އަކްޝޭ ތަކޫރާއި ވިނޭ ޝަރުމާއާއި މުކޭޝް ސިންހު ދަން ޖެއްސީ ދިއްލީގައި ހުންނަ ތިހާރު ޖަލުގައެވެ. އެއީ 2015އިގެ ފަހުން އިންޑިއާއިން މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ.

ދެހާސްބާރަ ޑިސެމްބަރު ސޯޅަވަނަ ދުވަހު ބަހެއްގެ ތެރޭގައި 23 އަހަރުގެ ފިޒިއޮތެރަޕީ ދަރިވަރު ރޭޕް ކުރުމުގައި ހަ މީހަކު ބައިވެރިވިއެވެ. އޭގެ ތެރެއިން އެކަކު ވަނީ ޖަލުގައި މަރުވެފައެވެ. އަދި ކުށް ކުރި އިރު އެކަކަށް 18 އަހަރު ނުވާތީ، އޭނާ ވަނީ އިސްލާހީ މަރުކަޒެއްގައި ތިން އަހަރު ހޭދަ ކުރުމުން 2015 ވަނަ އަހަރު މިނިވަންކޮށްފައެވެ.

"ނިރްބަޔާ"ގެ ނަން ދީފައިވާ އެ ދަރިވަރު މަރުވީ އޭނާއަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެހާދިސާ ހިނގިތާ 13 ދުވަސް ފަހުންނެވެ. ހިންދީ ބަހުން "ނިރްބަޔާ"ގެ ނަން ރަމްޒުކޮށްދެނީ ބިރު ކުޑަ، ހިތްވަރުގަދަ އަންހެނާއެވެ.

އެ ހަތަރު މީހުން މަރަން 13 ސެޕްޓެމްބަރު 2013 ގައި ހުކުމް ކުރި ނަމަވެސް، ހުކުމް ތަންފީޒު ކުރުން ލަސްވެފައި ވަނީ އެ ހަތަރު މީހުންވެސް އެކި ފަހަރު މަތިން މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވާތީއެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާ ސުޕްރީމްކޯޓުގައި ނިމުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭރު އެކޯޓުން ހުކުމް ދެމެހެއްޓުމުން އެމީހުން ދަން ޖެއްސުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ މިދިޔަ ޖެނުއަރީ މަހުގެ 22އެވެ. ނަމަވެސް ފަހުން އެ ތާރީހު ވަނީ ތިން ފަހަރަކު ފަސްކޮށްފައެވެ. އެއީ މިދިޔަ މަހުގެ އެކަކަށް، އޭގެ ފަހުން މިމަހުގެ ތިނެކަށް، ދެން މިއަދަށެވެ.

އެގޮތަށް ހުކުމް ފަސް ކުރަން ޖެހުނީ އެމީހުންގެ އަދަބު ލުއިކޮށްދިނުމަށް ރައީސް ރާމް ނާތު ކޮވިންދުގެ އަރިހުން އެމީހުން ވަކިވަކިން އެދުމުންނެވެ. ނަމަވެސް ރައީސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

އެ ހަތަރު މީހުން ދަންޖެއްސުމުން ބައެއް މީހުން ވަނީ ޖަލު ކައިރިއަށް އެއްވެ، ޖުޑިޝަރީއަށް ޝުކުރު އަދާކޮށްފައެވެ. އަދި ނިރްބަޔާގެ މަންމައާއި ބައްޕަ ބުނީ އެމީހުންގެ ދަރިފުޅަށް އެންމެ ފަހުން އިންސާފު ލިބިފައިވާކަމަށެވެ.

"ދަރިފުޅުގެ ފޮޓޯގަ ބައްދާލާފަ މިއަދު ބުނެފިން އެންމެ ފަހުން އިންސާފު ލިބިއްޖެޔޭ،" ނިރްބަޔާގެ މަންމަ ބުންޏެވެ.

ނިރުބަޔާގެ ހާދިސާއާ ގުޅިގެން އިންޑިއާގައި 2012 ވަނަ އަހަރު އެތައް ހާސް މީހުން ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ދިއްލީ ހުއްޓުމަކަށް ގެނައެވެ. އޭގެ ސަބަބުން ދިއްލީއަކީ އަންހެނުންނަށް ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު ދިއްލީގައި ހަރަކާތްތެރިވާ ފުލުހުން އިތުރު ކުރުމާއި ބަސް ޑްރައިވަރުންނާއި އެމީހުންގެ އެސިސްޓެންޓުން ޗެކްކުރުމާއި ބަސްތަކުގައި ކަޅު ބިއްލޫރި ޖެހުން މަނާކުރުން ހިމެނެއެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު އެގައުމުން ވަނީ ރޭޕިސްޓުންނަށް ހަރުކަށި ފިޔަވަޅު އަޅާ ގާނޫނުތައް ފާސްކޮށްފައެވެ. އެގޮތުން ރޭޕްގެ ކުށް ތަކުރާރު ކުރާ މީހުންނާއި ރޭޕްގެ ސަބަބުން އަނިޔާ ލިބުނު މީހާ ކޯމާއަކަށް ގޮސްފި ނަމަ ރޭޕްކުރި މީހާއަށް މަރުގެ ހުކުމް ކުރެވޭ ގޮތަށް ގާނޫނު ފާސްކުރުން ހިމެނެއެވެ.

ނަމަވެސް އިންޑިއާއަކީ އަދިވެސް އަންހެނުންނަށް އެންމެ ނުރައްކާތެރި އެއް ގައުމެވެ. އެގޮތުން އިންޑިއާ ސަރުކާރުން މިދިޔަ މަހު ނެރުނު ކުށުގެ ރިޕޯޓުގައިވާ ގޮތުން އެގައުމުގައި 2018 ވަނަ އަހަރު އެވަރެޖުކޮށް ކޮންމެ 15 މިނިޓަކު އަންހެނަކު ރޭޕްގެ މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި އެ އަހަރު އެގައުމުގައި ރިޕޯޓުކުރި 34،000 ރޭޕްގެ މައްސަލައާ ގުޅިގެން ދައުވާ ކުރީ 85 ޕަސެންޓު މައްސަލައިގަ އެވެ. އަދި ކުށް ސާބިތުވެފައި ވަނީ އެންމެ 27 ޕަސެންޓު މައްސަލައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް