ދޮގު ހަބަރުތަކާ ދެކޮޅަށް ބްރޯޑްކޮމް ތެދުވުމަށް މެމްބަރުން ގޮވާލައިފި

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ދަތި ދަނޑިވަޅުގައި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާ ނުތަނަވަސްކަން އުފެދޭ ގޮތަށް ހަބަރު ފަތުރާ މީޑިއާތަކާ މެދު ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވައިފި އެވެ.

ދޮގު ހަބަރުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން މަޖިލިސް މެމްބަރުން ގޮވާލައްވާފައި މިވަނީ ޗެނަލް 13 އިން ގެނެސްދޭ "މަޑީސީލަ" ޕްރޮގްރާމުގައި، ދިވެއްސަކާއި އިތުރު ދެ ބިދޭސީއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

ބްރޯޑްކޮމް ޓެގު ކުރައްވައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެވި ޓުވީޓެއްގައި ވިދާޅުވީ މިފަދަ ހާލަތެއްގައި ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދައި މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލުމާލަން މީޑިއާތަކުން މަސައްކަތް ކުރުމަކީ، މީޑިއާގެ އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ނުކުމެދާނެ ހިތި ނަތީޖާއަކީ އަންދާޒާވެސް ކޮށްލެވޭނެ ކަމެއް ނޫންކަމަށާއި، މިއީ ސިޔާސީ ކުޅިވަރެއް ކުޅެންވީ ވަގުތު ނޫން ކަމަށެވެ.

ޗެނަލް 13 ގެ ޕްރޮގްރާމުގައި ދެއްކި ވާހަކައާ ގުޅިގެން ވިލިމާލެ ދާއިރާގެ މެމްބަރު އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރު އަހްމަދު އުޝާމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އުޝާމް ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވެސް ވަކި ހައްދެއްގެ ތެރޭގައި އޮންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ޗެނަލް13 ގެ "މަޑިސީލަ" ޕްރޮގްރާމުގައި އެވާހަކަ ދެއްކި ހޯސްޓު ޓެގް ކުރައްވައި އުޝާމް ވަނީ ދޮގު ވާހަކަ ފެތުރުމާއި ނަފުރަތު އުފެއްދުން ހުއްޓާލުމަށް ގޮވާލައްވައިފައެވެ.

މިމައްސަލައާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޗެނަލް13 އިން ދެއްކި ވާހަކަތަކުން އެނގެނީ، އެމީހުން ދިވެއްސަކަށް ކޮރޯނާ ޖެހުމަށް އެދިއެދި ތިބިކަން ކަމަށެވެ.

"މި ނާޒުކު ދަނޑިވަޅުގައި ވެސް ސިޔާސީ އަދި ގައުމުގެ ހަމަޖެހުން ނަގާލުމަށް މި ދައްކާ ވާހަކައަކީ ފިޔަވަޅު އަޅަންޖެހޭ ކަމެއް،" ބްރޯޑްކޮމް ޓެގް ކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

މީޑިއާތަކުން ފަތުރާ ހަބަރުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ވަނީ އިއްޔެ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއާ ބައްދަލުވެސް ކޮށްފައެވެ.

ޗެނަލް13 އިން ބްރޯޑްކާސްޓް ކުރި މަޑިސީލަ ޕްރޮގްރާމުގައި ދެއްކި ވާހަކައާ ގުޅިގެން އެ ޗެނަލުން ބުނެފައި ވަނީ، އެ ޕްރޮގްރާމުގައި ކޮވިޑް 19 އަށް ދިވެއްސަކު ޕޮޒިޓިވްވި ކަމަށް ގެނެސްދެވިފައިވަނީ ލިބުނު މައުލޫމާތަކަށް ބިނާކޮށް ކަމަށެވެ.

"އެ މައުލޫމާތު ގެނެސްދެމުން ޕްރޮގްރާމްގައި ބުނެފައިވާނީ މި ސަރުކާރު ހިންގާ ކޯލިޝަނުގެ ބައިވެރިއަކު ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވި ކަން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެ ވާހަކައަކީ ހަގީގަތެއް ނަމަ އެކަން އެޗްޕީއޭ އިން ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ." ޗެނަލް 13 އިން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ޗެނަލް 13 އިން ބުނެފައި ވަނީ އެ މައުލޫމާތު ވެރިފައި ކުރުމަށްޓަކައި އޮންނަ އުސޫލުގެ މަތިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

އަދި އެ މައުލޫމާތު ގެނެސް ދިނުމުގެ ސަބަބުން އެކަމާއި ގުޅިގެން އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާނަމަ އަދި އެ މައުލޫމާތަކީ ބިރުވެރިކަން އުފެދޭ މައުލޫމާތެއްކަމަށް ގަބޫލުކުރެވޭނަމަ އެކަމަށް މައާފަށް އެދޭކަމަށް ވެސް ބުނެފައިވެއެވެ.

"ޗެނަލް 13 އިން އަބަދުވެސް މަސަކަތްކުރަނީ ސައްހަ މައުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށެވެ. އެގޮތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ." އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، އެކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ސައްހަ ނޫން މައުލޫމާތު ފަތުރާ ބްރޯޑްކާސްޓަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

comment ކޮމެންޓް