ކޮރޯނާވައިރަސް: ސްރީލަންކަން-ރާއްޖެ ދަތުރުތައް މެދުކެނޑިއްޖެ

ސްރީލަންކަން އެއާލައިންސްއިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ، އަދި ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އަވައްޓެރި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ސްރީލަންކާގެ މައި އެއާޕޯޓު ބަންދުކޮށްފައިވާތީ، ސްރީލަންކަން އިން ރާއްޖެއަށް ކުރާ ދަތުރުތައް މިމަހުގެ 25 އާއި ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ.

"ކަންތައްތައް އިތުރަށް ގޯސްނުވާނަމަ، 25 ވަނަ ދުވަހު ދަތުރުތައް ފެށޭނެ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަން އިން ރާއްޖެ އާއި ލަންކާއާ ދެމެދު ދުވާލަކު ތިން ފްލައިޓު ބާއްވަ އެވެ.

ސްރީލަންކާގައި ހަލުވި ކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެގައުމުގެ ސްކޫލުތައް ވަނީ ފަސް ހަފްތާ އަށް ބަންދުކޮށްފަ އެވެ. ލަންކާއިން 50 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އެއާޕޯޓު ބަންދުކޮށް ބައެއް ގައުމުތަކުން ކުރާ ދަތުރުތައް ހުއްޓާލުމާއެކު އެގައުމުގައި ތިބި ބިދޭސިންގެ ވިސާގެ މުއްދަތުވެސް ވަނީ އިތުރުކޮށްދީފަ އެވެ.

comment ކޮމެންޓް