ގެއްލުނު މަސް ދޯންޏާ ގުޅިއްޖެ، އެންމެންގެ ހާލު ރަނގަޅު

ހަބަރެއް ނުވެގެން ހޯދަމުން ދިޔަ "އަލަމަސް" ދޯނި. އެ ދޯންޏާ މިހާރު ވަނީ ގުޅިފައި. ދޯނީގައި ތިބި ފަސް މީހުންގެ ހާލުވެސް ރަނގަޅު -- ފޮޓޯ/އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ "އަލަމަސް" ނަމަކަށް ކިޔާ މަސް ދޯންޏާ މިހާރު ގުޅިފައިވާ ކަމަށާއި، ދޯނި މާލެއަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ފަސް ދިވެހިންނާއެކު ދަތުރުކުރަމުން ދިޔަ 35 ފޫޓުގެ މަސް ދޯނި ގެއްލިގެން ހޯދަން ފެށީ އިއްޔެއެވެ ދޯނި ހޯދަން ފެށިއިރު އެ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނު 9:50 ގައި ވ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފް އަށް އެ ހާދިސާގެ ރިޕޯޓު ކޮށްފައި ވަނީ އިއްޔެމެންދުރު ފަހު 3:20 ގައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެ ދޯންޏާ މިހާރު ގުޅިފައިވާ ކަމަށާއި، ދޯނި މިހާރު ދަތުރުކުރަމުން އަންނަނީ މާލޭ މަސް މާރުކޭޓަށް ކަމަށެވެ.

"ދޯނީގެ ހަބަރެއް ވީ މިއަދު ހެނދުނު 09:05 ހާއިރު،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެ ދޯނި އުޅުނީ މަސްވެރިކަން ކުރަން ކަމަށާއި، އެ ދޯނި އޮތީ ވ. ރަކީދޫ ކައިރީގައި ކަމަށް ދޯނީގެ ކައްޕި މައުލޫމާތު ދީފައިވާ ކަމަށެވެ.

އަދި ދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް، ކައްޕިއާ ހަވާލާދީ އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް