ވައިގެ މަގުން އިންޑިއާއަށް އެތެރެވުން ހަފްތާއަކަށް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް --

ކޮރޯނާވައިރަސްގެ ބަލިމަޑުކަން ނުވަތަ ކޮވިޑް-19 ފެތުރެމުން އަންނާތީ، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިއާއިން އަންނަ އާދީއްތަ ދުވަހުން ފެށިގެން ވައިގެ މަގުން އެ ގައުމަށް އެތެރެވުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

އެގައުމުން ނިންމާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް، އިންޑިއާގެ އެއްވެސް އެއާޕޯޓަކަށް ބައިނަލްއަގުވާމީ ފްލައިޓުތައް ޖެއްސުން ހުއްޓާލުމަށެވެ.

ވައިގެ މަގުން އިންޑިއާއަށް އެތެރެވުން މަނާކޮށްފައި މިވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިންޑިއާއިން ކުރާ މަސައްކަތްތައް މިހާރަށްވުރެ ހަލުއި ކުރުމަށާ އަދި އެމަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފައި ވަނިކޮށެވެ.

އިންޑިއާ ސަރުކާރުން މިއަދު ނިންމި އިތުރު ނިންމުންތަކުގެ ތެރޭގައި އެގައުމުގެ އުމުރުން 65 އަހަރުން މަތީގެ ހުރިހާ ރައްޔިތުން ގޭގައި މަޑުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހުރިހާ ސްޓޭޓްތަކަށް އެންގުން ހިމެނެއެވެ. އަދި އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިން ވެސް ގެއިން ބޭރަށް ނުނެރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ހުރިހާ އޮފީސްތަކުން ވެސް މުވައްޒަފުންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، ކޮންމެހެން ކުރަން ޖެހޭ ދަތުރަތައް ނޫނީ ނުކުރުމަށް ރޭލުތަކާއި ސިވިލް އޭވިއޭޝަށް ވެސް ވަނީ އަންގައިފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 173 އަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދުވަނީ ތިނަކަށް އަރާފައެވެ. އަދި އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހަކު ވަނީ އެއްކޮށް ރަނގަޅުވެސް ވެފައެވެ.

ނަމަވެސް އިންޑިއާގެ ބޮޑު ބަޔަކީ ތޮއްޖެހިގެން ސްލަމް ތަކުގައި ވަރަށް ދަތި ހާލުގައި ސިއްހީގޮތުން ރައްކާތެރި ނޫން މާހައުލުތަކުގައި ދިރިއުޅޭ ބަޔަކަށްވާތީ ކޮވިޑް-19 ގެ ގިނަ ހާލަތްތަކެއް ރިޕޯޓްނުކުރެވި އަދި ދެނެނުގަނެވި އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ހުރެދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާ ވަރު އެހާ ހަލުއިނޫންނަމަވެސް މިހާލަތުގައި ފަރުވާ ކުޑަކޮށްލައިފިނަމަ ފަހުން ނުރައްކާ ބޮޑުވާނެކަމަށް އިންޑިއާގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން އިންޑިއާގެ ސިއްހަތާބެހޭ ގިނަ ތަޖްރިބާކާރުން އިލްތިމާސް ކުރައްވަނީ އިންޑިއާ ލޮކްޑައުން އަކަށް ދިޔުމަށެވެ. އަދި އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު ހުއްޓާލުމަށްވެސް އެގައުމުގެ ސިއްހަތާބެހޭ ގިނަ ތަޖްރިބާކާރުން ގެންދަނީ ގޮވާލައްވަމުންނެވެ.

އިންޑިއާގެ އާންމު ދަތުރުފަތުގެ ނިޒާމަކީ ރޭލުންކުރާ ދަތުރުތައް ކަމަށްވިޔަސް އަދި އެއީ ބަސްތަކުން ކުރާ ދަތުރުތައް ކަމަށްވިޔަސް އެއީ އާދަޔާ ހިލާފަށް ތޮއްޖެހުން ބޮޑު ގައިގޯޅިކޮށް ކުރާ ދަތުރުތަކެކެވެ.

އެހެންކަމުން މިގޮތަށްކުރާ އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު ނުހުއްޓުވައިފިނަމަ ކޮވިޑް-19 އިންޑިއާގައި ފެތުރިގެންދާނެކަމުގެ ބިރުބޮޑުކަމަށް ނުސީދާގޮތެއްގައި ޑަބްލިއުއެޗްއޯގެ މަސްއޫލުވެރިއާވަނީ އިޝާރާތް ކުރައްވާފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން ތިބި އިންޑިއާގެ ސްޓޭޓްތަކުގެ ތެރޭގައި ކަރުނާޓަކާ، ޓެލަންގަނާ، މަހާރާޝްޓްރާ، ޕޮންޑިޗެރީ ހިމެނެއެވެ. އަދި އިންޑިއާ ލަޑަކް ގައި ތިބި ސިފައިންގެ ބައެއް މީހުންވެސްވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

ދެކުނު އިރުމަތީ އޭޝިއާއަށް ބަލާއިރު ކޮވިޑް-19 ގެ ހާލަތްތައް އެސަރަހައްދުގެ 11 ގައުމަކުން ފެނިފައިވެއެވެ. މީގެތެރެއިން ކޮވިޑް-19 ގެ ހާލަތްތައް އެންމެ ގިނައީ މެލޭޝިއާގައެވެ. ދެން ތައިލެންޑާއި އިންޑޮނީޝިއާގައެވެ.

comment ކޮމެންޓް