ކޮރޯނާވައިރަސް: ޓޫރިސްޓަށް ޝައްކުވާކަން ކުރެއްދޫއިން އެޗްޕީއޭއަށް ނާންގާ!

އޭސީޕީ ރިޔާޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމަށް އެނބުރި ގޮސް ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން އެންގި އިޓަލީ ފަތުރުވެރިޔާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުން ދިޔަކަން ކުރެއްދޫ ރިސޯޓަށް ޝައްކު ކުރެވިފައިވީ ނަމަވެސް، އެ ފަރާތުން އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ގުޅުންހުރި ހުރިހާ ފަރާތަކުން މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.

އެގޮތުން ރިސޯޓުގެ މެނޭޖްމަންޓާއި، އެޗްޕީއޭ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި އެއާޕޯޓުގެ ކްލިނިކުން ވެސް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެ ފަތުރުވެރިޔާގެ ގައިން އަލާމާތްތަކެއް ފެނުނު ނަމަވެސް، އެކަމުގެ މައުލޫމާތު ހުރި ފަރާތްތަކުން އަމަލުކޮށްފައިވާގޮތުން، އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ވަނީ ފުރައިގެންގޮސްފައެވެ.

އެކަމާ ގުޅިގެން އެ ބަލި ރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ތަހުގީގާ ގުޅޭ މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ އެ ފަތުރުވެރިޔާ ރާއްޖެ އައިސްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު ކަމަށާއި، އެންމެ ފުރަތަމަ އޭނާ ބަލިވެގެން ރިސޯޓުގެ ޑޮކްޓަރަށް ދެއްކީ ފެބުރުއަރީ 26 ވަނަ ދުވަހު ކަމަށެވެ.

އެދުވަހުގެ ހެނދުނު ފަތުރުވެރިޔާ ޑޮކްޓަރަށް ދެއްކީ ހުމުގެ އަސަރު ހުރުމުން ކަމަށާއިމ އޭނާއަކީ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހަކަށް ވުމުން، ޑޮކްޓަރު ލަފާދެއްވީ އާންމުކޮށް އޭނާ ބޭނުންކުރަމުން ދިޔަ ބޭސް ބޭނުން ކުރުމަށް ކަމަށެވެ.

ނަމަވެސް ހަމަ އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ފަތުރުވެރިޔާ ރިސޯޓުގެ ރެސްޓޯރަންޓަށް އަނބުރައިގަނެގެން ވެއްޓުމުން، އެދުވަހު ހަވީރު ވަންދެން އޭނާ ކްލިނިކުގައި ބާއްވައިގެން ފަރުވާ ދީފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ފަތުރުވެރިޔާ ވެއްޓިގެން ގެންދިޔަ އިރު ހުމުގެ އަސަރު މާބޮޑަށް ނެތް ކަމަށާއި، އެދުވަހު ފަރުވާ ދިނުމަށް ފަހު އޭނާ ކޮޓަރިއަށް ބަދަލުކޮށް، ކެއުމުގެ އިންތިޒާމު ވެސް ކޮޓަރީގައި ހަމަޖެއްސިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފެބުރުއަރީ 27 ވަނަ ދުވަހު އެ ފަތުރުވެރިޔާ ކަރުތެރެއަށް އުނދަގޫވާތީ ވެސް ކްލިނިކަށް ގެންގޮސްފައިވެއެވެ. ޑޮކްޓަރަށް ދެއްކި ވަގުތު ހުމުގެ އަސަރު ނެތް ނަމަވެސް ކަރުތެރެއަށް އުނދަގޫވާ ކަމާ، ދޭތެރެ ދޭތެރެއިން ހުން އަންނަ ކަމުގެ ފަތުރުވެރިޔާ ވަނީ ޑޮކްޓަކާ ހިއްސާކޮށްފައެވެ.

ފަތުރުވެރިޔާއަށް ދިމާވަމުން ދިޔަ ކަންތައްތަކަކީ ކޮވިޑް19 ގެ ސަބަބުން ދިމާވާ ކަމެއްތޯ ނުވަތަ އިންފެކްޝަން އެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއްތޯ ބެލުމަށް އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭނެ ކަމަށް އެދުވަހު ޑޮކްޓަރު ފަތުރުވެރިޔާއަށް އެންގި ކަމަށާއި އެހެން ނަމަވެސް އިތުރު ޓެސްޓެއް ހެދުމަށް ފަތުރުވެރިޔާ އިންކާރު ކުރި ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"ފަތުރުވެރިޔާ ޓެސްޓު ހަދަން އިންކާރު ކުރުމާއެކު އިތުރު ޓެސްޓެއް ހެދެން އެވަގުތު ނެތުމުން، އެދުވަހު އަނެއްކާވެސް ފަތުރުވެރިޔާއަށް ބޭސް ދެވުނީ. ބޭސް ދިނުމަށްފަހު ބެޑްރެސްޓު ކުރާގޮތަށް ޑޮކްޓަރު އޭނާ ރޫމަށް ފޮނުވާލީ،" ރިޔާޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ ފަތުރުވެރިޔާގެ ފަރާތުން ފެންނަމުން ދިޔަ އަލާމާތްތަކާ ގުޅޭގޮތުން، ޑޮކްޓަރާއި ރިސޯޓުގެ މެނޭޖްމަންޓުގެ ބައެއް ފަރާތްތަކާއި އަދި ފަތުރުވެރިޔާގެ ކަންކަން ބަލަހައްޓަމުން ގެންދިޔަ ސްޓާފުން ހިމެނޭގޮތުން ވަނީ މަޝްވަރާވެސް ކޮށްފައެވެ.

އަދި އިޓަލީ އަކީ ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނަ ގައުމެއް ކަމާއި، ފަތުރުވެރިޔާގެ ގައިން ފެންނަމުންދިޔައީ ކޮވިޑް19 ގެ ވެސް އަލާމާތްތައް ކަން އެ ފަރާތްތަކަށް އެނގޭ ކަމަށް ރިޔާޒް މިއަދު ވިދާޅުވިއެވެ.

އެ މަޝްވަރާތަކަށްފަހު އެޗްޕީއޭގެ ހޮޓްލައިނަށް ގުޅުމާމެދު ވެސް ވަނީ މަޝްވަރާކޮށްފައެވެ. ނަމަވެސް ކޮވިޑް19 ރިޕޯޓުކުރާ ކްރައިޓީރިއާއަށް އެ ފަތުރުވެރިޔާ ނުފެތޭ ކަމަށް ގަބޫލުކުރެވޭތީ މެނޭޖްމަންޓުން ނިންމީ އެޗްޕީއޭއަށް އެކަން ރިޕޯޓު ނުކުރުމަށެވެ.

"އޭރުގައި ފެންނަން ހުރި ހާލަތަށް ބަލާފައި ހުން އައިސް ހުރުން އެކަނި ވުމާއި، އެނޫންވެސް ވަރަށް ގިނަ ފަތުރުވެރިން ވެސް ހުން އައިސްގެން ޑޮކްޓަރަށް ދައްކަމުން ދާތީވެ، އެ ފަތުރުވެރިޔާ އެގޮތަށް ހުން އައިސްގެން ހޮޓްލައިނަށް ގުޅަންޖެހޭ ކަމަށް ވަންޏާ އެހެން ފަތުރުވެރިން ހުން އައީމަ ގުޅަން ޖެހޭނެތީވެ، އޭރުގައި ރިޕޯޓުކުރަން އޮތް ކްރައިޓީރިއާ ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެވޭ ކްރައިޓީރިއާއަށް ނުފެތޭ ތީވެ، ރިޕޯޓު ނުކުރާ ގޮތަށް ނިންމީ،" ރިޔާޒް ވިދާޅުވިއެވެ.

މެނޭޖްމަންޓުގެ ނިންމުން ޑޮކްޓަރާ ހިއްސާކުރުމުން، ޑޮކްޓަރުގެ ކަންބޮޑުވުންތަކެއް ހުރުމުން، އިތުރަށް ރިވިއު ކުރުމަށްފަހު ރިސޯޓުގެ ޑޮކްޓަރު ވަނީ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅާފައެވެ.

ކޮވިޑް19 އަށް ޝައްކުވާ މީހަކު ހުރިކަން ރިޕޯޓެއް ނުކުރޭ!

ފަތުރުވެރިޔާގެ ފަރާތުން ފެންނަމުންދިޔަ އަލާމާތްތަކަކީ ކޮވިޑް19 ގެ އަލާމާތްތައްކަން އެނގުނު ނަމަވެސް، ރިސޯޓުގެ ފަރާތުން އެކަން އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ނުވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ހޮޓްލައިނަށް ޑޮކްޓަރު ގުޅި ނަމަވެސް، ތިން މިނެޓު 24 ސިކުންތަށް ދެމިގެން ދިޔަ އެ ކޯލުގައި މަޝްވަރާކޮށްފައި ވަނީ، އެބަލި ރިޕޯޓުކުރުމުގެ ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ އާއި، ސަސްޕެކްޓު ކުރާ ކްރައިޓީރިއާއަށް ފެތޭ ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކަށް އިތުރު ބަދަލެއް އައިސްފައިވޭތޯ ކަމަށް ފުލުހުންގެ ތަހުގީގުން ވަނީ ހާމަވެފައެވެ.

ޑޮކްޓަރުގެ ސުވާލުތަކާ ގުޅިގެން އެޗްޕީއޭއިން ވަނީ ބައްޔަށް ފެތޭ ކްރައިޓީރިއާ އާއި ގައުމުތަކުގެ މައުލޫމާތު ޑޮކްޓަރާ ހިއްސާކޮށްފައެވެ.

"އެކަމަކު ޖުމްލަ ގޮތުގައި ތަހުގީގީ ހޯދުންތަކުން މިހާތަނަށް އެނގެން އޮތީ އެދުވަހު ޑޮކްޓަރު އެޗްޕީއޭ ހޮޓްލައިނަށް ގުޅި ކަމުގައި ވީނަމަވެސް، ކޮވިޑް19 އަށް ޝައްކު ކުރެވޭ ކަހަލަ އަލާމާތްތަކެއް ހުރި މީހަކު އެތަނުން ފެނިގެން އެމީހަކަށް އެއްވެސް ސިފައެއްގައި ފަރުވާ ދެވެމުން ދާކަން އެޗްޕީއޭ އާ ހިއްސާކޮށްފައި ނެތްކަން،" ރިޔާޒް ވިދާޅުވިއެވެ.

އޭގެ ފަހުން ފެބުރުއަރީ 28 އަދި 29 ވަނަ ދުވަހު ވެސް އެ ފަތުރުވެރިޔާ ވަނީ ޑޮކްރަށް ދައްކައިފައެވެ. ނަމަވެސް ދެ ދުވަހުވެސް އޭނާގެ ހާލު ޖުމްލަގޮތެއްގައި ރަނގަޅު ކަމަށާއި، އޭރުވެސް ފަތުރުވެރިޔާގެ ކައުމުގެ ކަންކަން ހަމަޖައްސަމުން ދިޔައީ އޭނާގެ ކޮޓަރީގައި ކަމަށް ފުލުހުން ބުންޏެވެ.

ރިޔާޒް މިއަދު ވިދާޅުވީ އެ ފަތުރުވެރިޔާގެ ފަރާތުން ފެންނަމުން ދިޔަ އަލާމާތްތަކާއި، އަދި އެކަމާ ގުޅިގެން ޑޮކްޓަރާއި ރިސޯޓުގެ މެނޭޖްމަންޓައި ސްޓާފުންގެ ކަންބޮޑުވުން ހުރި މިންވަރުން ފަތުރުވެރިޔާއަށް ދިމާވެގެން އުޅެނީ ކޮވިޑް19 ގެ އަލާމާތްތަކެއް ކަން ގަބޫލުކުރެވި އަދި އެކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަން ޖެހޭ ސަބަބުތައް ހުރިކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ތަހުގީގަށް ފާހަގަވާ ކަމަށެވެ.

ނަމަވެސް މައްސަލައާ ގުޅޭ މައުލޫމާތު އެއްކުރެވިފައި ވަނީ ފޯނުން ކަމަށްވާތީ، އިތުރު ފަރާތްތަކުގެ ބަޔާންތައް އަދި ނަގަންޖެހޭ ކަމަށާއި އިތުރަށް ސާފުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަނީ މުވައްޒަފުންގެ މައްޗަށް ފަރުދީ ގޮތުން ކުރާ ތަހުގީގެއްގެ އިތުރަށް ސީދާ ރިސޯޓު މެނޭޖުކުރާ ނުވަތަ ރިސޯޓު ހިންގާ ކުންފުނީގެ އިހުމާލެއް މިކަމުގައި އޮތްތޯ ބެލުމުގެ ގޮތުން ކަމަށް ވެސް ރިޔާޒް މިއަދު ވަނީ ވިދާޅުވެފައެވެ.

އެއާޕޯޓު ތެރެއަށް ދެ ފަހަރު ވެއްޓުނު!

ރާއްޖެއިން ފުރުމަށް، ފަތުރުވެރިޔާ އެއާޕޯޓަށް ދިޔައީ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަސް ގޮސް ޗެކް-އިން ކައުންޓަރުގައި ހުއްޓާ އޭނާ އަނބުރައިގަނެގެން ވެއްޓުނު ކަމަށް ތަހުގީގަށް އެނގިފައިވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

އަދި އެފަހަރު ވެއްޓުމުން އެތަނުގައި ތިބި މީހުން އޭނާ ކޮޅަށް ނެގުމުން އަނެއްކާވެސް ވެއްޓުނު ކަމަށާއި، އޭނާ ފްލައިޓަށް އެރުވީ ފުރޮޅުލީ ގޮނޑިއަކަށް ލައިގެން ގެންގޮސް ކަމަށެވެ.

ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާ އެއާޕޯޓަށް ދިޔައީ މާސްކް އަޅައި، މޫނާއި ނޭފަތާ އެއްކޮށް ނިވާކޮށްގެން ކަމަށެވެ. އަދި އެއާޕޯޓުގައި ކިޔޫގައި ތިބޭ އިރު ގިނައިރުވެގެން ނުވަތަ ހޫނުގަދަވެގެން މީހުން ވެއްޓުމަކީ މަދުން ނަމަވެސް ދިމާވާ ކަމެއް ކަމަށް ވާތީ އާއި، ފަތުރުވެރިޔާގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެންނަން ނެތް ކަމަށް އެވަގުތު އޭނާއަށް އެޓެންޑުވި މުވައްޒަފުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.

އެ ފަތުރުވެރިޔާ އާއެކު ކުރެއްދޫ އިން އައި އިތުރު ފަތުރުވެރިންތަކެއް އޭނާ ރިސޯޓުގައި ވެސް ހުން އައިސް، ސިއްހީ މައްސަލަތަކެއް ދިމާވި ކަމަށް ފްލައިޓުގެ ކެޕްޓަނަށް މައުލޫމާތު ދިނުމުން، ކޮމްޕްލިކޭޝަނެއް ދިމާވެދާނެ ކަމަށް ބަލައި، ކެޕްޓަން ވަނީ އެ ފަތުރުވެރިޔާ ގޮވައިގެން ދަތުރުކުރަން އިއުތިރާޒުކޮށްފައެވެ.

ބޯޓުން ބޭލުމަށްފަހު އެއާޕޯޓުގައި ހުންނަ ކްލިނިކަށް ވެސް ވަނީ ދައްކައިފައެވެ. އޭރު ފަތުރުވެރިޔާގެ ހުމުގެ އަސަރެއް އަދި ކޮވިޑް19 އަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް ނެތުމުން، އޭނާގެ އިތުރު ޓެސްޓެއް ހަދަން އެތަނުގައި އިން ޑޮކްޓަރު ވެސް ލަފާދީފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

އަދި ފަތުރުވެރިޔާ އަނބުރައިގަތީ އެންޒައިޓީ ފަދަ ކަމެއްގެ ސަބަބުން ކަމަށް ޑޮކްޓަރަށް ވެސް ގަބޫލުކުރެވުނު ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެ ފަތުރުވެރިޔާ އަކީ އިނގެރޭސިބަހުން މުއާމަލާތް ކުރަން އެނގޭ މީހަކަށް ނުވުމުން، އެއާޕޯޓު ކްލިނިކުން އޭނާ ބެލި ޑޮކްޓަރަށް ވެސް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

އަދި އެތަނުގައި ފަތުރުވެރިޔާއާ މުއާމަލާތް ކޮށްފައި ވަނީ ރިސޯޓުގައި ހުރި ފަތުރުވެރިޔާއަށް ކުރިން އެހީތެރިކަން ފޯރުކޮށްދިން މުވައްޒަފަކަށް ގުޅައިގެން ފޯނުން އެ ދެކެވުނު ވާހަކަ ތަރުޖަމާކޮށްގެން ކަމަށްވާތީ އެތަނުގައި ފަތުރުވެރިޔާ އާ ގުޅޭ ނިންމުންތައް ނިންމިފައި ހުރީ އެވަގުތު ފަތުރުވެރިޔާ ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ކަން ވެސް ރިޔާޒް ފާހަގަ ކުރެއްވިއެވެ.

އެދުވަހު ފަތުރުވެރިޔާއާ ހަވާލުވެ ހުރި ފަރާތުން ފަތުރުވެރިޔާ އެއާޕޯޓުން ނެރެގެން ގެނެސް ބަހެއްޓީ މާގިރި ހޮޓެލްގައެވެ. އެކަމާ ގުޅިގެން އެ ހޮޓަލުގެ 15 މުވައްޒަފުން ގޭގައި އެކަހެރިކުރިއެވެ. އަދި މާގިރި ހޮޓެލްވެސް ޑިސްއިންފެކްޓު ކުރުމަށް ބަންދުކުރިއެވެ.

އޭގެ އިތުރުން އެމިރޭޓްސްގެ ޓިކެޓިން އޮފީހަށް ވެސް ފަތުރުވެރިޔާ ގޮސްފައި ވާތީ އެތަނުގެ ކައުންޓަރުގައި އިން މުވައްޒަފު ވެސް އެކަހެރިކޮށް ސާމްޕަލް ޓެސްޓުކުރި އެވެ. އޭނާ ވަނީ ވައިރަހަށް ނެގެޓިވް ވެފައެވެ.

އެ ފަތުރުވެރިޔާގެ ފަރާތުން ކުރެއްދޫގެ ފަސް މީހަކަށް ވަނީ ވައިރަސް ޖެހިފައެވެ. އޭގެ ތެރޭގައި އޭނާއަށް ރިސޯޓުގައި ފަރުވާދިން ޑޮކްޓަރު ވެސް ހިމެނެއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ފަތުރުވެރިޔާ އެއާޕޯޓު ތެރެއަށް ވެއްޓުމުން، އޭނާ ނަގައިގެން ދިޔަ މީހުން ވެސް މިހާރު ވަނީ ދެނެގަނެވިފައެވެ. އަދި ބޯޓުން ފައިބައިގެން، އިމިގްރޭޝަން ކްލިއާކޮށް، މާގިރިއަށް ގޮސް އޭނާ ރާއްޖެއިން ފުރެންދެން އެކި ކަންކަމުގައި އޭނާއަށް މަގުފަހިކޮށްދިން މީހުންގެ މައުލޫމާތު ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

ޕޮޒިޓިވްވިކަން އެންގީ ފަތުރުވެރިޔާ އަމިއްލައަށް ގުޅައިގެނެއް ނޫން!

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް މިއަދު ވިދާޅުވީ، ފަތުރުވެރިޔާ އިޓަލީއަށް ގޮސް، ބައްޔަށް ޓެސްޓުކުރުމަށްފަހު އޭނާގެ ނަތީޖާ ރިސޯޓާ ހުއްސާކުރީ ނޫން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާ ފުރައިގެން ދިޔަ ފަހުން، ކުރެއްދޫ ރިސޯޓުން އޭނާއަށް ތަކުރާރުކޮށް ގުޅައި، އޭނާގެ ފަރާތުން މައުލޫމާތު ސާފުކުރަމުން ދިޔަ ކަމަށެވެ.

ފަތުރުވެރިޔާ ފުރި ފަހުން، އޭނާ ބެލި ޑޮކްޓަރުގެ ގައިން ވެސް ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން، ފަތުރުވެރިޔާ ބައްޔަށް ޓެސްޓު ކުރިތޯ އާއި، އޭނާއަށް ބަލި ޖެހިފައި ހުރިކަން ޔަގީން ކުރުމަށް ރިސޯޓުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް