މޭ/ޖޫންގެ އޭލެވެލް އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނުނިންމާ

ސީއެޗްއެސްސީގެ ދަރިވަރުންތަކެއް --- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް މޭ އަދި ޖޫން މަހު އޭލެވެލް އަދި އޭއެސް ލެވެލްގެ ދަރިވަރުން ހަދަންޖެހޭ އިމްތިހާންތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިން އޭލެވެލް އަދި އޭއެސް ލެވަލްގައި ހަދަނީ އިނގިރޭސިވިލާތުގެ އެޑެކްސެލް އިމްތިހާންތަކެވެެ.

މިހާރު ޔޫރަޕުގައި ހަލުވި ކަމާއެކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި (މޭ/ޖޫން ގައި) ބާއްވަން ހަމަޖެހިފައިވާ އިމްތިހާނުތައް ވަނީ ކެންސަލްކޮށްފައވެެ.

"ނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ ދިވެހިރާއްޖޭގެ ދަރިވަރުން މޭ/ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާނެވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ." އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ ސްކޫލްތައް އަންނަ ހަފްތާވެސް ބަންދުވާނެއެވެ.

އެހެންނަމަވެސް އޭލެވެލް އަދި އޭއެސް ލެވެލްގެ ދަރިވަރުންނަށް ގޫގަލް ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ދަނީ ފިލާވަޅުތައް ނަގައިދެމުންނެވެ.

comment ކޮމެންޓް