ކޮރޯނާވައިރަސް: މީހުން ދިރިއުޅޭ ރަށްރަށުން ޝައްކުވި އެންމެން ނެގެޓިވް

މާޗް 15، 2020: ކޮވިޑް 19ގެ މައުލޫމާތު ދެއްވުމަށް ސިލްސިލާކޮއް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހަ ރަށަކުން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ރާއްޖެއިން ބޭރުން އައި ހަތް ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރަމުން ދާކަން އެޗްޕީއޭއިން ހާމަކުރީ އިއްޔެ އެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އޭގެ ތެރެއިން ހިތަދޫ، ހިންނަވަރު، ފައިނު، އުކުޅަސް، މާލެ އަދި ވިލިމާލެ އިން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށެވެ.

ހިތަދޫ އާއި ފައިނުން ޓެސްޓުކުރީ އިންޑިއާގެ ކޮޗިން އިން އައި ދެމީހެކެވެ. އުކުޅަހުން ޓެސްޓު ކުރީ ޓްރިވެންޑްރަމް އިން އައި ދިވެއްސެކެވެ. ބެންގަލޫރުންނާއި ލަންކާއިން އައި ދެމީހަކު މާލެ އިން ޓެސްޓު ކުރި އިރު، ހިންނަވަރުން ވެސް ޓެސްޓުކުރީ ލަންކާއިން އެނބުރި އައި ދިވެއްސެކެވެ.

ވިލިމާލެ އިން ސާމްޕަލް ނަގައި ޓެސްޓު ކުރީ ދެކުނު ކޮރެއާއިން އެނބުރި އައި ދިވެއްސެއްގެ އެވެ. މި ރަށްރަށުގެ އިތުރުން ރިއު ހޮޓެލްއިން ޓެސްޓު ކުރި މީހާގެ ސާމްޕަލް ވެސް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް މިއަދު ވިދާޅުވިއެވެ.

މިހާތަނަށް ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 13 ބިދޭސީންނެވެ. އެއީ ހަތަރު ރިސޯޓަކާއި އެއް ސަފާރީއަކުންނެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށަކުން އެއްވެސް މީހެއް ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 517 ސާމްޕަލްއެއް ނެގި އިރު، 502 ސާމްޕަލް ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ. މިހާތަނަށް ނަތީޖާ ލިބިފައި ނުވަނީ 15 ސާމްޕަލެއްގެ އެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 169 މީހަކު އެބަ ތިއްބެވެ. އެއީ ހުޅުލެ އައިލެންޑް ހޮޓެލްގައި ތިބި 75 ފަރާތަކާއި ފަން އައިލެންޑުގައި ތިބި 51 ފަރާތަކާއި ވިލިވަރުގައި ތިބި 25 މީހަކާއި، ވެލިދޫގައި ތިބި 16 ފަރާތަކާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބި ދެ މީހެކެވެ. މިވަގުތު ފަރުކޮޅުފުށީގައި އެއްވެސް މީހަކު ނެތެވެ.

comment ކޮމެންޓް