އެމްއެމްއޭއިން ޑޮލަރު ވިއްކާ އަދަދު އިތުރުކުރަނީ

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: --- ސަން ފައިލް ފޮޓޯ

ބޭރުފައިސާގެ ބާޒާރަށް އަންނަ ލޮޅުންތައް ކުޑަކުރުމަށް، މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވިއްކާ ޑޮލަރުގެ އަދަދު އިތުރު ކުރާނެކަން އެ ބޭންކުން މިއަދު ހާމަކޮށްފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް ކުރާ މަސައްކަތްތައް ހާމަކުރުމަށް މިއަދު އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ވިޔަފާރިތަކަށް އަންނަ ހީނަރުކަމާ ކަމާ އެކު، އިގްތިސާދުގައި އުފެދޭ ނުތަނަވަސްކަމުގެ ސަބަބުން ޑޮލަރު ތާށިވެ، ޑޮލަރު އަގުބޮޑުވުމުގެ މައްސަލަ ކުރިމަތިވަމުން ދާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް އަންނަ ހަފްތާއިން ފެށިގެން އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރި ބޭންކްތަކަށް ވެސް އިތުރު 150 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ބާޒާރުގައި ހުރި ޑޮލަރުގެ ތާށި ކަމަށް ލުޔެއް ލިބި ބާަޒާރު ހަމަޔަކަށް އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާޒާރަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރު ކުރާނަން އަންނަ ހަފުތާގެ ތެރޭގައި. މީގެ އިތުރުން 150 މިލިއަންގެ ފެސިލިޓީއެއް ބޭންކްތަކަށް އެވެއިލަބަލް ކުރާނަން. އެއީ ހަމަ ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް ހެފެހެއްޓުމަށްޓަކައި،" ގަވަރުނަރު ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ ޑޮލަރުގެ އަގުތަކަށް އަންނަ ޕްރެޝަރުތަކަކީ މުސްތަގްބަލުގައި ވެދާނެ ގޮތަކާ މެދު އާންމުން ހީކުރުންތައް ހުރި ގޮތުން އަންނަ ޕްރެޝަރުތަކެއް ކަމަށެވެ.

މީގެ އިތުރުން މާލީ ބާޒާރުގައި ފައިސާ ދައުރުވާ މިންވަރު އިތުރުކުރަން އެމްއެމްއޭއިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.

"ލިކުއިޑިޓީ އިތުރު ކުރަން އެމްއެމްއޭގެ ރިޒާވް ރިކުއަޔަމަންޓް ފަސް އިންސައްތައާ ހަމައަށް ދަށްކުރާނަން. މީގެ ބޭނުމަކީ ފައިސާ ދައުރުވާ ވަރު އިތުރުކުރުން. މާލީ ބާޒާރުގައި ފައިސާ ދައުރުވާ ވަރު އިތުރުވާނީ ރިޒާވް ރިކުއަޔަމަންޓް ދަށްކޮށްގެން." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް