ރޯދަ އެލަވެންސަށް ބަދަލެއް ނާންނާނެ: ފިނޭންސް

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ލޮޅުން އަރަމުން އައި ނަމަވެސް، މުވައްޒަފުންގެ ރޯދަ އެލަވަންސަށް ބަދަލެއް ނާންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރޯދަ އެލަވަންސް ކުޑަކުރުމަށް ނުވަތަ ރޯދަ އެލަވެންސް ނުދޭން އެއްވެސް މަޝްވަރާއެއް ކުރެވިފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެގޮތަށް އެކަން ނުކުރާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ)ގައި ވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭންވާނެ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތު ދުވަހު ވިދާޅުވީ، ވައިރަހާ ގުޅިގެން އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ މިހާރު އިދާރާތަކުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފަ އެވެ. ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި މަޝްރޫއުތައް މަޑު ޖައްސާލުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މިހާރު ލަފާކުރެވިފައިވާ ގޮތުގައި މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން 6.9 ބިލިއަން ރުފިޔާ މަދުވާނެ އެވެ.

comment ކޮމެންޓް