ވިޔަފާރިތަކާއި ވަޒީފާތައް ދަމަހައްޓަން 2.5 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖެއް

ޑިސެމްބަރު 15، 2019: ފިނޭންސް މިނިސްޓަރު އަމީރު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދު ދަށްވެ، ގެއްލުންވާ ވިޔަފާރިތަކަށް އެހީވުމަށް، 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީގެ ޕެކޭޖެއް ތައާރަފު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓު އިންޓްރެސްޓުގައި ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ވަނީ ނިންމާފައި. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން. މިއީ ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ޕެކޭޖެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އިގްތިސާދަށް އަންނަމުންދާ ލޮޅުމުގެ ސަބަބުން ވިޔަފާރިތަކުގެ ކޭޝްފްލޯ އަށް ދަތިވެ، ވިޔަފާރިތައް ހިންގުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އިގްތިސާދީ އެހީގެ ޕެކޭޖްގައި ބައިވެރިވާ ވިޔަފާރިތަކަށް މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ޝަރުތު ކުރަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ލޯނު ދޫކުރާނީ މި ދަނޑިވަޅުގައި ދިމާވާ ވޯކިން ކެޕިޓަލްތައް ހައްލު ކުރުމަށް ކަމަށެވެ. މީގެ ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމާ ގުޅިގެން ދިވެހިންގެ ވަޒީފާތައް ގެއްލުމުގެ ފުރުސަތާއި ޕްރައިވެޓް ސެކްޓާގެ މުސާރަތައް ކުޑަ ކުރުމަށް އޮންނަ ފުރުސަތު ކުޑަކުރަން ކަމަށެވެ.

"ވިޔަފާރިތަކުން، ސަރުކާރުން ފޯރުކޮށްދޭ ވޯކިން ކެޕިޓަލްގެ މި އެހީ ހެޔޮގޮތުގައި ބޭނުންކޮށް، ދިވެހިންގެ ވަޒީފާތައް މަދު ނުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާތައް ސަލާމަތް ކުރެވިއްޖެނަމަ ކޮންޒަމްޕްޝަން އަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ.

"މިއީ ވިޔަފާރިތަކަށާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް އަދި މުޅި ގައުމަށްވެސް އެންމެ ފައިދާ ހުރި ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ މިދަނޑިވަޅުގައި ފިޔަވަޅު އަޅާނީ އެއްވެސް ދިވެއްސަކު ބާކީ ނުވާނެހެން ކަމަށާއި އެ ޔަގީންކަން އަރުވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ވޯކިން ކެޕިޓަލްގެ ގޮތުގައި ދޫކުރާ ފައިސާއާއެކު ދިވެހިންގެ ވަޒީފާ ނުގެއްލި ވިޔަފާރިތައް ހިފެހެއްޓިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ހަޔެއްކަމަސް، އަށެއްކަ މަސް ތެރޭ އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއެރުމަށް އޮތް ފުރުސަތު ބޮޑުކަމަށް. ސަރުކާރުން އިންޓަވެންޝަން އެއް މިހަދަނީ އެހާ ހިސާބަށް ދަންދެން ހުރި ދަތިތައް ފިލުވާލުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފައިނޭންޝަލް ޕެކޭޖުގެ އެންމެ މައިގަނޑު ޝަރުތަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުން ކަމަށެވެ.

"އަޅުގަނޑުމެންގެ މި އެހީތެރިކަން ލިބޭނީ އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް. އެގޮތުގެ މަތިން އެ ލޯނު ފެސިލިޓީތައްވެސް ލިބިގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް